2 އަހަރުތެރޭގައި ޑިޖިޓަލް އައިޑީ ކާޑު ތަޢާރަފްކުރަނީ

2 އަހަރުތެރޭގައި ޑިޖިޓަލް އައިޑީ ކާޑު ތަޢާރަފްކުރަނީ

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރަފުކުރެވޭނެކަމަށް ޓެކްނޯލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް އެން.ސީ.އައި.ޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވަނީ ކުރިއަށް އޮތް 2 އަހަރަށް ސަރުކާރުގެ ޑިޖިޓަލް ޑިވެލޮޕްމަންޓްގެ ތަޞައްވަރާއި، ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ކުރުމަށް ރާވާފައިވާ މުހިއްމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ، ޓެކްނޮލިޖީއަކީ މިއަދު ދިރިއުޅުމުގެ ހުރިހާކަމަކާވެސް ގުޅި ލާމެހިފައިވާ އެއްޗެއްކަމަށެވެ. އަދި ޓެކްނޮލޮޖީ ފަހާ ދުވުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހިފާ، މި ޖަޒީރާ ރާއްޖޭގެ ތަރައްޤީއަށް އިންޤިލާބީ ބަދަލެއް ގެނައުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް ސަރުކާރުން ދެމުންދާ ޚިދުމަތްތައް ޒަމާނާއި އެކަށީގެންވާގޮތަކަށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ބައްޓަންކޮށް ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަކަށް ގެންދިއުމަށްޓަކާ އެން.ސީ.އައި.ޓީ ގަވަރމަންޓް ޑިޖިޓަލް ސަރވިސްގެގޮތުގައި ޓްރާންސްފޯމްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ޤައުމީ އިދާރާކަމަށްވާ އެން.ސީ.އައި.ޓީން ވަކި ޚިދުމަތެއްގެ ގޮތުގައި ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށާއި، އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި މިނިސްޓްރީން ފަށާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެން.ސީ.އައި.ޓީން ބޭނުންކުރަމުންދާ ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ގަވަރމަންޓް ޕްރައިވެޓް ކްލައުޑެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ. ޑިޖިޓަލް ޓްރާންސްފޮމޭޝަން ލީޑްކުރަން އުފައްދާ މި ޚިދުމަތަކީ ހަލުވި ސްޕީޑެއްގައި ރާއްޖޭގެ އިޤްތިޞާދާއި މުޖުތަމަޢު ޑިޖިޓަލްކޮށް ރާއްޖޭގައި ދިރިއުޅޭ އެންމެންނަށްވެސް ގިނަގުނަ މަންފާއާއި އަދި ފުރުޞަތުތަކެއް ފަހިވެގެންދާނެކަމެއް. ގަވަރމަންޓް ޑިޖިޓަލް ސަރވިސް ބިނާކުރުމަށްޓަކާ އެން.ސީ.އައި.ޓީގައި މިހާރު ޕްރޮޖެކްޓު މެނޭޖްމަންޓް ޔުނިޓް އެކުލަވާލެވި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދަން ވަނީ ފަށާފައި.

– ޓެކްނޯލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ

މިނިސްޓަރ ޝައުނާ ވިދާޅުވީ، މި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑީގެ ނިޒާމެއް ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރެވިގެންދާނެކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގައި މިހާރު ބޭނުންކުރާ އީ-ފާސް އިތުރަށް ފުރިހަމަކޮށް އީ-ފާސްއަކީ ރައްޔިތުންނަށް ރައްކާތެރި އަދި ޑިޖިޓަލް ކޮންމެ ޚިދުމަތެއްގައިވެސް ބޭނުންކުރެވޭނެ ނިޒާމަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، އިލެކްޓްރޯނިކްކޮށް ކުރާ މުޢާމަލާތްތަކާއި ކަރުދާހުގައި ކުރާ މުޢާމަލާތް ހަމަހަމަކޮށް އިލެކްޓްރޯނިކް ސޮއި އާއި އިލެކްޓްރޯނިކް ކޮންޓްރެކްޓްތަކަށް ޤާނޫނީ ހައިސިއްޔަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީ ބިލެއް ފަރުމާކުރަމުންދާކަމަށާއި، ސައިބަރ ކްރައިމްއާއި ސައިބަރ ސެކިއުރިޓީއާގުޅޭ ބިލެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ތި އައިޑީ ކާޑެއް ނޫން ބޭނުމީ……ބޭނުމީ ބޯހިޔާވަހިކަން. ތިޔަ ކަމެއް ކުރަންވެސް ލާރިގަނޑެއް ދަމައިގަންނަން ތިޔަ އުޅެނީ…މޮޅުކަމެއް ދައްކައިގެން ފޭރެން. ރާއްޖޭގެ ބިން އޮތް ތަންތަނުން ރައްޔިތުންނަށް ގޯތި ދީފަ ތިގަނޑެއް ގަނެބަލަ…ގޯތި ދިނީމާ ބަޖެޓު ހުސްވަނީތަ?

Leave a Reply

Your email address will not be published. Required fields are marked *