އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ ބޮޑުކޮށް ކޮމެޓީތަކުގެ ރައީސަކަށް 6،000 ރުފިޔާ މެމްބަރަކަށް 4،000 ރުފިޔާ ދޭން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ސޮއިކުރަށްވާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވާގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް އުޖޫރަ ކަނޑައަޅަން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ލަފާގެ މަތިން އެ މިނިސްޓްރީއިން ކަމަށެވެ.
މި ސިޓިގައި ހިމަނުއްވާފައިވާ ތާވަލްގައިވާ ގޮތުން 01 ޖަނަވަރީ 2022 އިން ފެށިގެން ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 6000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސްއަކަށް 5000 ރުފިޔާ އަދި މެންބަރަކަށް 4000 ރުފިޔާ ލިބޭނެއެވެ. މިހާރު އެ ކޮމިޓީގެ މެމްބަރުންނަށް ލިބެމުން އަންނަނީ 3000 ރުފިޔާގެ މުސާރައެކެވެ.
ސިޓީކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 7000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސްއަކަށް 6000 ރުފިޔާ އަދި މެންބަރަކަށް 5000 ރުފިޔާ ލިބޭނެއެވެ. މުސާރައިގެ ޖުމްލަ ހިމަނާފައިވަނީ ސިޓިންގ އެލަވަންސް ގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް 500 ރޭޓުންނެވެ. ސިޓިން އެލަވަންސް ގެ ގޮތުގައި ގިނަވެގެން ނެގޭނީ 2000 ރުފިޔާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން 01 ޖަނަވަރީ 2022 އިން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް އުޖޫރަ ދިނުމުގައި އެ މިނިސްޓްރީ ދެއްވާފައިވާ ތާވަލާއިއެއްގޮތަށް އަމަލުކުރުމަށް އެލްޖީއޭއިން ކައުންސިލްތަކަށް އެންގެވުމަށް އެ ސިޓީގައި ވިދާޅުވެފަވެއެވެ. މި އުޖޫރަ ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނައިގެން ދެމުންގެންދިއުމަށް އެންގެވުމަށްވެސް އެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ