ލިބެންޖެހޭ އިޔާތްތަކާއި، އެލަވެންސްތައް ނުދީ ހިފަހައްޓާފައިވާތީ މޯލްޑިވިއަން ކެބިން ކްރޫއިންވެސް އާދީއްތަ ދުވަހުން ފެށިގެން ދަތުރު ނުކުރަން ނިންމައިފިއެވެ.
ޤައުމީ އެއާލައިންގެ މުވައްޒިފުންގެ ތެރެއިން އެންމެ މުހިންމު ވަޒީފާތަކުގައި އުޅުއްވާ ގިނަ ބޭފުޅުންތަކެއް މެނޭޖްމަންޓަށް ހުށަހެޅި ކަންކަން ހައްލު ނުކޮށްދެވޭނަމަ، އާދީއްތަ ދުވަހު ވަޒީފާއަށް ނުނިކުންނާނެކަމަށް ބުނެފައެވެ. ޚަބަރު އޮންލައިނާއި ވާހަކަ ދެއްކެވި ކެބިންކުރޫއަކު ބުނެފައިވަނީ ކުންފުނިން އަމަލުކުރަމުންދާ ގޮތާއިމެދު ގިނަ މުވައްޒިފުންތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށެވެ.
ކެބިން ކްރޫއިންނަށްވެސް 2015 އިން ފެށިގެން ލިބެންޖެހޭ ޑެއިލީ އެލަވަންސް ނުލިބި އެކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް މެނޭޖްމަންޓުގައި ކޮށްފައިވާކަމަށެވެ. އަދި މިފައިސާ ދިނުމަށް ކުރީގެ އެމްޑީ ރިޒްވީ ހުންނެވިއިރު ވައުދުވެ އެކަމަށް މަސައްކަތްތަކެއް ފަށާފައިވަނިކޮށް ކޯވިޑް-19 ކުރިމަތިވެ އެކަން މިހާރު ހަދާން ނެތިފައިވާކަމަށެވެ.
މީގެ އިތުރުންވެސް ކެބިންކުރޫ އިންނަށް ލިބެންޖެހޭ އެހެންވެސް އެލަވަންސްތަކާއި، ކޯވިޑާއި ގުޅިގެން މުސާރައިން ކަނޑާލި ބައިވެސް މިއަދާއި ހަމަޔަށްވެސް އިޔާދަކޮށްފައި ނުވާކަމަށެވެ. މިކަންކަމުގެ ޝަކުވާ ކެބިންކުރޫ އިންގެ ފަރާތުންވެސް މެނޭޖްމަންޓާއި ހަމަޔަށް ގެންދިޔަ ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަމަށެވެ.
މޯލްޑިވިއަން ޑޭޝް-8 ދުއްވާ ޕައިލެޓުންނާއި، ކުންފުނީގެ މެނޭޖްމަންޓާއިއެކު ރޭ ބޭއްވި ބައްދަލުވުމުގައި ކެޕްޓަނުންވަނީ މުސާރައަށް ބަދަލު ގެނައުމާއިމެދު ކުންފުނީގެ މެނޭޖްމަންޓަށް މުހުލަތެއް ދީފައެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހާއި ހަމައަށް މުސާރައާއި ގުޅޭގޮތުން އެއްވެސް ކުރިއެރުމެއް ލިބޭނެކަމަށް މެނޭޖްމަންޓުން ނާންގައިފިނަމަ، ވަޒީފާއަށް ނުނިކުންނާނެކަމަށް ވަނީ އަންގާފައެވެ.
ޑޭޝް-8ގެ ޕައިލެޓުން އިހުތިޖާޖަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު، މޯލްޑިވިއަން ސީޕްލެއިންގެ 8 ޕައިލެޓަކުވަނީ ކުންފުނިން އިސްތިއުފާ ދީފައެވެ. އަދި އިތުރު ޕައިލެޓުންވެސް މަޤާމުން ވަކިވުމަށް މިފެށޭ ހަފްތާގައި ހުށަހަޅާނެކަމަށް މައުލޫމާތު ލިބިފައެވެ. މޯލްޑިވިއަންގެ މެނޭޖްމަންޓުން އަމަލު ކުރަމުންދާ ގޮތާއިމެދު ހިތްހަމަނުޖެހި، ކުންފުނީގެ އިސް 3 މަޤާމެއްގައި ތިއްބެވި ބޭފުޅަކުވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މޯލްޑިވިއަން އިން ބުނެފައިވަނީ ޕައިލެޓުން ވަކިވި ކަމުގައި ވީނަމަވެސް ކުންފުންޏަށް އެއްވެސް ދައްޗެއް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ