ރާއްޖެއިން އިންޑިއާއަށް ދިއުމުގައި ވިސާ ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަނީ ރާއްޖެއިން އިންޑިއާއަށް އިތުރަށް ކޮންކަމެއް ކޮށްދީގެންތޯ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު (އަންޑޭ) ސުވާލުކުރައްވައިފިއެވެ.
އިންޑިއާ ވިސާ ހޯދުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢވ ޢަބްދުﷲ ޝާހިދު ރޭ ވަނީ ދެއްވާފައެވެ. ރާއްޖެއާއި އިންޑިއާގެ ގުޅުން މީގެ ކުރިން ދުވަހަކުވެސް ބަދަހި ނުވާވަރަށް ބަދަހިވެ "އެންމެ ފުތަމަ އިންޑިއާ" ސިޔާސަތު، އިންޑިއާ ސަރުކާރާ އެކީ އޮތް ޚާރިޖީ ގުޅުމުގެތެރިން މިސަރުކާރުން ދަމަހައްޓަމުން ދާއިރުވެސް ވިސާ ހޯދުމުގައި ދިވެހިންނަށް ވަނީ ވަރަށް ބޯޑު ދަތިތަކާިއ ކުރިމަތިލާންޖެހިފައެވެ.
ކުރީގެ މިނިސްޓަރ އަންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއިން އާންމުކޮށް ވިސާ ދަތިކޮށްފައި ހުރީ ރާއްޖެއާމެދު އެމީހުން ހިތްހަމަނުޖެހުނީމަކަމަށެވެ. އޭނާ ވަނީ އިތުރުކަމެއް ކޮންކަމެއް ކޮށްދީގެންތޯ ވިސާ މައްސަލަ ހައްލުކުރަން ސަރުކާރުން އުޅުއްވަނީ ސުވާލުކުރައްވާފައެވެ.
އިންޑިއާއިން އާންމުކޮށް ވިސާ ދަތިކޮށްފައި ހުރީ ރާއްޖެއާމެދު އެމީހުން ހިތްހަމަނުޖެހުނީމަ. ކިހާވަރެއްގެ އިތުރުކަމެއް ކޮށްދީގެންބާ ވިސާ މައްސަލަ ހައްލުކުރަން މިއުޅެނީ.
– އަޙްމަދު މުޙައްމަދު
އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އިންޑިއާގެ ބޯޑަރުތައް ބަންދުކުރިފަހުން އެޤައުމުން ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާކަމަށެވެ. އަދި މިކަމިގައި އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އަޅުގަނޑަށް އެނގޭ. މިހާތަނަށްވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިއޮތުމުން، ދިވެހިންނަށް ވިސާދެމުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން. މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން. ވަރަށް އަވަހަށް ޙައްލެއް ލިބޭނެކަމަށް ޔަޤީން ކުރަން.
– ޢަބްދުﷲ ޝާހިދު
ވިސާ ހޯދުމަށްްޓަކައި ހައި ކޮމިޝަނުގެ ބޭރުގައި ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް މީހުން ކިއު ހަދާފައި ތިބެއެވެ. މި ސަރުކާރުަގއި ރާއްޖެއާއި އިންޑިއާ ގާތް ގުޅުމެއް އޮތްނަމަވެސް އިންޑިއާ ވިސާ ހޯދުމަށް ދިވެހިން މިއަދު "ސަލާން ޖަހަން" ޖެހިފައިވާކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.