ދުނިޔޭގައި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން އަމީންގެ މައްސަލަ ބަލައި އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައި ވަނީ އޭނާގެ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެކެވެ. ދައުލަތުގެ ފަރާތުން އެދިފައި ވަނީ ޑިސެމްބަރު 15، 2019 ވަނަ ދުވަހު ޝަރީއަތް ނިމެންދެން އަމީން ބަންދުކުރުމަށް ނެރެފައިވާ އަމުރު ދަމަހައްޓައި ދިނުމަށެވެ. ނަމަވެސް އެ އަމުރުގައިވާ ގަޒިއްޔާ ނަންބަރުތައް ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ވަނީ ބަދަލުވެފައެވެ.
އަމީންގެ ދިފާއީ ވަކީލުން ވަނީ އެކަމަށް އިއުތިރާޒް ކޮށްފަ އެވެ. އަމީންގެ ދިފާއީ ވަކީލުން އެދިވަޑައިގަތީ ހައިކޯޓުން ނެރެފައިވާ މޮނިކޮން އަމުރު ދަމަހައްޓައި ދިނުމަށެވެ. ދިފާއީ ވަކީލް އިސްމާއީލް ވިޝާމް ވިދާޅުވީ އަމީންގެ މައްސަލަ ވުޖޫދަށް އައިސްފައި ވަނީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ކަމަށާއި، ނަމަވެސް ފަހުން އޭނާ ހައްޔަރުކޮށް ބަންދު ކޮށްފައި ވަނީ 2019 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން އެ ދެމެދުގައި 12 އަހަރު ވޭތުވެ ހިނގައްޖެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ތުހުމަތު ކުރެވޭ އެއްވެސް އަމަލެއް އަމީންގެ ފަރާތުން ފެނިފައި ނުވާ ކަމަށެވެ.
ހައި ކޯޓުން އަމީންގެ މައްސަލާގައި ނިންމީ މައުޟޫއީ ގޮތުން އެ މައްސަލަ ބެލެން ނެތް ކަމަށާއި އޭނާ ޖަލު ބަންދުން ދޫކޮށްލުމަށެވެ. އެއަށް ފަހު ގޭބަންދުގައި ދުވަހުގެ ބައެއް ހޭދަކުރާ ގޮތަށް އަދި މާލެއިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރުނެވެ. ދިފާއީ ވަކީލުން އެދިވަޑައިގަތީ ހައި ކޯޓުގެ މޮނިކޮން އަމުރު ދެމެހެއްޓުމަށެވެ. އެ ގޮތުން އެ އަމުރު މި މަހުގެ 19 ވަނަ ދުވަހަށް ހަމަވާއިރު، އެ އަމުރު ބަދަލު ކުރަން ޖެހޭ ޒަރޫރީ ހާލަތެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ.
ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އަމީންގެ މައްޗަށް ކުރަނީ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ކަމަށާއި ތުހުމަތު ކުރެވޭ ވަރަށް އެކަށޭނަ ހެކި ވެސް ހުރި ކަމަށެވެ. އެހެންވެ ބަންދު ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ހާލަތްތައް ވުޖޫދުގައިވާ ކަމަށް ގަބޫލު ކުރެވޭތީ 30 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި އަމީން ބަންދު ކުރަން އަމުރު ކުރެއްވިއެވެ.