ކުރިއަށް އޮތް ދެއަހަރު ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ކޯވިޑް އާއި އެކު ބަދަލުވެފައިވާ މާލީ ހާލަތަށް ބަލައި، މާލީ އަދި ދަރަނީގެ ޔަޤީންކަން ދެމެހެއްޓެނިވި ކުރުމަށްޓަކައި މާލީ ސިޔާސަތުތަކުގެ މިސްރާބު ބަދަލު ކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދައުލަރުގެ ދަރަންޏާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރު ކުރުމުން ގައުމު ހިންގަން "ކުރަން ޖެހުނު ކޮންމެ ކަމެއް" ކޮށްފައި ވާނެ ކަމަށެވެ. މިނިސްޓަރު މިސާލެއް ނުދެއްވި ނަވެސް އޭގެ ތެރޭގައި ދޭދޭ ރަހުމަތްތެރި ގައުމުތަކުން ހާއްސަކޮށް އިންޑިއާއިން ދަރަނި ނެގުމާއި ސްކޫކް ވިއްކުން އަދި ފައިސާ ޗާޕު ކުރުން ފާހަގަ ކޮށްލަން ޖެހެއެވެ.
އަދި މިއަހަރުގެ މާލީ ސިޔާސަތުގައި އިސްކަމެއް ދީފައިވަނީ ދައުލަތުން ރާއްޖޭގެ އިޤްތިސާދަށް ދެމުންދިޔަ ސަޕޯޓު ދަމަހައްޓައި ނާޒުކު ރިކަވަރީ ޔަޤީން ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެއަހަރުގެ މާލީ ސިޔާސަތުގެ އަމާޒަކަށް ވާނީ މިހާރު ބަދަލުވެފައިވާ މާލީ ހާލަތުގައި ދަރަނި އަދި މާލީ ހާލަތު އެއް ހަމައެއްގައި ދެމެހެއްޓުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަށްޓަކައި މިދިޔަ އަހަރާއި މިއަހަރު އެޅުނު ފިޔަވަޅުތަކަށް ބަލާ އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މިސިޔާސަތު ތަންފީޒު ކުރުމަށް މައިގަނޑު 3 ކަމެއް ކަނޑައަޅާފައިވާ ކަން މިނިސްޓަރވަނީ ހާމަކުރައްވާފައެވެ. މީގެ ތެރެއިން ފުރަތަމަ ކަނޑައަޅާފައިވަނީ 2023 ނިޔަލަށް ދައުލަތުގެ ދަރަނީގެ ޖީޑީޕީ ނިސްބަތުން %105 ތިރިކުރުމެވެ. މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު މިއަދަދު ހުރީ %115 އާއި %120 އާއި ދެމެދު ކަމަށެވެ.
ދެވަނައަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓް ޑެފިސިޓް %5 އަށް ތިރި ކުރުމެވެ. ތިންވަނަ ލަނޑުދަނޑިއަކަށް ކަނޑައަޅާފައިވަނީ، ދައުލަތުގެ ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރަކަށް ކުޑަވަމުންދާ މިސްރާބެއްގައި ދެމެހެއްޓުމެވެ. މިފަދަ އަމާޒުތަކެއް ކަނޑައަޅަން ޖެހެނީ މެދުރާސްތާގައި ދައުލަތަށް ލިބޭ އާމްދަނީން ޑޮމެސްޓިކް ބަޖެޓް ހަމަނުޖެހޭތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދައުލަތުގެ މެދުރާސްތާ ދަރަނި އަދި މާލީ ސިޔާސަތު ސަރުކާރުން ހާމަކޮށްފައިވާއިރު، މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރަށް 37 ބިލިއަން ރުފިޔާ ބަޖެޓަށް ހުށަހަޅާފައިވާއިރު ބަޖެޓު ހިފެހެއްޓުމަށް ޚަރަދު ކުޑަކުރަން ޖެހޭ ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ކޯވިޑް-19 އާ ގުޅިގެން އިކޮނޮމީ ހީނަރުވެ ގައުމީ އުފެއްދުންތެރިކަން ބޮޑުތަނުން ދަށްވިއެވެ. މި ވަގުތު ދައުލަތް ހިންގައި ރައްޔިތުންނަށް ދޭ ހިދުމަތް ހުއްޓުނަ ނުދޭން ސަރުކާރަށް ކުރަން ޖެހުނު ކަމަކީ އެކި ގޮތްގޮތުން ލޯނު ނުވަތަ ދަރަނި ނެގުމެވެ. ނަތީޖާއަކީ ހަރަދު ކުޑަ ނުވިނަމަވެސް ލޯނުތަކުގެ ސަބަބުން ދަރަނި މަތިވެގެން ދިއުމެވެ. ދަރަނި މަތިވާ ވާހަކަ ބޮޑަށް ފެންމަތިވި މައިގަނޑު އެއް ސަބަބަކީ އާމްދަނީއަށް އައި ލޮޅުމާއެކު ދަރަންޏާއި ހަރަދުގެ ދެމެދުގައި އޮތް ފަރަގު ފުޅާވުމެވެ. އެހެންވެ ދަރަނި މިހާރު ވަނީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައެވެ. މިހާރު ބައެއް އިގްތިސޯދީ މާހިރުންގެ އަންދާޒާއަކީ ސަރުކާރުން އެންމެ ފަހުން ވިއްކި ސްކޫކްއާއެކު ރާއްޖޭގެ ޖުމްލަ ދަރަނި މި އަހަރު 94 ބިލިއަން ރުފިޔާ އަށް އުފުލި، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 140 ޕަސެންޓުގެ ހިއްސާއެއް ކުރަން ފަށާނެއެވެ.
ކޯވިޑް-19 އާ ގުޅިގެން އިގްތިސޯދި ހީނަރުވުމުގެ ސަބަބުން މިދިޔަ އަހަރު ދަރަންޏަށް ނެގި ފައިސާގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ކޯވިޑް-19 ގެ ސަބަބުން ކުރަން ޖެހުނު ހަރަދު ތަކަށެވެ. މިހާތަނަށް ކުރި ހޭދަ ހަތަރު ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވެ އެވެ. ކުރިއަށް އޮތް ތިން އަހަރު ދަރަންޏަށް ފައިސާ ނަގައިގެން ހިންގާނެ ތަރައްގީގެ މަޝްރޫއު ތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ތިލަމާލެ ބްރިޖު އަދި މާލެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ގުޅީފަޅު ހިއްކުމާއި ސޯޝަލް ހައުސިން މަޝްރޫއުތައް އަދި ސިއްހީ ދާއިރާ ރަނގަޅުކުރުން ހިމެނެއެވެ.