އުނަގަނޑުގައި ރިއްސާތީ، ޔާމީން އެދުނު ގޮތަށް ޝަރީއަތް ކުރުނުކޮށްދިން

އުނަގަނޑުގައި ރިއްސާތީ، ޔާމީން އެދުނު ގޮތަށް ޝަރީއަތް ކުރުނުކޮށްދިން

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 01:12
0

ސުޕްރީމް ކޯޓުގައި މިހާރު ފަށައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ދިގު ދެމިގެންދާތީ އުނގަނޑުގައި މައްސަލަ ހުންނާތީ، ކުރުކޮށްދިނުމަށް އެދުމުންވެސް އެކަން އެގޮތަށް ނުކޮށްދީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި މައްސަލާގައި މީގެ ކުރިން ދެ އަޑުއެހުމެއް ބޭއްވިއިރު، މިއަދު ކުރިއަށް ގެންދަނީ މި ޝަރީއަތުގެ ތިންވަނަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުމުގައި ޔާމީން ވަނީ ޝަރީއަތް ކުރުކޮށްދޭން އެދިވަޑައިގެންފައެވެ. އެއީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށް ޝަރީއަތް ގެންގޮސްދިނުމަށެވެ. އެ ގޮތަށް އެދިވަޑައިގަތީ އުނަގަނޑުގައި ރިއްސާތީ ހުއްޓުމެއް ނެތި އެއް ގޮތަކަށް އިށީނދެ އިންނަވަން ދަތިފުޅު ކަމަށް ވިދާޅުވެއެވެ. ފަނޑިޔާރު ވިދާޅުވެފައި ވަނީ ބަލިހާލަތާ ގުޅޭ ލިޔެކިޔުންތަކާއެކު ކޯޓަށް ސިޓީއެއް ހުށަހެޅުމަށެވެ. އޭރުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

އެހެންވިޔަސް މިއަދުގެ ޝަރީއަތް މެންދުރު 12:00 ޖަހަން ދެން ކުރިއަށް ގެންދިއުމަށް ފަހު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދު ހެނދުނު ދަންފަޅިއަށް ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލިސް މި ހިސާބުން ނިންމި ނަމަވެސް ކުރިން ވެސް ތާވަލުކޮށްފައިވާ ގޮތަށް ޝަރީއަތް ގެންދަން ނިންމާފައިވާ ކަމަށާއި އިތުރު އަޑުއެހުމެއް މިއަދު ހަމަ ކުރިން ރޭވި ގޮތަށް އޮންނާނެ ކަމަށެވެ. ޝަރީއަތުގެ އިތުރު އަޑުއެހުމެއް މިއަދު މެންދުރުފަހު 13:30 ގައި އޮންނާނެއެވެ. އަދި އެ އަޑުއެހުން ހަވީރު 15:00 އާއި ހަމައަށް ކުރިއަށް ގެންދާނެއެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އިސްތިއުނާފް އަޑުއެހުންތައް ފަށައިފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. މިއަދުގެ 12:00 އާއި ހަމައަށް ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ ތިން ވަނަ އަޑުއެހުމެވެ. އަދިވެސް ހުށަހަޅަމުން ދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ 22 އިސްތިއުނާފީ ނުކުތާތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.