އޭސީސީން އިސްލާހުކުރަން ލަފާދިންއިރު ސެޓްލްމަންޓް ކޮމިޓީ އޮތީ އުވާލާފައި!

އޭސީސީން އިސްލާހުކުރަން ލަފާދިންއިރު ސެޓްލްމަންޓް ކޮމިޓީ އޮތީ އުވާލާފައި!

Author
މުޙައްމަދު ޖިމީ
13 ސެޕްޓެމްބަރ 2021 12:06
0

ކުރީ ސަރުކާރުތަކުން އެކުލަވާލާފައިވާ އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދައުލަތުން ބަދަލު ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ވިދާޅުވެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްލާޙުކުރަން ދައުލަތަށް ލަފާދިންއިރު، ބަދަލު ދިނުމުގެ ކަންކަން ކުރިއަށްގނެދާ ކޮމިޓީ އުވާލާފައިވާކަން ހާމަވެއްޖެއެވެ.

ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި ކޮމިޓީއެއް ސަރުކާރުން އުފެއްދިއެވެ. މި ކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި މިނިސްޓްރީ އޮފް ފިނޭންސް އަދި އެ މައްސަލައަކާގުޅޭ މިނިސްޓްރީއެކެވެ.

ރައީސް އޮފީހުން ބުނީ، އެކޮމިޓީއަށް ޖުމްލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާބެހޭ ގޮތުން ވާހަކަ ދެކެވިފައިވާކަމަށެވެ. ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވިފައިވަނީ 19 ފެބްރުއަރީ 2020 ގައިކަމަށާއި، އެ ތާރީޚަށްފަހު، އެ ކޮމިޓީގެ މަސައްކަތްވަނީ ހުއްޓިފައިވާކަމަށްވެސް ރައިސް އޮފީހުން ބުންޏެވެ. އަދި 15 ސެޕްޓެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކޮމިޓީ އުވާލައްވާފައިވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ޙައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ("ނޫމަޑި") އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި 2 (ދޭއް) މައްސަލައެކެވެ.

ނޫމަޑި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރަށް ރާއްޖެއިން ބޭރުގެ ޤާނޫނީ މާހިރުންގެ ފަރާތުން ލިބުނު ލަފަޔަށް ބަލައި، ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްފައިނުވާތީއާއި މިމައްސަލައާގުޅޭ ގޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރާ ދެކޮޅަށް ނޫމަޑީގެ ހެކިވެރިއަކަށްވެ ހެކިބަސްދީފައިވާތީ، މި މައްސަލާގައި އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، މާލީ ގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތުމުން، ދެބަސްވުންތައް ޙައްލުކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް 'ފުލް އަދި ފައިނަލް ސެޓްލްމަންޓުގެ' ގޮތުގައި 55,000,000 (ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 25 އޮގަސްޓު 2019 ގައި ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށް، އާބިޓްރޭޝަން މަރުޙަލާއިން "ކޮންސެންޓް އެވޯޑަކަށް" ދެފަރާތުން އެއްބަސްވެފައިވާކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

މީގެ އިތުރުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ޙައްލުކޮށްފައިވާނެކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލަތަކުގައި ޢަމަލުކޮށްފައިވަނީ ޝަރީޢަތުގެ ޢާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް ބުނެފައިވެއެވެ.

ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކި ކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، 26 އޮކްޓޫބަރު 2017 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު 2016/SC-A/13 ޤަޟިއްޔާ (ދައުލަތް ވ. މުޙައްމަދު ހަބީބް) މައްސަލައާއި އަދި އޭގެ ފަހުން ކޮށްފައިވާ ޙުކުމްތަކުގެ އަލީގައި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަތަކުގައި، އެއްވެސް ސަބަބެއް ނެތި މީހަކު ވަޒީފާއިން ވަކި ކޮށްފައިވާކަން ކަމާބެހޭ އޮފީހަކުން ފޮނުވާ ލިޔެކިއުންތަކުން އެނގެން އޮތްނަމަ، އެފަދަ މައްސަލައެއް ޝަރީޢަތުގެ 3 މަރުޙަލާއިން ނިންމުމުގެ ބަދަލުގައި ޤާނޫނުއަސާސީގައި 'މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް' ބުނެފައިވާ އުޞޫލަށް ބަލައި، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި ވަޒީފާގެ މައްސަލަތައް ޙައްލުކޮށްފައިވާނެއެވެ.

– ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް އިތުރު ބޭއިންޞާފެއް ކުރިމަތި ނުވާނޭހެން، އެފަދަ މައްސަލަތައް ޝަރީއަތުގެ 3 މަރުޙަލާއިން ގޮތެއް ނިންމުމުގެ ބަދަލުގައި ޞުލްޙަވެރިކަމާއެކު ޙައްލުކުރަން ފެށުމުން، ކުރިން ކޯޓަށް މައްސަލަ ހުށަހަޅާފައިނުވާ ފަރާތްތަކުން ދައުލަތާ ދެކޮޅަށް މައްސަލަތައް ހުށަހަޅަން ފެށިކަމަށެވެ. މިފަދަ މައްސަލަތަކުގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރެވި އެކަމަށް ޙައްލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ފާއިތުވި މުއްދަތަށާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި ސަރުކާރުގެ މަޞްލަޙަތަށާއި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށްޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ ޢަދަދަކީ، 1 އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތައް ކަމަށް ހުށަހަޅާފައިވާނެކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި މިންވަރަށް ބަދަލުގެ މިންވަރު ކަނޑައަޅާފައިވާނީ ނުހައްޤުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަލާ މިންގަނޑުތަކާއި އަދި 1 އަހަރު ދުވަހަކީ އެހެން ވަޒީފާއެއް ހޯދުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ބަލައިގެންނެވެ. އަދި މި އުޞޫލަށް ދައުލަތުން ޢަމަލުކުރަމުން ފެށިފަހުން، ނުހައްޤުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އެންމެ ގިނަވެގެން ނަގައިދެވިދާނޭ މިންވަރަކީ 1 އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްކަމާއި މިއީ ދިވެހިރާއްޖޭގައި އަމަލުކުރުން އެކަށީގެންވާ މިންގަނޑެއް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/586 (25 ޖުލައި 2019) ޤަޟިއްޔާގައި ނިންމާފައިވެއެވެ.

– ރައީސް އޮފީސް

ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދަޢުވާއެއް ނުކުރުމަށް އިޤްރާރުވެ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށް، ނިންމާފައިވާނެކަމަށާއި، މިފަދައިން މައްސަލަ ޙައްލުކުރަން ބޭނުންނުވާ ފަރާތްތަކުގެ މައްސަލަތައް ނިންމަނީ ޝަރީޢަތުގެ މަރުޙަލާއިންކަންވެސް ފާހަގަކުރާކަމަށްވެސް ރައިސް އޮފީހުން ބުންޏެވެ.

ނުޙައްޤުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލުތައް:

މި މައްސަލަތަކުގައި، ދަޢުވާކުރާ ފަރާތްތަކުން އެދިފައިވަނީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމަޔަށް މުސާރައާއި ޢިނާޔަތްތައް ނަގައި ދިނުމަށްކަމަށާއި، ސިވިލް ކޯޓުގެ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޑިސްޕިއުޓް މަރުޙަލާގައި މި މައްސަލަތައް ޙައްލުކޮށް އެފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅައި އެއްބަސްވި ޢަދަދަކީ ޝަރުޢީ މަރުޙަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުޞަތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެއްކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ކޯޓަކުން ކުރާ ޙުކުމެއްގައި ފައިސާ ދެއްކުމަށް އަންގާ މުއްދަތަކީ، ކޯޓުން ކަނޑައަޅާ މުއްދަތެއް ކަމުގައިވާއިރު، މި ފައިސާ ދައްކާ ޚަލާސް ކުރުމަށް ދައުލަތުން އެއްބަސްވެފައިވާ މުއްދަތުތަކަކީވެސް ދައުލަތަށް ބުރަ ބޮޑު ނުވާނޭ ގޮތަކަށް އެއްބަސްވެފައިވާ މުއްދަތުތަކެއްކަމަށްވެސް ރައިސް އޮފިހުން ބުންޏެވެ.

ރައިސް އޮފިހުން މިހެން ބުނެފައިވާއިރު، އޭސީސީން އެކުލަވާލި ހުދު ކަރުދާހުގައި ވަނީ، ބަދަލު ދިނުމަށް ވަކި އުސޫލެއް ނުވަތަ ގަވާއިދެއް އެއްވެސް މުއައްސަސާއަކުން ނުވަތަ ކޮމިޓީއަކުން ވެސް ހެދިފައިނުވާކަން ފާހަގަކޮށްފައެވެ. އަދި ޢަމަލު ކުރަމުންދާ ވަކި އުސޫލެއް ނެތުމުގެ ސަބަބުން، އެކި މައްސަލަތައް ނިންމުމުގައި ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާ އަދަދު ކަނޑައެޅުމުގައި އެއްހަމައެއް ގެންގުޅެވިފައި ނުވާކަމަށާއި، ހާމަކަންބޮޑު ދެފުށްފެންނަ ވާދަވެރި އުސޫލަކުން ކުރެވެން އޮންނަ ކަންކަން އެބީދައިން ނުކުރުމުގެ ސަބަބުން، ފަހުން އެކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމަށްވެސް އޭސީސީން ފާހަގަކުރެއެވެ.

އޭސީސީން ކުރިއަށްގެންދިޔަ ދިރާސާގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލެވިފައިވާ ސެޓްލްމެންޓް ކޮމިޓީން މައްސަލަ ނިންމުމުގައި ޢަމަލުކުރާނެ ވަކި މިންގަނޑެއް ލިޔުމުން ނެތުން ހިމެނެއެވެ. އަދި ހަވާލުކުރެވޭ މަސައްކަތަކީ އެ ކުންފުންޏެއްގެ އިޚްތިޞާސްގައި ހިމެނޭ މަސައްކަތެއްކަން ޔަގީންކުރުމެއްނެތި މަސައްކަތް ހަވާލުކުރުމުން، މަޝްރޫޢުތައް ކުރިއަށް ނުގެންދެވި، އެއްބަސްވުން އުވާލުމުން، އެކަމުގެ ބަދަލަށް އެދޭ މައްސަލަވެސް އޭސީސީން ކުރިއަށްގެންދިޔަ ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުންވެސް އެކި މައްސަލަތައް އޭސީސީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.