ހއ.އިހަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއާއި ގުޅޭގޮތުން އެކުންފުނިން ބުނީ، އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިއްޖެ. އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް 2 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. #MTCCProjects #RayyithungeKunfuni pic.twitter.com/i87J1Pf4qf
— MTCC Plc (@MTCCPlc) October 4, 2021
އިހަވަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖޫންމަހުއެވެ. އެރަށުގެ ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމްވަނީ މީގެ ކުރިން އެރަށަށް ޒިޔާރަތްކުރައްވާފައެވެ. އާދަމް އާޒިމް ވިދާޅުވެފައިވަނީ އިހަވަންދޫ ބަނދަރު ތަރައްޤީކުރަނީ ބޭރު ތޮއްޓަށްވެސް ދޯނިފަހަރާއި ބޯޓުފަހަރު ގާތްކުރެވޭގޮތަށްކަމަށެވެ. މި މަސައްކަތުގައި މިހާރު ކުރަމުންދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެކެވެ. އޭނާ ވިދާޅުވީ ކޯވިޑްގެ ޙަލަތާއި ގުޅިގެން ބަނދަރުގެ މަސައްކަތުގައި ލަސްތަކެއް ދިމާވިނަމަވެސް، މިހާރު އަނެއްކާވެސް ބާރު ސްޕީޓްގައި މަސައްކަތް ފަށާފައިވާކަކަށެވެ. އިހަވަންދޫ ބަނދަރަށް 95 މީޓަރުގެ އެއްގަމު ތޮއްޓާއި، 284 މީޓަރުގެ ބޭރު ތޮށި އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.
އިހަވަންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 4،582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުއަކީ 59.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.