ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކުރިއަށް ނުގެން ދިއުމަށް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ހައިކޯޓުގެ މައްޗަށް އަމުރު ކޮށްފިއެވެ.
މި އަމުރު ނެރުއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، މުހައްމަދު އިބްރާހިމް އަދި އަލީ ރަޝީދު ސޮއި ކުރެއްވުމަށްފަހުއެވެ. ސްޕްރީމް ކޯޓުން މިއަދު ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދުގެ މައްސަލާގައިވެސް އަދި އެނޫން މައްސަލައެއްގައިވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެކަމަށެވެ.
ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގައި ޢަލީ ވަހީދު ބައިވެރިވެޑައިގަންނަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. މިގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ވަނީ ނިންމާފައެވެ. އެކޯޓުން އެ ގޮތަށް ނިންމާފައިވަނީ ބޭސް ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އެކޯޓަށް ސިޓީއަކުން ހުށައެޅުމުންނެވެ.
އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުކުރުމުން މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންވަނީ މިފަދަ މައްސަލަތަކަކީ ހައިކޯޓުން 7 ދުވަސްތެރޭ ނިންމަންޖެހޭ މައްސަލައެއްކަން އެނގޭއިރު، އަދި ޢަލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގައިކަން އެނގޭއިރު މައްސަލަ ހައިކޯޓަށް ހުށައެޅީ ކޮން މަޤްސަދެއްގައިތޯ ސުވާލުކުރައްވާފައެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވިއެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު ދައުލަތުގެ ފަރާތުން މިހާރު ވަނީ އަލީގެ އޯޑިނަރީ ޕާސްޕޯޓު ހިފަހައްޓައި ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
One Response
އިހަކަށް ދުވަހަކު ސަމީމު ޓުވިޓާރ ގައި ލިޔެފައި އޮތް އިންސާފު ގާއިމްކުރެވޭނެއޭ ކެތްތެރިވާށޭ އެއީ އުނދަގޫކަމެއްކަމުގައި ވިޔަސް، އަދި މިސާލްއެއްގެ ގޮތުން ބުނީ މިހާރު އޮތް ސުޕްރީމްކޯޓަށް މީހުންގެ ނުފޫޒް ނުފޯރުވޭކަމަށް. އެހެނަސް މިއަދު މިއޮތީ ހަމަ އެކޯޓުން ވަކިއަމުރެއްނެރިފައި. ފަހަރުގައި އެބުނީ ސުޕްރީމް ކޯޓަށް ސަމީމުނޫން އެހެން މީހުނަށް ނުފޫޒްނުފޯރިވޭނެކަމަށް ވެދާނެ.