ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު، ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޔާސަތާ މިއަދު ރަސްމީކޮށް ހަވާލު ވެވަޑައި ގަންނަވާނެއެވެ.
އުއްމީދުގެ ރިޔާސަތު، މި ޝިއާރުގެ ދަަށުން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ވަރުގަދަ ކެމްޕޭނަކަށްފަހު އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
މި އިންތިޚާބު، ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެން ބޮޑު އައުލަބިއްޔަތަކުންނެވެ. މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިގެން ދިޔައީ، 48 ވޯޓެވެ.
އަދި އެއްފަހު އދ.ގެ ޢާންމު މަޖިލިސް ހުންނަ ނިއުޔޯކަށް އޮގަސްޓު 29 ވަނަ ދުވަހު ވަޑައިގެން، ޝާހިދުވަނީ އެމަނިކްފާނުގެ ކެބިނެޓްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާ ޢާންމު މަޖިލީހުގެ 76 ވަނަ ޢާންމު މަޖިލިސް މިމަހުގެ 14ގައި ހުޅުވުމަށް ތައްޔާރީތައް ފައްޓަވާފައެވެ. އަދި އެއަށްފަހު ވަނީ، ޢާންމު މަޖިލީހުގެ ރިޔާސަތު އަމާންކަމާއެކު ބަދަލުކުރުމަށް މެންބަރު ޤައުމުތަކާއި، އދ.ގެ ސެކްރެޓޭރިއަޓާއި، ކަމާގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވާ، ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އާންމު މަޖިލިހުގެ ރިޔާސަތަށް ވަައިގަތުމަށް ކުރެއްވި ކެމްޕޭނުގައި ޝާހިދު ވިދާޅުވެފައިވަނީ، އެމަނިކްފާނުގެ ރިޔާސަތުގައި އެންމެ އިސްކަމެއް ދެއްވާނީ، ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށް ދެވޭނެކަން ކަށަވަރު ކުރުމަށް ކަމުގައެވެ. އަދި މީގެ އިތުރުން މިންތީގެ ހަމަހަމަ ކަމާއި، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ބާރު އަޅުއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީ އަކީ، 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.
އަދި މި މަޖިލިހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިގްތުސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަގަޅަށް ތަމްސީލުކޮށްދޭ މަޖިލިހެކެވެ.
މިގޮތުން އާންމު މަޖިލިހުން، ޔޫއެންގައި އަދާކުރާ މައިގަޑު 3 މަސްއޫލިއްޔަތެއް އޮވެއެވެ. އެ މަސްއޫލިއްޔަތު ތަކަކީ:
- ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެމަތިން، ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އައްޔަން ކުރުން
- ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުން
- ޔޫއެންގެ ބަޖެޓު ފާސްކުރުން
އދ.ގެ ޢާންމު މަޖިލީހުގައި ރަސްމީކޮށް، ވަކި ތާވަލެއްގެ ދަށުން ބައްދަލުންވުންތައް ބާއްވާނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަނަލަށެވެ. އެއަށްފަހު، އާންމު މަޖިލިސް ބައްދަލު ކުރާނީ، ބޭނުންވެއްޖެ ހާލަތެއްގައެވެ.
ކޮމެންޓު ފޮނުވާ