އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަނީ

އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަނީ

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2021 10:32
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މުޒާހަރަ ކުރަން ފަށައިފިއެވެ.

އެކޯލިޝަނުން މުޒާހަރާ ކުރަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާއަކީ ރައީސް ޔާމީނަށް އިންސާފު ގާއިމްކޮށް ދިނުމަށް ގޮވާލައި ކުރާ މުޒާހަރާއެވެ. މިމުޒާހަރާގައި އިދިކޮޅު ލީދަރޝިޕްގެ ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

މި ފައިސާއަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމުގައި ދައުލަތުން ގަބޫލު ކުރައްވައެވެ. ދަށު ކޯޓުން ވަނީ މި މައްސަލާގައި ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ވެސް އިއްވަވައިފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރީ 22 އިސްތިއުނާފީ ނުކުތާއެވެ. މި ނުކުތާތަކާއެކު ޔާމީންގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށާއި ކަފާލާތުގެ ދަށުން ދޫކޮށްލަން ހުށަހަޅުއްވައިފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޔާމީން މިހާރު ވެސް ހުންނެވީ ގޭބަންދުގައެވެ. އެއީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދާތީ "ހައި ރިސްކް" ނުވަތަ ހިރާސް ބޮޑު ބޭފުޅުންނަށް ދިން ލުއިތަކުގެ ތެރެއިން ޔާމީނަށް ދެއްވާފައިވާ ލުޔެކެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ ޝަރީއަތުގެ އިސްތިއުނާފް މައްސަލަ ފަށާފައި މި ވަނީ ދަށު ކޯޓުގައި އެމަނިކުފާނަށް ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އަޑު ހިމެނޭ އޯޑިއޯތަކެއް ލީކުވެ އޭގައި ޝަރީއަތަށް ނުފޫޒު ފޯރުވި ވާހަތަކެއް ހިމެނިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނިކޮށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ ވެސް ޔާމިންގެ މައްޗަށް މިހާރު ވަނީ އުފުލައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފައެވެ.

ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ވެސް އެއް މިލިއަން ޑޮލަރު ޔާމީން ނެންގެވި ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހްގީގުކޮށް ޕީޖީއަށް މައްސަލަ ފޮނުވިއެވެ. ނަމަވެސް މިހާރު އަނެއްކާވެސް ޕީޖީ އިން ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންނަށް އެންގުމުން އަލުން ޔާމީންގެ ބަޔާނެއް ނަގަން ފުލުހުން މަސައްކަތް ކޮށްފައި ވެއެވެ. އެއީ ތަހްގީގު ނިމިފައިވާ މައްސަލައަކަށް ވާތީ ބަޔާން ދެއްވަން ޔާމީން ވަނީ ދެކޮޅު ހައްދަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.