ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ޤާނޫނީ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، އަލީ ވަޙިދުގެ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.
މިއީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓެން ނެތްކަމަށް ކޯޓޫން ޢަމުރުކުރި ތިންވަނަ ފަހަރެވެ. ހައިކޯޓުންވެސް ޕާސްޕޯޓް ހިފަހައްޓާން ޢަމުރު ދީފައިނުވަނީ، ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލާފައިވާ ކަމަށް ބުނެ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދުމުން، އެފަދަ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.
މިއަދު އޮތް އިސްތިއުނާފްގެ މައްސަލައިގެ ޙުކުމުގައިއި ހައިކޯޓުން ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފެހެއްޓުމުގެ ކޯޓު އަމުރެއް ހޯދުމަށް އެދެވޭނީވެސް އަދި އެފަދަ އަމުރެއް ނެރެދެވޭނީވެސް ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓު ހިފަހައްޓަން ބޭނުންވާ މީހާ ދިވެހިރާއްޖޭގެ އިހްތިސޯސުން ބޭރުވުމުގެ ކުރިންކަމަށް ބުނެފައެވެ. އެއީ, އެ އަމުރުން ހާސިލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ނަތީޖާއަކީ އެ މީހަކު ދިވެހިރާއްޖެއިން ފުރައިގެން ދިއުން މަނާކުރުން ކަމުގައިވާތީކަމަށްވެސް ހައި ކޯޓުގެ ހުކުމްގައިވެއެވެ.
މި މައްސަލައިގައި ހައި ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރުން އެންމެ ގިނައިން ސުވާލު އުފެއްދީވެސް ވެސް އެކަމާ ބެހޭގޮތުންނެވެ. ނަމަވެސް ދައުލަތުން ބުނެފައި ވަނީ އެ މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ހުރަހެއް ނެތްކަމަށެވެ.
އެންމެ ފުރަތަމަ ކަމަކަށް ކޯޓަކަށް އަމުރެއް ނެރެދެވޭނީވެސް، އެ އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ވުޖޫދުވެފައިވާނަމަކަމަށް ހުކުމްގައި ބުނެފައިވެއެވެ. އެހެންކަމުން. މީހަކު ރާއްޖެއިން ގޮސް ފިލާފާނެކަމަށްޓަކައި، އެކަން ހުއްޓުވުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އަމުރެއް ހޯދުމަށް އެދޭނަމަ، އެ މީހަކު ރާއްޖޭގެ ބޭރުވުމުގެ ކުރިން އެކަމަށް އެދެންޖެހޭނެކަމަށް ހައިކޯޓުން ކުރި ހުކުމުގައިވެއެވެ.
އެހެންކަމުން, އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ނިންމައި, ހައިކޯޓުން މައްސަލަ ވަނީ ނިންމާލައްވާފައެވެ.
ފަނޑިޔާރު ހަސަން ޝަފީއު ނެރުއްވި މިރަޢުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދު ވަނީ ތާޢީދުކުރައްވާފައެވެ.
އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ހައި ކޯޓުން ނިންމިއިރު، އޭނާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އަދި ވިސާގެ މައްސަލައެއްގައި އިނގިރޭސި ވިލާތުގައި އޭނާ ހައްޔަރު ކޮށްފައިވެސްވެއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. އަދި ސުޕްރީމް ކޯޓުގެ ޝަރީއަތަށް އޭނާ ހާޒިރުނުވި މައްސަލާގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.