ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައަކީ ޤާނޫނާއި ޚިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ދައުލަތުން ބުނެފިއެވެ.
މިއަދު ކުރިއަށް ގެންދަނީ އިސްތިއުނާފް ކުރި ފަރާތުން ދެއްކި ވާހަތަކަށް ރައްދު ދިނުމެވެ. ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުން ފުރަތަމަ ފާހަގަ ކުރެއްވި ކަމަކީ ރައީސް ޔާމީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވާ ގޮތުގައި، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ހައި ކޯޓުގައި ހިނގި މައްސަލާގައި ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމެއް ކޮށްފައި އޮތުމުންނެވެ. އެކަމަކު އެފަދަ ކަމެއް ނެތް ކަމަށް ވަކީލް ވިދާޅުވިއެވެ.
ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި 22 އިސްތިއުނާފީ ނުކުތާއެއް ފާހަގަ ކުރައްވާފައިވާއިރު، މިއަދު އެ ޝަރީއަތުގައި ކުރިއަށްދާ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ޔާމީންގެ އެ ނުކުތާތަކަށް ދައުލަތުން ޖަވާބު ދެއްވުމެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއްވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މިގޮތުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑަރިންގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ.