ސާފް ޗެންޕިއަންޝިޕްގައި ދިވެހި ރާއްޖޭގެ ޤައުމީ ޓީމު ކުޅޭ ހުރިހާ މެޗުތަކެއް ސްޓެލްކޯގެ ބޮޑު ޓީވީ (ސްވިމިންގ ޓްރެކްކައިރި) ހުންނަ ސްކްރީނުގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ޤައުމީ ޓީމު ކުޅޭ މެޗުތައް އަޅުވަން ނިންމާފައިވަނީ ޤައުމީ ރޫޚު އިތުރަށް އާލާކޮށް، ވީހާވެސް ގިނަ ބަޔަކަށް ރާއްޖެ ކުޅޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. މިފަދަ ޤައުމީ ކޮންމެ ކަމެއްގައި ބައިވެރިވެ، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަކީ ސްޓެލްކޯގެ އަބަދުވެސް އަމާޒެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ވަނީ ސާފް ޗެންޕިއަންޝިޕްގައި ދިވެހި ޓީމަށް ކާމީޔާބީއަށްއެދިފައެވެ. ސްޓެލްކޯއަކީ މިފަދަ ޤައުމީ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކަމުންދާ ކުންފުންޏެކެވެ.
ސާފް ޗެމްޕިއަންޝިޕް ވެގެންދާނީ މި އަހަރު ރާއްޖޭގައި ބާއްވާ ސަރަހައްދީ ދެ ވަނަ މުބާރާތަށެވެ. އޭޝިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ކްލަބު މުބާރާތް އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ވެސް ރާއްޖެއިން އިންތިޒާމު ކުރި ގޮތާމެދު ވާދަކުރި ކްލަބުތަކުން ތައުރީފު ވެސް ކުރިއެވެ. ކޮވިޑްގެ އުނދަގޫ ހާލަތުގައި ވެސް ރާއްޖެއިން ކާމިޔާބު ކަމާ އެކު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖް ހޯސްޓުކޮށް ނިންމާލުމަކީ ރާއްޖެއާ މެދު ސަރަހައްދުގެ ގައުމުތަކުން އިތުބާރު ކުރާ ސަބަބެކެވެ.
މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ވެގެން ދިއުމަކީ ދިވެހިންގެ އުންމީދެވެ. މިރޭގެ މެޗުން މޮޅުވުމަކީ ދިވެހި ޓީމު މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ކޮންމެހެންވެސް މޮޅުވާން މަޖުބޫރު މެޗެކެވެ. މިރޭގެ މެޗުން މޮޅުވުމަށް ޤައުމީ ޓީމު އޮތީ ވަރަށް ވަރުގަދަ ރޫހެއްގައެވެ.
ކޮމެންޓު ފޮނުވާ