އަމިއްލަ ފައިދާއަށް މަސައްކަތް ކުރެއްވުރެއް ބޮޑަށް އަބަދުވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންގެ ފައިދާއާއި މަސްލަހަތަށް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، އަމިއްލަ އެދުމަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ. ވެރިކަން ހޯދުމަށް ކުރެވުނު މަސައްކަތުގައާއި، ޕާޓީގެ ތެރެއިން ކުރެވިދިޔަ ސިޔާސީ މަސައްކަތަކާއި، އިޖުތިމާއީ މަސައްކަތްތަކުގައިވެސް މަސައްކަތް ކޮށްފައިވާނީ ރައްޔިތުންގެ މަސްލަހަތުގައިކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ވުރެ ޑިމޮކްރަޓިކްކޮށް ހުޅުވާލައިގެ ހިންގޭ ޕާޓީއެއް ނޯންނާނެކަމަށެވެ. ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ސިޔާސީ ބޭފުޅުންނަށް ފުރުސަތު އޮތް އަދި ސިޔާސީ މަސައްކަތް ކުރެވޭނެ ޕާޓީއެއްކަމަށެވެ.
ޖުމްހޫރީ ޕާޓީއާއި ގުޅޭގޮތުން ޕާޓީން ވަކިވި ބޭފުޅުންނާއި އެހެން ބޭފުޅުން ދައްކަވާ ވާހަތަކަކީ، އެއްވެސް ސަމާލުކަމެއް ދޭ ކަމެއް ނޫންކަމަށެވެ. އަދި މިހާތަނަށް ޖޭޕީން މަސައްކަތްކުރި ހުރިހާ ކޯލިޝަނެއްގައިވެސް ކޯލިޝަނުން ވަކިވެފައިވަނީ ޖޭޕީގެ މައްސަލައަކުން ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާޓީ ނިކަމެތިކޮށް ކުރެވޭ މަސައްކަތްތަކަކީ ދުވަހަކުވެސް ކާމިޔާބު ވާނެ މަސައްކަތްތަކެއް ނޫންކަމަށެވެ.
ޤާސިމް ވަނީ ޖޭޕީން ވަކިވި ނާޒިމްއާއި، ރިޔާޒަށް ނިސްބަތްކޮށް ނުސީދާ ރައްދު ތަކެއް ދެއްވާފައެވެ. އަދި ޕާޓީގެ މަޤާމުތަކުގައި ތިއްބަވައިގެން ޖޭޕީގެ ހަރަކާތްތަކުގައި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިނުވާ ވާހަކަވެސް ޤާސިމްވަނީ ފާހަގަ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ