ޖޯޖިއާގައި ބޭއްވުނު ޕާލަމެންޓްރީ އިންތިޚާބުގައި އެގަމުގެ ވެރިކަންކުރާ ޖޯޖިއަން ޑްރީމް ޕާޓީން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހު އާންމުކުރެވުނު އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ޑްރީމް ޕާޓީންވަނީ %50 އަށްވުރެ މަތީ އައުލަބިއްޔަތެއް ހޯދާފައެވެ.
އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކޮށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހިރާއަށް ނުކުތުމަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލާފައެވެ.
ހޮނިހިރު ދުވަހުގެ އިންތިޚާބަށްފަހު، މިހާތަނަށް އައިއިރު ވޯޓު ލީމީހުންގެ %44 ވޯޓު ގުނާ ނިމިފައިވާއިރު، ޖޯޖިއާގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި ވެރިކަންކުރާ ޑްރީމް ޕާޓީއަށް %50.58 ވަނީ ލިބިފައެވެ. އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޔުނައިޓެޑް ނޭޝަނަލް މޫވްމަންޓަށް ލިބިފައިވަނީ %24.92 ވޯޓެވެ. އިދިކޮޅު އެހެން ޕާޓީތަކަށް ޕާލިމަންޓުން ލިބިފައިވަނީ %1 އަށްވުރެ މަދު އަދަދެކެވެ.
ޖޯޖިއާގެ ވެރިކަންކުރާ ޑްރީމް ޕާޓީއަކީ އެގައުމުގެ އެންމު މުއްސަދި މަހުޖަނު ބިޑްޒިނާ އިވާނިޝްވިލީ އުފައްދާފައިވާ ޕާޓީއެކެވެ. ހޮނިހިރު ދުވަހުގެ ވޯޓުލުން ބަންދުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޕާޓީންވަނީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަން އިއުލާންކޮށް އުފާ ފާޅުކުރަން ފަށާފައެވެ. އެހެންނަމަވެސް އިންތިޚާބުގެ ކުރިން ހެދުނު ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީއާއި ވެރިކަން ކުރާ ޕާޓީން ގާތްގާތުގައި މި އިންތިޚާބުގައި ވާދަކުރާނެ ކަމަށެވެ.
ވޯޓުގެ ނަތީޖާއިން ޑްރީމް ޕާޓީއަށް ކާމިޔާބު ލިބޭނެކަމަށް ދެއްކުމާއިއެކު އެގައުމުގެ ވެރިރަށް ޓިބްލިސީގައި ބޭއްވުނު އާންމު އެއްވުމެއްގައި އިވާނިޝްވިލީ ވިދާޅުވިގޮތުގައި ޖޯގިއާގެ ރައްޔިތުން މިއަދު ސާބިތު ކޮށްދިނީ އޭނާ އުފެއްދެވި ޑްރީމް ޕާޓީއަކީ އިތުބާރު ކުރެވޭ ޕާޓިއެއްކަމެވެ. އަދި އަލްޖީރިއާގެ ރައްޔިތުންނަކީ ނުރަގަޅު ނިންމުމަކަށް ޖާގަ ދޭނޭ ރައްޔިތެއް ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، އިންތިޚާބުގެ ނަތީޖާއިން ވެރިކަން ކުރާ ޑްރީމް ޕާޓީއަށް ގިނިކަންޏާ ސަރުކާރެއް އުފެއްދޭވަރަށް މެޖޯރިޓީ ލިބިގެންދާނެކަމެއް އަދި ޔަގީނެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންތިޚާބުގެ ނަތީޖާއިން ދައްކަނީ ހަގީގީ މަންޒަރެއް ނޫންކަމަށެވެ. އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް މޫވްމަންޓުގެ އިސް ފަރާތެއްކަމުގައިވާ ނިކާ މެނީލާވަނީ އާދީއްތަ ދުވަހު މުޒާހިރާކުރުމަށް ވެރިރަށް ޓިބްލީސީގެ ސެންޓްރަލްއަށް އެއްވުމަށް އެގައުމުގެ ރައްޔިތުންނަށް ގޮވާލާފައެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރަމުން ދަނިކޮށް ނަތީޖާ އިއުލާން ކުރަމުންދިޔަ އިލެކްޝަންސް ކޮމިޝަންގެ އިސްފަރާތްތަކަށް އިދިކޮޅު ފަރާތްތަކުން ވަނީ ހުރަސް އަޅާފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އިސްފަރާތްތައް ނަތީޖާ އިއުލާންކުރަމުން ދިޔަ ހޯލުން ބޭރަށް ނެރެންޖެހުނީ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއި އެކީގައެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ކޯލިޝަނެއް އުފައްދާ، ސަރުކާރެއް އެކުލަވާ ލެވޭވަރަށް އިދިކޮޅު ގިނަ ޕާޓިތަކަކަށް މެޖޯރިޓީ ލިބިފައި ވާކަމަށެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ޔުނައިޓެޑް ނޭޝަނަލް މޫވްމަންޓް ހިމެނޭގޮތަށް އިދިކޮޅު 30 ޕާޓީއަކުން އިންތިޚާބަށްފަހު ހާމަކޮށްފައިވަނީ ވެރިކަން ކުރާ ޑްރީމް ޕާޓީއާއިއެކު ސަރުކާރެއް އެކުލަވާލުމަށް އެޕާޓީތަކުން އެއްގަލަކަށް ނާރާނެއެވެ.
އިންތިޚާބު މޮނިޓަރކުރި ފަރާތްތަކުން ބުނެފައިވާގޮތުގައި ބައެއް ހިސާބުތަކުގައި ވާދަވެރި ފަރާތްތަކުގެ މެދުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތައް ހިގާފައިވި ނަމަވެސް، އާންމު ގޮތުގައި ވޯޓުލުން ކުރިޔަށް ގޮސްފައިވަނީ އަމާންކަމާއި މިނިވަންކަމާއި އެކީގައެވެ.
މުޅީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 ކާރިސާގެ ސަބަބަން ޖޯޖިއާގެ އިގްސިދާށްވެސް ވަނީ ވަރަށް ބޮޑަށް ނެދެވޭ އަސަރުތަކެއް ކޮށްފައެވެ. މިގޮތުން އަންދާޒީ ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ނިމޭރިރު އެގައުމުގެ އިގްތިސަދު %4 ދަށަށް ދާނެއެވެ.