އުނަގަނޑުގައި ރިއްސާތީ، ޔާމީން އެދުނު ގޮތަށް ޝަރީއަތް ކުރުކޮށްދީފި

އުނަގަނޑުގައި ރިއްސާތީ، ޔާމީން އެދުނު ގޮތަށް ޝަރީއަތް ކުރުކޮށްދީފި

Author
މުޙައްމަދު ޝަޒައިމް
20 ސެޕްޓެމްބަރ 2021 09:31
0

ސުޕްރީމް ކޯޓުގައި މިހާރު ފަށައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ދިގު ދެމިގެންދާތީ އުނގަނޑުގައި މައްސަލަ ހުންނާތީ، ކުރުކޮށްދިނުމަށް އެދުނުގޮތަށް އެކަން ކޮށްދިނުމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

މިއަދުގެ ޝަރީއަތް ފަށަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ޑޮކްޓަރުންގެ ލިޔެކިއުންތާއި ސިއްޚީ ލިޔެކިއުންތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، މިއަދުގެ ޝަރީއަތް މެންދުރުފަހުން ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ޝެޑިއުލް އިން ޖާގަ ނުލިބިއްޖެނަމަ ކުރިއަށް އޮތްތަނުގައި މިމައްސަލައިގެ ޝަރީޢަތް މެންދުރުފަހު ވެސް ކުރިއަށް ގެންދަން ޖެހިދާނެކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އިސްތިއުނާފް އަޑުއެހުންތައް ފަށައިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. މިއަދުގެ 12:00 އާއި ހަމައަށް ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ ތިން ވަނަ އަޑުއެހުމެވެ. އަދިވެސް ހުށަހަޅަމުން ދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ 22 އިސްތިއުނާފީ ނުކުތާތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.