މިހާރު ވެރިކަން ކުރަމުންދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ސިވިލްސާވަންޓުންނަށ ހައްގުވާ މުސާރަ ދޭނެކަމަށް މަޖިލީހުގައި ހިމެނޭ ރައީސް ޞާލިހަށް ތާއީދުކުރާ ފެކްޝަންގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި އެމްޑީޕީގެ ރައީސް ޞާލިހާއި، ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންވަނީ އެއްމެމްބަރު އަނެއް މެމްބަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވާފައެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވަނީ ގިނަ ތުހުމަތުތަކެއް ސަރުކާރަށް މުސާރައިގެ މައްސަލާގައި ކޮށްފައެވެ. ނަމަވެސް ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ މިސަރުކާރުން ސިވިލްސާވަންޓުންގެ މުސާރަ ބޮޑު ކޮށްދޭނެކަމަށް ބުނެފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިނިވަން ވޭޖެއް ކަނޑައެޅިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ހުރިހާ މަސައްކަތްތެރިންނަށްވެސް ހައްގު އުޖޫރަ ލިބެންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ސިވިލްސާވިސް މުސާރައަކީ އަބަދުވެސް މުރާޖާ ކުރަންޖެހޭ މުސާރައެއް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަންދަނީ ސިވިލްސާވަންޓުގެ މުސާރަ ހައްލު ކުރުމަށްޓަކައި، މިނިވަން ވޭޖް ކަނޑައެޅުމަށް ކަމަށާއި، މިއަހަރުގެ ތެރޭގައި އެކަމަށް ހައްލު އަންނާނެކަމަށެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ފާއިތުވީ އެއްވެސް ސަރުކާރަކުން ސިވިލްސާވަންޓުންގެ ހައްގުގައި މަސައްކަތް ނުކުރިކަމަށެވެ. ނަމަވެސް މިސަރުކާރުން މިއަހަރުގެ ތެރޭގައި އެކަމަށް ހައްލު ގެނެސްދޭނެކަމަށެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ސިވިލްސާވަންޓުންގެ މުސާރަތައް ލަސްނުކޮށް ބޮޑުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
އެމްޑީޕީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ގޮވާލައި ކުރާ އިހްތިޖާޖުތަކަށް އޭނާ ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މިސަރުކާރުން މުވައްޒިފުންގެ އަޑު އަހައި މުސާރަ ބޮޑުކޮށްދޭނެކަމަށެވެ.
ސިވިލް ސަރވަންޓުންގެ މުސާރާއިގެ މައްސަލާއިގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުން ވިދާޅުވީ ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން އަންނަ ޕޭ ފްރޭމްވޯކް އޮތީ ނިމުމުގެ އެންމެ ފަހުގެ މަރުޙަލާގައިކަމަށެވެ. އަދި މި ފްރޭމްވޯކްގެ މަސައްކަތް ނިމި ތަންފީޒުކުރަން ފެށުމާއެކު ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައިންވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިއަހަރު ނިންމާ އަންނަ އަހަރު ޢަމަލުކުރަންފެށުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.