އަބަދުވެސް މަސައްކަތްކުރާނީ މިނިވަންކަން ދިފާޢުކޮށް، ޤައުމިއްޔަތު ކުރިއެރުވުމަށް: އެމްއެންޕީ

އަބަދުވެސް މަސައްކަތްކުރާނީ މިނިވަންކަން ދިފާޢުކޮށް، ޤައުމިއްޔަތު ކުރިއެރުވުމަށް: އެމްއެންޕީ

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2021 01:44
0

އަބަދުވެސް މަސައްކަތް ކުރާނީ މިނިވަންކަން ދިފާޢުކޮށް ދިވެހި ޤައުމިއްޔަތު ކުރިއެރުވުމަށް ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައާއި ޕާޓީގެ މުއައްސިސުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ އަރިސްކޮށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ރާއްޖޭގެ މިއުފާވެރި ޤައުމީ ދުވަހުގެ ހަނދާންތަކާއި އިޙްސާސްތައް ގުޅިފައިވަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށާއި އިސްލާމްދީނުގެ ދިފާޢުގައި އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އަޅުގަނޑުމެން އައުކުރާދުވަހުގެ ގޮތުގައިކަމަށެވެ.

އަދި އެމަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން، އެރަދުންނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށް އެރަދުން އަރިހުގައި ހަނގުރާމަކުރެއްވި އެންމެހާ ދިވެހި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި، އެޕާޓީން ވަނީ ދުޢާ ކުރައްވާފައެވެ.

ހަމައެފަދައިން، ރާއްޖޭގެ ޤައުމީ ޙަޔާތުގެ އެކި ދުވަސްވަރު، ދިވެހިންގެ މިނިވަންކަމަށްޓަކައި، ޤައުމީ ޖިހާދުގައި ޤުރްބާންވެވަޑައިގެންނެވި، އެންމެހައި ޤައުމީ ބަޠަލުންގެ ހަނދާންތައް އައުކޮށް، އެ މަތިވެރި ބަޠަލުންނަށް ހެޔޮދުޢާ ކުރުމަކީވެސް މިފަދަ ޤައުމީ މުނާސަބަތެއްގައި އަދާކުރަންޖެހޭ ޤައުމީ ވާޖިބެއްކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ. އެމްއެންޕީން އަބަދުވެސް މަސައްކަތްކުރާނީ މިނިވަންކަން ދިފާޢުކޮށް ދިވެހި ޤައުމިއްޔަތު ކުރިއެރުވުމަށް ކަމަށާއި، ދުޢާއަކީ ދިވެހި ޤައުމަށް އަދަށްވުރެ ފެހި މާދަމައެއް މާތް ﷲ މިންވަރުކުރެއްވުން ކަމަށް އެޕާޓީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.