ފްރާންސް ސަރުކާރުގެ އިސްލާމްދީނާއި ދެކޮޅު ސިޔާސަތުތަކާއި ދެކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން މުޒާހިރާ ކޮށްފިއެވެ.
މުސްލިމް ބޮޑެތި ގިނަ ގައުމުތަކުގައި އެތައްހާސް މުސްލިމުން ހުކުރު ނަމާދަށްފަހު ފްރާންސާއި ދެކޮޅަށް މުޒާހިރާ ކޮށްފައިވަނީ، ކީރިތި ރަސޫލާގެ ސޫރަފުޅު ސިފަވާގޮތަށް ކާޓުން ކުރެހުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ސިފަ ކުރައްވާ އަދި އެކަން ދިފާޢުކުރައްވާނެ ކަމަށް ފްރާންސްގެ ރައީސް މެކްރޮމް ވިދާޅުވެފައި ވަނިކޮށެވެ.
މިގޮތުން، ބަންގްލާދޭޝް، ޕާކިސްތާން އަދި ފަލަސްތީނުގަވެސް ވަނީ އިއްޔެގެ ހުކުރު ނަމާދަށްފަހު ފްރާންސްއާއި ދެކޮޅަށް އެތައް ހާސްބަޔަކު މަގުތަކަށް ނިކުމެ އަޑު އުފުލާފައެވެ. ބަންގްލާދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކަށް ހުކުރު ނަމާދަށްފަހު 40،000 މީހުން ޖަމާވެ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ. މުޒާހިރާ ކުރި މީހުން އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކުރުމަށް ހިންގޭ ހަރަކާތްތަކާއި ދެކޮޅަށް އިސްލާމީ އުއްމަތް އެކަތިގަޑަކަށް ވުމަށް ވަނީ ގޮވާލާފައެވެ. އަދި ކީރިތި ރަސޫލާގެ ކާޓޫން ކުރެހުން ހުއްދަކުރުމަށް ފްރާންސްގެ ރައީސް އަޑުއުފުއްލަވަމުން ގެންދަވާދިއުމުގެ އަގު ދައްކަންޖެހޭނެ ކަމަށްވެސް މުޒާހިރާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ފްރާންސުން އުފައްދާ ތަކެތި ބޮއިކޮޓް ކުރުމަށްވެސް ގޮވާލާ ވަނީ އަޑު އުފުލާފައެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ކަރާޗީގެ މަގުތަކުގައި ފްރާންސާއި ދެކޮޅަށް 10،000 މީހުން ވަނީ މުޒާހިރާ ކޮށްފައެވެ. އަދި ވެރިރަށް އިސްލާމްއާބާދުގެ މަގުތަކަށް މުޒާހިރާ ކުރުމަށް ނިކުތް 2،000 މީހުން ފްރާންސް އެމްބަސީއާއި ދިމާލަށް މިސްރާބު ޖެހުމާއި ގުޅިގެން ފުލުހުންނާއި މުޒާހިރާ ކުރި ފަރާތްތަކާއި ދެމެދު ހަމަނުޖެހުންތަކެއްވެސް ހިގާފައި ވެއެވެ. މި އެއްވުން ފުލުހުން ރޫޅާލާފައި ވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްގެންނެވެ.
ޕާކިސްތާނުގެ އިރުމަތީ ސިޓީއެއް ކަމުގައިވާ ލާހޫރުގެ މަގުތަކަށްވެސް ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަ ކުރުމަށް ނިކުތް އެތައްހާސް ބަޔަކު ވަނީ ފްރާންސާއި ދެކޮޅަށް އަޑު އުފުލާފައެވެ. އިރުމަތީ ސިޓީއެއްކަމުގައި ޕަންޖާބުގެ މަލްޓަން ސަރަހައްދަށް ޖަމާވި އެތައްހާސް ބަޔަކު ވަނީ މެކްރަމްގެ ސިފައަށް ހަދާފަ ހުރި ބުދުތަކުގައި ހުޅުޖަހާ ފްރާންސާއި ދެކޮޅު ޝުޢޫރުތައް ފާޅުކޮށްފައެވެ.
ލުބުނާންގެ ވެރިރަށް ބެއިރޫތުގަ ވެސް ވަނީ މުޒާހިރާތައް ކުރިޔަށް ގޮސްފައެވެ. މިގޮތުން ލުބުލާނުގަ ހުންނަވާ ފްރާސްގެ އެމްބެސަޑަރުގެ ރަސްމީ ގެކޮޅު ކައިރިއަށް އެއްވުމަށް މުޒާހިރާކުރި ފަރާތްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ފުލުހުންވަނީ މުޒާހިރާގެ ބައިވެރިން ހުއްޓުވާފައެވެ.
ފަލަސްތީނުގެ ޖެރޫސެލަމްގެ އަލް އަޤްސާ މިސްކިތުގެ ބޭރުގައި އެތައްސަތޭކަ މުސްލިމުންނެއް ހުކުރުނަމާދަށްފަހު ފްރާންސާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ. މުޒާހިރާ ކުރިފަރާތަކުން ގޮވަމުން ދިޔައީ ކީރިތި ރަސޫލާއަށްޓަކާ ލެއިން ގުރުބާންވާން ތައްޔާރަށް ތިބި ކަމަށާއި ރަސޫލާއާއި އިސްލާމް ދީނަށް ފުރައްސާރަކުރުން ހުއްޓާލުމަށެވެ. ފަލަސްތީނުގައި މުޒާހިރާ ކުރި ފަރާތްތަކާއި އިސްރާއީލް ސިފައިނާއި ދެމެދު ހަމަނުޖެހުން ހިގާފައިވެއެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކޮށްފައި ވެއެވެ.
މީގެ އިތުރުން ފަލަސްތީނުގެ ގާޒާގައި ހަމާސްއިން އިންތިޒާމްކޮށްގެން ފްރާންސާއި ދެކޮޅަށް އިއްޔެގެ ހުކުރު ނަމާދަށްފަހު އެއްވުންތައް ބާއްވާފައި ވެއެވެ. މިއެއްވުންތަކުގައި ހަމާސްގެ އިސްފަރާތްތަކުން ވާހަކަދައްކާފައި ވެއެވެ.
އަފްއާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވުނު އެއްވުންތަކުގައި ފްރާންސްގެ ރައީސަށް މަރުގެ އަދަބު ދިނުމަށް މުޒާހިރާ ކުރި ފަރާތްތަކުން ގޮވާލާފައި ވެއެވެ.
ފްރާންސްގައި ދީނީގޮތުން ހައްދުފަހަނަ އަޅާދިއުމާއި ދެކޮޅަށް ހަގުރާމަ ކުރައްވާނެކަމަށް ދާދިފަހުން މެކްރޮމް ވަނީ ވިދާޅުވެފައެވެ. މެކްރޮމް ވިދާޅުވެފައިވަނީ މުޅި ދުނިޔޭގައި ދިނީގޮތުން ހައްދުފަހަނަ އަޅާދިއުން އިތުރުވަމުންދިއުން ދައްކުވައިދެނީ އިސްލާމްދީނަކީ ކާރިސާއެއްގެ ތެރޭގައި އޮތް ދީނެއްކަމެވެ. އަދި މެކްރޮމްވަނީ ފްރާންސްއިން ދީނީގޮތުން ހައްދުފަހަނައަޅާދިއުން ނައްތަވާލައްވާނެކަމަށް ތަކުރާރުކޮށް ވައުދު ވެވަޑައިގެންފައެވެ. މެކްރޮމް މިވާހަކަތަކަށް ދުނިޔޭގެ އެތައް ގައުމެއްގެ ވެރިންވެސް ވަނީ ފާޑު ވިދާޅުވެފައެވެ.
މެކްރޮމް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، އެގައުމުގެ ސްކޫލް ޓީޗަރަކު ފްރާންސްގެ ރަށްބޭރުގައި މިމަހުގެ 16 ވަނަ ދުވަހު ގަތުލު ކުރުމާއި ގުޅިގެންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މި ޓީޗަރު ގަތުލުކޮށްފައިވަނީ ޗެޗްނިއާއިން އެގައުމަށް ހިޖުރަ ކޮށްފައިވާ ރެފިއުޖީއެކެވެ. އޭނާ މި ޓީޗަރު ގަތުލު ކޮށްފައިވަނީ، ޓީޗަރު ކިޔަވާދެމުންދާ ސްކޫލުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތި ރަސޫލާގެ ކާޓޫނު ދަރިވަރުންނަށް ދައްކާ ހެދުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މެކްރޮމްވަނީ މިއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަދި މިއީ 'އިސްލާމިކް ޓެރަރިސްޓް' ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، ޓެރަރިޒަމާއި ދެކޮޅަށް ފްރާންސްގެ ރައްޔިތުން އެއްބައިވެ ތިބުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.