މިއަދަކީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފި ކަމުގެ ހެއްކެއް

މިއަދަކީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފި ކަމުގެ ހެއްކެއް

Author
ހުސެއިން
15 ސެޕްޓެމްބަރ 2021 08:20
0

މިއަދަކީ، ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފި ކަމުގެ ހެއްކެއް ކަމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު، އަދި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސް، އަބުދުﷲ ޝާހިދު ވިދާޅު ވެއްޖެއެވެ.

ފޮރިންގ މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ، އެމަނިކްފާނު ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޔާސަތާއި ރަސްމީކޮށް ހަވާލު ވެވަޑައިގަތުމާއި ގުޅިން މަރުހަބާ ވިދާޅު ރައީސް ސާލިހު ފޮނުއްވި މެސެޖަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.

ޝާހިދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް ސާލިހުގެ ލީޑަރޝިޕްގައި، ބައިނަލްއަގުވާމީ މަސްރަހުގައި މިއަދު ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާތަން ފެންނަމުން ދާ ކަމަށާއި، މިއީ ރައީސް ސާލިހުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ކަމުގައެވެ. އަދި ޝާހިދުވަނީ، އެމަނިކްފާނަށް ރައީސް ސޯލިހު ކުރެއްވި އިތުބާރާއި، އަދި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސެއްގެ ހައިސިއްޔަތުން މަސަައްކަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކާ ރައީސް ސާލިަހަށް ޝުކުރު އަދާ ކުރައްވާފައެވެ.

އާންމު މަޖިލިހުގެ ރައީސްކަމާ ޝާހިދު ރަސްމީކޮށް ހަވާލު ވެވަޑައިގަތުމާ ގުޅިގެން ރައީސް ސާލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ، އުފާވެރި ވަގުތުކޮޅެއް ކަމަށާއި، އަދި ޝާހިދު ރިޔާސަތާއި ހަވާލުވެވަޑައިގަތުން ތަމްސީލުކޮށްދެނީ، ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ކަމުގައެވެ.

އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގެން، ފޮރިންގ މިނިސްޓަރ ޝާހިދު މަގާމްގެ ހުވާ ކުރައްވާފައިވަނީ، ރޭ ރާއްޖޭގަޑި މެންދަމު 3:00 ގައެވެ. އަދި ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޝާޙިދުވަނީ، އާންމު މަޖިލީހުގެ ރިޔާސަތުގައި ތަގުރީރު ކުރައްވާފައެވެ.

2021 ސެޕްޓެމްބަރު 14 ގައި ފެށިގެން ކުރިޔަށްދާ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ޤައުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.