ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި ވަނީ ފަށާފައެވެ.
މިއަދުގެ އަޑު އެހުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުންވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅާފައެވެ. އަދި ހުކުމް ތަންފީޒު ކޮށްދިނުން ފަސްކޮށްދެއްވުމަށްވެސް ވަނީ ހުށަހަޅާފައެވެ.
މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީންގެ ވަކީލް ޑރ.ޖަމީލް ވިދާޅުވީ މިއަދު ފެށި އަޑު އެހުމުގެ ލިޔެކިޔުންތައް ދައުލަތުގެ ފަރާތުން ލިބިފައިވަނީ އިއްޔެ ކަމަށްވުމުން ލިޔެ ކިޔުންތަކަށް ބަލައި ތައްޔާރުވުމަށް 2 ދުވަސް ބޭނުންވާކަމަށެވެ. މިއާއުއެކު މިމައްސަލަ ބައްލަވާ އިސް ފަނޑިޔާރު މަހާޒު ވަނީ ދެދުވަސް ދޭނެކަމަށާއި، ނަމަވެސް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.
ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއްވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މިގޮތުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑަރިންގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ.
ކޮމެންޓު ފޮނުވާ