ދިވެހިރައްޖޭގެ ވެރިކަމުގެ މާޒީއަށް ނަޒަރެއް ހިންގާލުމުން ފެންނާން އޮތް އެއް ހަގީގަތަކީ، މިގައުމަކީ ޒަމާނުއްސުރެ ވެރިކަމުގައި ކޮއިލުގެ ތެރޭގައި ވެރިކަމުގެ ކޯޅުންތައް އިންތިހާއަށް ގިނަ ގައުމެއްކަމެވެ. އަދި ވެރީން ވެރިކަން ކުރުމުގައި ބޮޑެތި ގޯސްތައް ހެދުމުގެ އިތުރުން ވެރިކަން ދެމެހެއްޓުމަށްޓަކާވެސް ޒަމާނުއްސުރެ ވެރީން ބޮޑެތި ގޯސްތައް ހަދާ، މިގޮތުން އައި ބައެއް ހާލަތްތަކުގައި، ދިވެހިރާއއްޖެއަކީ، ފާއިތުވެދިޔަ ތަނުގައި ގައުމުގެ ވެރިކަން ކުރި ބައެއް ވެރީން އަނިޔާވެރިކަން އިސްކޮށްފައި އޮތް ގައުމެއްކަންވެސް މިއީ، މާޒީގެ ސަފުހާތަކަށް ނަޒަރެއް ހިންގާލުމުން ސާފުކޮށް ފެންނާން އޮތް ހަގީގަތެއް ކަމުގައިވެސް ދަންނަވަން ޖެހެއެވެ.
މިގޮތުން، ރާއްޖޭގެ ގަދީމީ ޒަމާނުގައި ރަސްކަން ކުރި ރަސްރަސްކަލުން ރަސްކަންކުރި ޒަމާންތަކުގައި، ވެރިކަމުގެ ޖަޒުބާތުގައި އަބިން ފިރިން މަރާ، އަދި ވެރިކަމުގެ ދަހިވެތިކަމުގައި ބައެއް ރަސްރަސްކަލުން ދީން ދޫކޮށް ޢައިރުދީނަށް އެބުރި، ވެރިކަމުގެ ޖާހަތަށްޓަކާ ރަސްކަމާއި ވެރިކަން ކުރި ފަރާތްތަކުން، ނުވަތަ ވެރިކަމަށް ދަހިވެތިވީ ފަރާތްތަކުން ނުހަނު ބޮޑެތި ނިންމުންތަކާއި އަދި ބައެއް ހާލަތްތަކުގައި ބޮޑެތި ޖަރީމާތަށްވެސް ހިންގާފައިހުރިކަން، މިއީ ދިވެހި ތާރީޚުގެ މަތާރަންފިލާމަތިން ހިރަފުސް ފޮޅާލީމާ އަދިވެސް ފެންނާންހުރި، ތާރީޚީ ފޮތްތަކުގެ ލިޔެވި ބަޔާން ކުރެވިފައި ހުރި ވާހަކަަތަކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ.
މިގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީންގެ ވެރިކަން ނިމިދިޔަ ހިތާމަވެރި ހާދިސާއާއި، އޭގެ ފަހުން، ވެރިކަމަށް ވަޑައިގެންނެވި، ރައީސް އިބުރާހިމް ނާސިރުގެ ވެރިކަމަށްފަހު އަވަހާރަ ވަންދެންވެސް އެމަނިކްފާނު ގައުމުން ބޭރަށް އަރުވާލެއްވިގެން ހުންނަވަން ޖެހިވަޑައިގަތް ގަތުމުގެ މަތިން ހަދާން އާކޮށްލުމުންވެސް، ދިވެހި ރާއްޖެއަކީ އެއްގޮތަކަށްވެސް މަގާމުން ވަކިވެދާ ވެރިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ސަގާފަތެއް އޮތް ގައުމެއް ނޫންކަން ވަރަށްވެސް ރަގަޅަށް ވަޒަންކުރެވެން އެބައޮތެވެ.
އަދި އެއަށްފަހު، ފަހުގެ ޒަމާންތަކުގައި، ދިވެހި ރާއްޖޭގައި ވެރިކަން ކޮށްފައި، މިހާރުވެސް ދުނިޔޭގައި ތިއްބެވި ބޭފުޅުން ވެރިކަމަށްފަހު އުޅުއްވަން ޖެހިވަޑައިގެންފައިވާ ގޮތާއި އަދި އެބޭފުޅުން ވެރިކަމާ ދުރަށް ވަޑައިގެންނެވުމަށްފަހު، ދެން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހާލަތުތަކާއި، މިއީ ތާރީޚާއި އެކުވެގެންދާ، އެހެންނަމަވެސް ގައުމެއްގެ ހަޔާތުން ފެންނަ އުފާވެރި މަންޒަރުތަކެއް ގޮތުގައި ސިފަކުރެވެން ނެތްތަކަމީ ހަމަ ޔަގީނުންވެސް ދެބަސްވެވެން ނެތް ހަގީގަތެއްކަމުގައި ދަންނަވަންޖެހެއެވެ.
ރާއްޖެއަކީ ގައުމުގެ ކުރީގެ ވެރިންނަށް އަމާންކަން އޮތް ތަނެއް ނޫން!
އެހެންނަމަވެސް، ފާގަކޮށްލާން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ދިވެހިރާއްޖޭގައި ވެރިކަން ކޮށްފައިވާ، އަދި އެއް ވެރިޔަކަށްފަހު އަނެއް ވެރިޔަކަށް ކުރިމަތިލައްވަން ޖެހިވަޑައި ގަންނަވަމުންދާ ބަދުނަސީބުވެރިކަމާ އެއްފަދައިން، މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ވެރިންނަކީވެސް އެބޭބެފުޅުންގެ ވެރިކަމުގައިވެސް، އެއްބަޔަކު އަނެއްބައެއްގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކުރައްވާފައިވާ ވެރީންތަކެއް ކަމީވެސް، ކަންހިގާފައިވާ ގޮތަށް ބަލާލުމުން ވަރަށްވެސް ސާފުކޮށް ފެންނާނަން ހަގީގަތެކެވެ.
މިގޮތުން ރައީސް މައުމޫންވެރިކަމުގައި އެމަނިކްފާނުވަނީ، އެމަކިކްފާނުގެ ވެރިކަމާ ދެކޮޅަށް ފާޑު ވިދާޅުވަމުން ގެންދެވި ގިނަބަޔަކު އޭރު ޖަލައްލަވާފައެވެ. އަދި އެމަނިކްފާނުގެ ދައުރުގައި، ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިތާތަށް ދީފައިވާކަމުގެ ތުހުމަތުތަކާއި، އަދި އެކަންކަމުގެ ސާފު ހަގީގަތް ހުރެމެ، މިއަދު ރައީސް މައުމޫނު އެކަންކަމުގެ މަޢޫލޫމާތު އޭރު އެގިވަޑައި ނުގަންނަވާކަމަށް އަމިއްލަފުޅަށް ވިދާޅުވިއެއްކަމަކު، އެމަނިކްފާނުގެ ދިގު ވެރިކަމުގެ ހަޔާތް ހޭދަކުރައްވާފައިވަނީ، އިދިކޮޅު އަޑުތައް ކަނޑުވާލާ، އިދިކޮޅު ފަރާތްތައް ބަންދުކޮށް އަދި ޖަލަށްވެސް ލެއްވުމުގައިކަން މިއީ، ރައީސް މަުމޫނުގެ ވެރިކަމާ ދެކޮޅަށް އޭރު މަސައްކަތް ކުރައްވަމުން ގެންދެވި ފަރާތްތަކުގެ އޭރުގެވެސް މިހާރުގެވެސް ޝަކުވާތަކެވެ.
އެހެންނަމަވެސް، ދެން ފެނިގެން ދިޔައީ، މިޝަކުވާތައް އެންމެ ހަރު އަޑުން ކުރައްވަމުން ގެންދެވި ފަރާތްތަކުގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ފުރޮޅިގެން ދިޔަމަންޒަރެވެ. ރައީސް މައުމޫނުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވާ، އަދި އިސްލާހީ ހެޔޮބަދަތުތައް ގެނެސް ދެއްވާނޭކަމުގެ ވައުދުތަކާއެކީ، އިދިކޮޅު ފަތާތްކުން ސަރުކާރަށް ކިޔުއްވާ ފާޑުކިޔުންތަކާއި، ޖައްސަވާ ހަޖުލާއި ކުރާ ފުރައްސާރައަކަށް، ކުޑަވެސް ފަރުވާލެއް ނުބަހައްޓާނޭކުމުގެ ފޮނިވައުދުތަކާއެކީ، ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ތިއްބެވި ފަރާތްތަކުގެ އަތްމައްޗަށް ވެރިކަކުގެ ބާރުތައް ފުރޮޅި، އެފަރާތްތަކުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި މަންޒަރެވެ.
ނަޝީދުގެ ވެރިކަން ސިފަވެގެން ދިޔައީ ރުންކުރު ވެރިކަމެއްގެ ގޮތުގައި
މިގޮތުން ހާލަތު ބަދަލުވެ، ރައީސް މައުމޫނަށްފަހު، ދެންފެނިގެންދިޔަ ރައީސް ނަޝީދުގެ ކުރު ވެރިކަމުގެ ދައުރެވެ. ވެރިކަމުގެ ފަރާތުން އޭގެކުރިން ފެންނަމުން އައި އަނިޔާވެރިކަމުގެ އެތަކެއް ސަގާފަތަކަށް ބަދަލު އަންނާނޭ ކަމުގައި ރައްޔިތުން އުއްމީދުކޮށް ރުހި ގަބޫލުކޮށްގެން ތިބިނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރެއްހާ ދުވަސްވެސް ފާހަގަވެގެން ދިޔައީ، ގަދަބަސް ބުނުމާއި، ހަރުކަށިކަން ދެއްކުމާއި، ސިޔާސީ ވާދަވެރިން ބަންދުކުރުމާއި، ކުށްވެރި ކުރުމާއި، އެމީހުންގެ މައްޗަށް ތަހުގީގުތައް ހިންގުނު، ރުންކުރު ވެރިކަމެއްގެ ގޮތުގައެވެ.
މިގޮތުން ފާހަގަވާން އޮތް އެންމެ މުހިންމު ކަމަކީ، ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް ޔާމިން އާރަށުގައި ބަންދު ކޮށްގެ ގެންގުޅެއްފައި ވާއިރު، ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމާއި ހަމައަށް ވަޑައިގެންނެވިއިރު، އޭރުގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ރައީސް މައުމޫނުގެ މައްޗަށްވެސް އެންމެފަހުން ތަހުގީގުތައް ފެށި، ފުލުހުންގެ މުވައްސަސާއަށް ހާޒިރުކޮށް، އަދި އޭގެ އިތުރުންވެސް ސިޔާސީ އެތަކެއް ވާދަވެރިންނެއްގެ ކިބައިން ބަދަލު ހިފުމުގެ އެތައްކަމެއް ނަޝީދުގެ ވެރިކަމުގައިވެސް ފެނިގެން ގޮސްފައިވާ ތަނެވެ.
އެހެންނަމަވެސް އެއަށްފަހު ރާއްޖޭގެ ވެރިކަމަށް، އިންތިޚާބީ ރައީސެއްގެ ހައިސިއްޔަތުން ނޫންނަނަމަވެސް، ވަޑައިގެންނެވި ރައީސް ވަހީދުވެ ވެރިކަން ފާހަގަވެގެން ދިޔައީ ހަލަބޮލި، ސިޔާސީ ހަމަނުޖެހުންތައް ބޮޑު، ކުރީގެ ރައީސް ނަޝީދާއި އެމަނިކްފާނަށް ތާއީދުކުރާ ފަރާތްތަކުން އިންތިހާއަށް ބޮދެތި އުދަގޫތަކާއި ގޮންޖެހުންތައް ކުރިމަތިގެންދިޔަ ވެރިކަމެއްގެ ގޮތުގައެވެ.
އެއަށްފަހު ރައްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ ރައީސް ޔާމީނެވެ. މިގޮތުން ރައީސް ޔާމިން 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަލާލުވެ ވަޑައިގަތުމަށްފަހު، ކަން ހިގައިގެން ދިޔަ ގޮތުގެ ވާހަކަތަކާއި، އޭރު ޖަލަށް ލެއްވިގެންދިޔަ ސިޔާސީ ލީޑަރުންނާއި، ސިޔާސީ ފަރާތްތަކުގެ ވާހަކަތަކަކީ، އެވާހަކަތައް ދެއްކުމުގެ މާބޮޑު ބޭނުމެއްވެސް ނެތްފަދައިން، ދާދި މިދާކަށްދުވަހު ހިގައިދިޔަ ކަންކަން ކަމުގައި ދަންނަވަންޖެހެއެވެ.
މިގޮތުން، އަމިއްލަފުޅު އެއްބަފާ ބޭބޭފުޅު ރައީސް ޔާމިންގެ ވެރިކަމުގައި 8 ވަރަކަށް މަސްދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވިއިރު، އޭރުގެ ސަރުކާރާ ދެކޮޅަށް ތެދުވި ހަމަ ހުރިހާ ސިޔާސީ ވާދަވެރިން ކަހަލަ ގޮތަކަށް ތިއްބަވަން ޖެހިވަޑައިގެންނެވީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. ނުވަތަ ރާއްޖެއިން ބޭރަށް އަމިއްލަފުޅަށް އަރުއްވާ ލެއްވިގެން ގައުމުން ބޭރުގައެވެ. އަދި މިއީ އޭރު އެތައް ބަޔަކަށް ނުހައްގުން ލިބިގެންދިޔަ ބޮޑެތި އަނިޔާތަކެއްގެ ގޮތުގައިވެސް ގިނަބަޔަކު މިއަދުވެސް ސިފަކުރަމުންދާ ކަންކަން ކަމުގައި ދަންނަވަންޖެހެއެވެ.
ކޮންމެއަކަސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުންނަށް ވެރިކަމަށްފަހު ހަމަޖެހޭ ދިރިއުޅުއްވުމަކަށް ވާސިލް ނުވެވި، ވެރިކަމަށްފަހު ކުރިމަތި ލައްވަން ޖެހިވަޑައިގަންނަވާ ބޮޑެތި ގޮންޖުހުންތަކާއި ވެރީންނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު، ޒަމާނުގެ ސޯބު އެނބުރެމުން ބުރުޖަހަމުން އައިސް، ރައީސް ޔާމިނުގެ ވެރިކަމުގެ ދައުރަށްވެސް ނިމުން އައުމާއެކު ހަމަ އެމަނިފާނަށްވެސް މިއަދު ދައްކަވަން ޖެހިވަޑައިގެންފައި މިވަނީ އިންސާފު ނުލިބޭ ކަމުގެ ވާހަކަތަކެވެ. އަނިޔާވެރި ކަމުގެ ވާހަކަތަކެވެ. ރާއްޖޭގެ ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރާކަމުގެ ވާހަކައާއި، ކޯޓުތަކުން އިންސާފު ލިބޭނޭ ކަމުގެ ޔަގީންކަމެއް ނެތް ކަމުގެ ވާހަކަތަކެވެ.
މިގޮތުން ރައީސް ޔާމިންގެ މައްޗަށް ކުރެވެމުންދާ ދައުވާތަކުގެ ތެރެއިން އެއް ދައުވާއެއްގެ ހުކުމް ސާބިތުވެ، ޖަލު ހުކުމެއް މިހާރުވެސް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، ރައީސް ޔާމިންވެސް އެންމެ ފަހުން މި ވެވަޑައިގެންނެވީ، ރާއްޖޭގައި އެއް ރައީސަކަށްފަހު އަނެއްރައީސަކު ޖަލުގެ ތޭރިތަކުގެ ފަހަތައް ވަޑައިގަންނަވަމުންދާ ސިލްސިލާގެ މުޅިން އާބޮޅަކަށެވެ.
އޮތީ ނިމުމެއްނުވާ ޒާތީ ހަސަދަ!
އެހެންކަމުން ކުރުގޮތަކަށް ދަންނަވާނަމަ، ދަންނަވަން ޖެހެނީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތްހާވެސް ކަމަކީ، ޒާތީ ހަސަދައާއި ބަދަލު ހިފުމާއި، ވެރީންގެ ވެރިކަން ނިިމި ދިއުމާއެކު ވެރީން ޖަލަށް ވަންނަން ޖެހުމާއި، މި ކަންކަމުގެ ނިމުމެއް ނުވާ ޒާތީ ހަސަދަ ކަމުގައެވެ. އަދި މިކަންކަމުގެ މައްޗަށް ގައުމަށް ދުވަހަކުވެސް ކުރިއެރުމެއް ލިބިގެން ނުދާތާގައި، ޒަތީ ހަސަދައާއި، ޒާތީ ތައްސުބާއި، ނެތި މޮށުމާއި، ބަދަލު ހިފުމުގެ ވިސްނުމުގައި ގައުމު ހަފުސްވަމުންދާ ކަމީ ޑިމޮކްރަސީގެ ފާއިތުވެދިޔަ ކުރު މާޒީގައި ދިވެހިރާއްޖެ ކޮށްފައިވާ އަދި މިއަދުވެސް ކުރަމުންދާ ހިތި ތަކުރިބާ ކަމުގައިވެސް ދަންނަވަން ޖެހެއެވެ.
އެހެންނަމަވެސް ފެންނާ އޮތް ހަގީގަތަކީ، ދިވެހި ރައްޔިތުން މި ނޫން ދުވަހެއްގެ ހުފަންތައް ދެކެމުން ދާ ތަނެވެ. އަދިި ސިޔާސީ ވެރިންގެ ކޯޅުންތަކުން މިންޖުވެ، ގައުމަށް ހިންމެދިލެވޭނޭ ދުވަހެއްގެ އިންތިޒާރީގައި ދިވެހި ރައްޔިތުން ތިބި ތަންވެސް މެއެވެ. އެހެންނަމަވެސް، ކަށީން ހިތްވަރުނެރެ، ސިޔާސީ ވެރިންގެ އަމިއްލަ އެދުމާއި، ޖާހަތާއި، އަދި ޝައުގުގެ ކުރިމަތީގައި ހައްގުބަސް ބުނަން ކެރުނު ދުވަހަކުން މެނުވީ އެދުވަސް ރައްޔިތުންނާ ބައްދަލު ނުކުރާނޭކަމީވެސް ކަށަވަރުވެ ޔަގިންވާ ކަމެކެވެ.