ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި 177 މިލިއަން ރުފިޔާ ދޫކޮށްފި

ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި 177 މިލިއަން ރުފިޔާ ދޫކޮށްފި

ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން، އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 177 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަމަހުގެ 30 ވަނަ ދުވަހާ ހަމައަށް ފްރަންލައިން އެލަވެންސް ނުވަތަ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެލަވެންސް 13052 މީހަކަށް ވަނީ ދީފައެވެ. އެއީ 177.3 މިލިއަން ރުފިޔާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ފްރަންޓް އެލަވެންސް ދޭނެކަން ފުރަތަމަ ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވަންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމާ ދެކޮޅަށް ތެދުވެ، މިވައިރަސް ކޮންޓްރޯލް ކުރުމުގައި ކުރީ ސަފުގައި ތިބީ، ޑޮކްޓަރުންނާއި، ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުންނާއި، ހޮސްޕިޓަލް އަދި ކްލިކްތަކުގައި މަސައްކަތް ކުރައްވާ ސިއްޙީދާއިރާގެ މުވައްޒަފުންނެވެ. އަދި ވޮލަންޓިއަރުންނާއި އެތަސއް ބަޔަކު ކުރީ ސަފުގައި މަސައްކަތްކުރެއެވެ.

ކުރީ ސަފުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހަކާ ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނުނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ މީހުންނެވެ.

ޤައުމުތަކުގެ ސަރުކާތުތަކުން އުފައްދާފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީތަކާއި، ޓާސްފޯސްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުތަކާއި، އެކު ފުލުހުންނާއި، ސިފައިން އަދި ސަރުކާރުގެ އެހެން އިދާރާތަށް ހިމެނޭ ގޮތުން އެތައް ބަޔަކު ދަނީ ވައިރަހާއި ދެކޮޅަށް ކުރެވޭ މިހަނގުރާމައިގަިއ ބައިވެރިވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *