ޝަމީތާ ޝެއްޓީ އާއި ރާގޭޝް ބަޕަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.
އެންމެ ފުރަތަމަ މި ވާހަކަ ދެކެވެން ފެށީ ނިމިގެންދިޔަ "ބިގްބޮސް"ގެ ވެބް ޝޯވގެ ތެރެއިންނެވެ.
އެ ޝޯވ އިން މި ދެތަރިން އެކުގައި ފެނިގެން ދިއުމާއި ދެތަރިންގެ މެދުގައި އުފެދުނު ގުޅުމުން އެންމެވެސް ވަނީ އެދެމީހުންގެ މެދުގައި ރައްޓެހި ރަހުމަތްތެރި ކަމަށް ވުރެ ގާތް ގުޅުމެއް އުފެދެމުން އަންނަ ކަމަށް ބުނެފައެވެ.
ބަތަލާ ޝިލްޕާ ޝެއްޓީގެ ކޮއްކޮ ޝަމީތާގެ މި ފަދަ ވާހަކަ ތަކަކީ މީޑީއާއިން ވަރަށް އަޑު ނީވޭ ވާހަކަ ތަކެކެވެެ. އޭނާގެ އަމިއްލަ ދިރިއުޅުމަކީ އެއްވެސް ވަރަކަށް މީޑިއާއަށް ހާމަ ކުރާ ވަހަކަތަކެއް ނޫނެވެ. އެހެން ކަމުން އޭނާގެ ލޯބިވެރިންގެ ލިސްޓް ވަނީ ސިއްރެއްގެ ތެރޭގައެވެ.
މި ދެމީހުން ބައްދަލުވެފައިވަނީ "ބިގް ބޮސް ވޫޓް" އިންނެވެ. ޝޯވއިން ބެލުންތެރިންނަށް ފާހަގަވީ މި ދެމީހުންގެ ގާތް އެކުވެރިކަމާއި އެކަކު އަނެއްކަކަށް ބަހައްޓާ ގާތް ކަމެވެ. މި ދެތަރިން އަމިއްލައަށްވެސް ވަނީ ސޯޝަލް މީޑިއާގައި ޝޯވގެ ތެރެއިން ދެމީހުންގެ ބައެއް ހަނދާންތައް ހިއްސާކޮށްފައެވެ.
"ބިގް ބޮސް"ގެ ގެއިން ނުކުތް ނަމަވެސް މިދެމީހުން އެކުގައި ފެނިގެން ދިއުމަށް ބަދަލެއް ނާދެއެވެ. އެގޮތުން މިދިއަ ހުކުރު ދުވަހުގެ ރޭ ވަނީ އެދެމީހުން އެކުގައި ފެނިގެން ގޮސްފައެވެ. އަދި ދެމީހުން ވަނީ އެކުގައި ކެމެރާގެ ކުރިމަށްޗަށް ހުއްޓި ފޮޓޯ ނެގުމުގެ ފުރުސަތުވެސް ދީފައެވެ.
އެދުވަހުގެ ޑިނާއިން ދެމީހުންގެ އަތާއި އަތް ގުޅުވައިގެން ނަގާފައިވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑީއާ އަށް ދޫކޮށްލާފައެވެ. އަދި ފޮޓޯގައި "ޔޫ އެންޑް އައި" ޖެހުމަށް ފަހު ރަތް ކުލައިގެ ހިތެއް ވަނީ ޕޯސްޓާއެކު ދޫކޮށްލާފައެވެ. އަދި ފޮޓޯގެ ތިރީގައި ގޭޝްޓެގް ބޭނުން ކޮށްގެން "ޝަރާ" ޖަހާފައިވެއެވެ.
"ޝަރާ" އަކީ މި ދެމީހުންގެ ނަން އެއްކޮށް ކުރު ގޮތަކަށް މި ކަޕުލްއަށް ދީފައިވާ ވަނަމެކެވެ. މިއީ ތަރިންގެ މެދުގައި ވަރަށް މަގުބޫލު ކަމެކެވެ. ބޮލީވުޑްގެ ގިނަ ކަޕުލް ތަކަށް މިގޮތަށް ނަން ކިޔައެވެ.
ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޕޯސްޓަކީ މި ދެތަރިންގެ ގުޅުން ރަސްމީ ކުރި ކަމުގެ ޕޯސްޓެކެވެ. މިއީ ދެމީހުންގެ ގުޅުން ކިހާ ސީރިއަސް ކަން އަންގައިދޭ ޕޯސްޓެއްކަމަށް ޚަބަރުތަށް ބުނެއެވެ.

މީގެ އިތުރުން މި ދެތަރިން އެކުގައި ވަނީ ސެލޫނަކަށް ވެސް ގޮސްފައެވެ. އަދި ފޮޓޯ ހިއްސާ ކުރަމުން ސެލޫން ޑޭޓް ޖަހާފައި ވެއެވެ. ހުކުރު ދުވަހުގެ ޑިނާއަށް ފަހު ދެތަރިން ހޮނިހިރު ދުވަހު ސެލޫން އިން ބައްދަލުކޮށް އެކުގައި ގިނަ ވަގުތު ހޭދަކުރަމުން ދާކަން ވަނީ ސޯޝަލްމީޑީއާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

ޑްރާމާ ސީރީޒް ތަކުން މަގުބޫލުކަން ހޯދައިފައިވާ ރާގޭޝް ގެ އަލަތު ކައިވެނި ރޫޅިފައިވަނީ 2019 ވަނަ އަހަރުއެވެ. 43 އަހަރުގެ ރާގޭޝް އާއި ރިދީ ޑޯގްރާ ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ. މި ދެތަރިން ބައްދަލުވެފައިވަނީ "މަރިއާދާ: ލޭކިން ކަބް ތަކް؟" ކުޅުނު ދުވަސް ވަރުއެވެ.
42 އަހަރުގެ ޝަމީތާ ބޮލީވުޑަށް ނުކުމެފައިވަނީ 2000 ވަނަ އަހަރުގެ "މޮހޮއްބަތޭން" އިންނެވެ. މި ފިލްމަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމެކެވެ. ނަމަވެސް ޝަމީތާގެ ކެރިއަރުގައި މާބޮޑު މަގުބޫލު ކަމެއް ނުލިބުނެވެ. 42 އަހަރުގެ ބަތަލާއަށް ބޮލީވުޑްގަައި ދައްތަ ޝިލްޕާ ހޯދި ފަދަ ކާމިޔާބެއް ނުހޯދުނެވެ.
ކޮމެންޓު ފޮނުވާ