ރައީސް ސާލިހު އަލިފުށީ ކައުންސިލާ ބައްދަލު ކުރައްވަނީ

އަލިފުށީގެ ތާރީޚުގައިވެސް މިހާ ގިނަ މަޝްރޫޢުތަކެއް މީގެކުރިން ކުރިޔަށް ގޮސްފައި ނުވޭ: އަލިފުށީ ކައުންސިލް

އަލިފުށީގެ ތާރީޚުގައިވެސް މިހާ ގިނަ މަޝްރޫޢުތަކެއް މީގެކުރިން ކުރިޔަށް ގޮސްފައި ނުވޭ: އަލިފުށީ ކައުންސިލް

ގުޅުންހުރި

ސަރުކާރުން އަލިފުށީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށާއި، އަލިފުށީގެ ތާރީޚުގައިވެސް މިހާ ގިނަ މަޝްރޫޢުތަކެއް މީގެކުރިން ކުރިޔަށް ގޮސްފައި ނުވާކަމަށް އަލިފުށީ ކައުންސިލުން ހާމަ ކޮށްފިއެވެ.

އަލިފުށީ ކައުންސިލުން މިކަން ހާމަ ކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުން ރ. އަތޮޅަށާއި އަދި ށ. އަތޮލުގެ ބައެއް ރަަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ރ. އަލިފުއްޓަށް ވަޑައިގެން އެރަށުގެ ކައުންސިލާއެކީ ބޭއްވުނު ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި، އެރަށުގައި ކުރިޔަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ބާރަށް ކުރިޔަށްދާތީ ރައްޔިތުން ތިބީ ވަރަށް އުފަލުންކަމުގައި ކައުންސިލުން ކަމުގައިވެސް، ކައުންސިލްގެ ފަރާތުން ރައީސަށް ދަންނަވާފައި ވެއެވެ.

އަދި މި ބައްދަލުވުމުގައި، އަލިފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މައުލުމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސާލިހުއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި، އަލިފުށީގައި ގެދޮރު އެޅުމުގައި ހުރި ދަތިތަކާއި، އަލި ފުށީ ހޮސްޕިޓަލްގެ މަސައްކަތައް ލަސްވަމުން ދާދިއުމުގެ ކަންބޮޑުވުންތަކުގެ އިތުރުން، އަލިފުށީގައި ކޮމިއުނިޓީ ސެންޓަރެއް ބިނާކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުން ވަނީ ރައީސަށް ދަންނަވާފައެވެ.

އަދި މީގެއިތުރުން، އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން މަސައްކަތް ކުރާނެ އޮފީހެ ނެތުމުގެ ކަންބޮޑުވުންވެސް އެކޮމިޓީންވަނީ ރައީސަށް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ، އެރަށުގައި 30 އެނދުގެ މިޑް ރޭންޖުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައި ވާކަމަށްވެސް ކައުންސިލަށް ދަންނަވާފައެވެ. އަދި ރަށަށް ކުރިމަތި ވެފައިވާ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ހިންގާ އެކި އެކި ލޯނު ސްކީމާ ބެހޭ މަޢުލޫމާތު ރައީސް ކައުންސިލާ ހިއްސާ ކުރެއްވިއެވެ. އަދި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރުވަނީ ރ. އަލިފުށީގައި އެއަރޕޯޓެއްވެސް އެޅުމަށް ނިންމާފައެވެ. ބަޖެޓުގައި ހިމަނާފައި ނެތް، މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ކުއްލިއަކަށް އަލިފުށީގައި ހިންގަން ސަރުކާރުން ނިންމުމުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިއުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ރ. އަތޮޅު އެތުރިފައި އޮތް ގޮތުން، ގިނަ ރިސޯޓުތައްވެސް އަލިއްފުއްޓާ ދުރުގައި އޮވެފައި، އަދި ރ. އަތޮޅުގެ އާބާދީގެ ބޮޑުބައެއް އަލިފުއްޓާ ދުރުގައި ގައިމްވެފައި އޮއްވާ، މުޅި އާބާދީއަށް ޖުމްލަކޮށް ފައިދާ ނުވާގޮތަށް އަލިފުށީގައި އެއަރޕޯޓު އެޅުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އެއަތޮޅުގެ ބައެއް ރަށްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް، އަލިފުށީ ދާއިރާގެ މެމްބަރު ވިދާޅުވެފައިވަނީ، އެއަރޕޯޓުގެ މައްސަލާގައި ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ޒާތީ ވެގެން ދައްކާވާހަކަ ތަކެއް ކަމަށާއި، އެއަރޕޯޓު އެޅުމާއިގެން ކުރިޔަށް ވަޑައިގަންނަވާނޭ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި، އަލިފުށީ ދާއިރާގެ މެމްބަރުން މުހައްމަދު ރަޝީދު ހުސެއިން، ބިގޭއާއި ދެބޭފުޅުންނަކީ ދެ ޅިޔަނުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ.އަލިފުށްޓަަށް ކުރައްވަމުން މިގެންދަވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިހާގިނަ މަޝްރޫޢުތައް ހިންގާފަވާ ދައުރެއް ތާރީޚްގައިވެސް ނުދެކެމޭ ބުނި މީހުން ކިޔައިދިނީ says:

    މިހާގިނަ މަޝްރޫޢުތައް ހިންގާފަވާ ދައުރެއް ތާރީޚްގައިވެސް ނުދެކެމޭ ބުނި މީހުން ކިޔައިދިނީ މުޅިންވެސް ކުރަން ބުނެފަ ނުކުރެވި ހުރި ކަންކަމުގެ ވާހަކަ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ