އެތައް ބިލިއަން ބަޔަކަށް އދ. ރަމްޒުކޮށްދެނީ އުންމީދު: ޝާހިދު

އެތައް ބިލިއަން ބަޔަކަށް އދ. ރަމްޒުކޮށްދެނީ އުންމީދު: ޝާހިދު

Author
ހުސެއިން
15 ސެޕްޓެމްބަރ 2021 07:22
0

އދ. އަކީ ދުނިޔޭގެ އެތައް ބަޔަކަށް އޮތް އުއްމީދެއް ކަމަށާއި، ހަމައެހެންމެ، އެ ޖަމިއްޔާއަކީ، އަލިގަދަ މުސްތަޤުބަލެއް ފެންނާނެ ކަމުގެ ވައުދެއްކަމުގައި އދ.ގެ 76ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސް، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅު ވެއްޖެއެވެ.

އަބުދުﷲ ޝާހިދު މިހެން ވިދާޅުވެފައިވަނި، ދުނިޔޭގެ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އ.ދގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމަށް، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުން، ރިޔާސަތުގައި ރޭ ތަގުރީރު ކުރައްވަމުންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މި ޖަލަސާގައި ތަގުރީރު ކުރައްވަމުން ޝާހިދު ވިދާޅުވެފައިވަނީ، ދުނިޔޭގެ އެތައް ބިލިއަން ބަޔަކަށް އދ. ރަމްޒުކޮށްދެނީ އުންމީދުކަމަށާއި، ރައްޔިތުން ކުރިއަށްދާނެ މަގު ހޯދާ ބަލާ، އަދި އެމީހުންގެ ނަޒަރު ހުއްޓެނީ އެމީހުން ގެ ލީޑަރުންނަށާއި އަދި އިންތިޚާބުކޮށްފައިވާ އޮފިޝަލުންނަށް ކަމުން، ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުން ތިބީ އެމީހުންގެ ފަރާތުން އުއްމީދަކަށް އެދިއެދި ކަމަށެވެ.

އަދި ވިދާޅުވީ، ގައުމުތަކުގެ ރައްޔިތުން ތިބީ، އެމީހުންގެ ފަރާތުން ޔަގީންކަމާއި ކަށަވަރުކަން ބޭނުންވެފައި ކަމަށާއި، ރައްޔިތުން ކަންކަން ރަނގަޅުވާނޭ ކަމުގެ އުއްމީދަކަށް އެދެނީވެސް ލީޑަރުންގެ ކިބައިން ކަމުގައެވެ. އަދި އަދަށްވުރެ ފަހި މާދަމާއެއް އޮތްކަމުގެ ސިގުނަލް ވެސް ހޯދަނީ އެމީހުންގެ ކިބައިން ކަމަށް ވިދާޅުވަމުން، ޝާހިދު ވިދާޅުވީ، އދ. އަކީ މިދެންނެވި ކަންކަން ފުރިހަމަކުރުމުގައި އިސްދައުރެއް އަދާކުރާ ތަނެއް ކަމުގައި ވާންޖެހޭކަމުގައެވެ.

ޖެނެރަލް އެސެމްބްލީގެ ރިޔާސަތާ ރަސްމީކޮށް ހަވާލު ވެވަޑައިގަތުމަށްފަހު، ރިޔާސަތުގައި ފުރަތަމަ ފަހަރަށް ތަގްރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ، ޔޫއެންގެ އާންމު މަޖިލިހުގައި ކުރާ މަސައްކަތްތަކާއި ނިންމާ ނިންމުންތަކާ ބެހޭ އެންމެ ފުރިހަމަ ތަފްޞީލު މުޅި ދުނިޔެއަށް ނޭނގިދާނެ ކަމަށާއި، އެހެންނަމަވެސް އާންމު މަޖިލިހުގެ ކޮންމެ މެމްބަރަކީވެސް، ކޮންކަމަކަށް ތެދުވެތިބި ބައެއްކަން އެންމެންވެސް ދަންނާނެ ކަމުގައެވެ. އަދި އދ. ގެ ނަން އިވުމާއެކު އެމީހުންގެ ވިސްނުމަށް އަންނާނީ، ބާރުގަދަ ވެރިންތަކެއް ދުނިޔޭގެ ކުރިމަތީގައި، ނުވަތަ މި ފެހި ކުލައިގެ މާބްލް ބެކްގްރައުންޑްގައި ހުއްޓިގެން ތިބޭ މަންޒަރު ކަމަށާއި، މި ސަބަބަށްޓަކާ ޔޫއެން ވެގެން ދާނީ އެތައް ބިލިއަން ބައެއްގެ އުއްމީދު ކަމުގައެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝާހިދުވަނީ އެމަނިކްފާނުގެ ރިޔާސަތުގައި، ކުރިޔަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި އިސްކަންދެއްވާނެ މުހިންމު ވަދުދުތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ. އަދި މިހާރު ދުނިޔެއަށް ކުރިމަތި ވެފައިވާ ކޯވިޑްގެ އާލަމީ ވަބާއިން އަރައިގަތުމަށް ކުރައްވާނެ މަސައްކަތްތަކާއި، އަދި މީގެ އިތުރުންވެސް އދ. އަށް ގެންނެވުމަށް މަސައްކަތް ކުރައްވާނެ އިސްލާހީ ބަދަލުތަކާއި، މިންތީގެ ހަމަހަމަ ކަމާއި، އިންސާނީ ހައްގުތަށް ކަށަވަރު ކުރުމަށް ކުރައްވާނެ މަސައްކަތްތަކަށް އަލި އަޅުއްވާލައްވާ، މި ކަންކަމުގެ ތަފްސީލު މެމްބަރު ގައުމުތަކާ ހިއްސާ ކުރައްވާފައި ވެއެވެ.

މިއަދު ފެށިގެންދިޔަ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ގައުމު ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.