ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީން އެކުލަވާލި މެއި 6 ކޮމެޓީއަކީ މިސަރުކާރުގެ ބައެއް އިސްމަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުންނަށް މުހިންމު އެއްޗަކަށް ނުމިކަމަށް ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އެންމެ ފަހުން ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްލި ޤައުމީ މަޖިލީހުގެ ފޮޓޯއެއް ހިއްސާ ކުރައްވައި ސިފާވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ސިފާ ވިދާޅުވީ ޤައުމީ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުނަށް ވަޑައި ނުގެންނެވޭކަމަށެވެ. މިކަން ހާމަވެގެންދަނީ މޭ6 ކޮމެޓީއަކީ އެބޭފުޅުންނަށް އެހާ މުހިންމު ކޮމެޓީއަކަށް ނުވުންކަމަށެވެ.
ސިފާވަނީ އޭނާއާއި ވާދަކުރައްވާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ސިފާ ވިދާޅުވީ އެމްޑީޕީން ވެރިކަން ލިބުމުގެ ކުރިން ފާއިތުވީ 7 އަހަރު މަގުމަތީގައި ތިބިއިރު އަކްރަމް ހުރީ ޕާޓީއާއި މާދުރުގައިކަމަށެވެ. އަދި މިހާރުވެސް ޕާޓީގެ ކަންކަމުގައި ޤައުމީ މަޖިލިސްގެ ބައްދަލުވުންތަކަށްވެސް ވަޑައި ނުގަންނަވާކަމަށެވެ.
އެންމެފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާއަށް އަދުގެ ސަރުކާރުގެ ވަޒީފާގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވަޑއި ނުގެންނެވުނު. އަޅުގަނޑާއި ވާދަ ކުރައްވާ ބޭފުޅާވެސް. މޭ 6ގެ ކޮމެޓީ އެއްގޮތަކަށްވެސް މުހިންމެއްނުވި. 7 އަަހަރު މަގުމަތީގައި ޕާޓީ އެންމެން އުޅުނުއިރު، އުޅުއްވީ މުޅިން ދުރުގައި.
– ސިފާ ވިދާޅުވިއެވެ.
މެއި 6 ކޮމިޓީ އުފެދި މަސައްކަތް ފެށުމުން އެމްޑީޕީން ބުނެފައިވަނީ "މެއި ހައެއް" ކޮމިޓީގެ މަސައްކަތްތަކަށް އެޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް އެޕާޓީންކުރާ މަސައްކަތްތައް ހުއްޓިގެން ނުދާނެކަމަށެވެ. އަދި ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް އެންމެ ތަންކޮޅެއްވެސް ދޫދިނުމެއްނެތި ޕާޓީއެއްގެ ސިފައިގައި އެމްޑީޕީން މަސައްކަތްކުރާނެކަމުގައެވެ.
ނަމަވެސް އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ޚިޔާލު ތަފާތުވުމާއިއެކު މިކޮމިޓީގެ މަސައްކަތްތަކަށް މާބޮޑު ސަމާލުކަމެއް ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ނުދެއްވައެވެ. އެންމެ ފަހުން ކޯރަމް ހަމަވެގެން އޮންލައިންކޮށް ބޭއްވި ޖަލްސާގައިވެސް ރައީސް ނަޝީދުގެ ހަމަލާގެ މައުލޫމާތު ދޭން ފެށި ހިސާބުން ބައްދަލުވުން ދޫކޮށް މެޖޯރިޓީ މެމްބަރުންވަނީ ނިކުންނަވާފައެވެ.