ސަރަހައްދުގެ ގަދަބާރު އިންޑިއާ އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އެއްވަނައަށް ޖެހިލައިފިއެވެ.
މިއީ ބަންގްލަދޭޝަންގެ މިހާރުގެ ކޯޗު އޮސްކާ ޓީމާއި ހަވާލުވިފަހުން ހޯދި އެންމެ ރަނގަޅު ނަތީޖާކަމަށް އެޤައުމުން ދެކެއެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އިންޑިއާ ޓީމުންނެވެ. މި ގޯލަކީ ތިރިތިރިން އައި ހުރަހެެއް ގޯލުގެ ތެރެެއަށް ފޮނުވާލައިގެން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެޓީމަށް ކާމިޔާބު ކޮށްދިން ގޯލެކެވެ. ފުރަަތަމަ ހާފު ނިމުނީ 1-0 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ބަންގްލަދޭޝްގެ ބިޝްވަނަތު ގޯޝްއަށް ރަތް ކާޑު ދެއްކުމުން ދެވަނަ ހާފުގެ ބޮދު ބައެއް އެޓީމުން ކުޅުނީ 10 ކުޅުންތެރިންނާއު އެކުގަ އެވެ. ބަންގްލަދޭޝްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔާސިން އަރަފާތު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޔާސީންއެވެ. މި މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ހާޒިރުވެފައެވެ. ހާއްސަކޮށް ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗުގަައިވެސް ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ކުޅިބަލަން ދަނޑަށް ވަނެވެ.
މި މަތީޖާ އާއި އެކު މުބާރަތުގެ ފުރަތަމަ މެޗު އެއް ޕޮއިންޓުން ފުއްދާލަން އިންޑިއާއަށް ޖެހުނު އިރު ބަންގްލަދޭޝް ތާވަލުގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓު ލިބިގެންނެވެ. ފުރަަތަމަ މެޗުގައި ބަންގްލަދެޝުން ލަންކާ ބަލިކުރީ 1-0 އިންނެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ނޭޕާލް އާއި ސްރީލަންކާ އެވެ. ގަލޮޅު ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރުއެވެ.
ކޮމެންޓު ފޮނުވާ