ގައުމީ އެއާލައިން މޯލްޑިވިއަނުން ޗައިނާގެ ވެރިރަށް ބެއިޖިންގައި އައު އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެއާލައިންގެ ޚިދުމަތްތައް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުންނެވެ.
އޮފީސް ހުޅުވައިދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން އަޙްމަދު ޝަފީޢު، މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް އަދި ޗައިނާއަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
މި އަހަރު މިހާތަނަށް ޗައިނާއިން 327,531 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެއީ ޖުމްލަ ފަތުރުވެރިންގެ 19 އިންސައްތައެވެ. މޯލްޑިވިއަނުން މިހާރު އޭ330-200 މަތިންދާބޯޓު ބޭނުންކޮށްގެން ބެއިޖިންއާއި ޝަންހާއީ ހިމެނޭ ގޮތަށް ޗައިނާގެ ތިން ސިޓީއަކަށް ދަތުރުކުރާއިރު، އެ ގައުމުގައި އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓަކީ މެގަކެޕް އޭވިއޭޝަން ސާވިސަސް ލިމިޓެޑެވެ.
އައު އޮފީހުގެ ސަބަބުން ޗައިނާގެ ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިވެ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދެވި، ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ