ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މިނިވަން ކޮށްދެއްވުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ގޮތަށް ރައީސް ޔާމީން މިނިވަން ކޮށްދެވެން ނެތްކަމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވަނީ، އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި، ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ކޮށްފައިވާ ޙުކުމް ތަންފީޒްކުރުން ފަސްކޮށްދިނުމަށެވެ.
ޔާމީނަށް ކުރި ހުކުމުގައި އޮތް ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް މިއަދު ނެރެދިނެވެ. ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު ނުދައްކައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވީ ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ފައިސާ ނެގުމަށް ކުރާ ހުރިހާ ކަމެއް ސުޕްރީމް ކޯޓުގެ ނިންމުމެއް އަންނަންދެން ފަސްކުރުމަށް އަމުރުކޮށްފަ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއްވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އަދި ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.