ރައްޔިތުންގެ ނުރުހުން އަމަޒުވާގޮތަށް އިމްރާން ކުރައްވާ ކަންކަން އެމްޑީޕީން ބަލައި ނުގަންނާނެ: ހަސަން

ރައްޔިތުންގެ ނުރުހުން އަމަޒުވާގޮތަށް އިމްރާން ކުރައްވާ ކަންކަން އެމްޑީޕީން ބަލައި ނުގަންނާނެ: ހަސަން

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 12:15
0

ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާނޭހެން ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރައްވާ ކުރައްތައްތަކީ އެމްޑީޕީން ބަލައި ގަންނާނެ ކަންތައްތަކެއް ނޫންކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި ނިންމުން ނިންމާފައިވާ ގޮތް ބަލައިގަނެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ރިޕޯޓުގެ ބަހުސް މަރުހަލާގައި ހަސަން ވަނީ ފައިރޫޝްއަށް ޝަރަފްވެރި ކަމާއިއެކު ރިޓަޔަރ ކުރެއްވުމުގެ ފުރުސަތު ދެއްވީތީ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހަސަން ވިދާޅުވީ މިފަދަ ކަންކަމަކީ ހޯމް މިނިސްޓަރގެ މަޤާމުގައި ހުންނަވައިގެން މިނިސްޓަރ އިމްރާން ވަރަށް ބޮޑަށް ސަމާލު ވާންޖެހޭ ކަމެއްކަމަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާއަކު ހުންނަވައިގެން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމަޒުވާނޭހެން ކަންކަން ނިންމުމަކީ އެމްޑީޕީން ގަބޫލު ކުރާނެ ކަމެއްނޫންކަމަށް ހަސަން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ މިފަދަ ކަންކަން ކުރެއްވުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ އަކާއި ސަރުކާރެއް ހިނގަމުންދާއިރު، ހޯމް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނަވައިގެން މިފަދަ ނާތަހުޒީބު އަދި ރައްޔިތުން ސަރުކާރާއި ދޭތެރޭގައި ނުރުހުންވާނޭ ކަންކަން ކުރުމަކީ ހަމަ ގައުމުވެސް އަޅުގަނޑު އެޕާޓީއަކަށް ނިސްބަތްވާ އެމްޑީޕީގެ އެއްވެސް މެމްބަރަކު ގަބޫލުކުރާނެ އަދި އެނޭނެ ކަންކަމެއްނޫން.

– ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ފައިރޫޝް އަކީ 7 ފެބްރުއަރީގެ ބަޢާވާތުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކަށްވާއިރު، އޭނާއަށް ޝަރަފްވެރިކަމާއިއެކު ރިޓަޔަރ ކުރެއްވުމުގެ ފުރުސަތު ދިނުމުން އެއީ ފުލުހުންގެ ތެރޭގައި ޝަރަފްވެރިކަމާއިއެކު ރިޓަޔާ ކުރައްވަން ތިއްބެވި ބޭފުޅުންނަށް ވެފައިވާ ވަރަށް ބޮޑު ބޭއިންސާފެއްކަމަށެވެ. އަދި މިއީ މިނިސްޓަރ އިމްރާން ކުރެއްވި ވަރަށް ނާތަހުޒީބު ކަމެއްކަމަށެވެ.

241 ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި ލިޔެފައިވަނީ، ޑރ. ފައިރޫޝްގެ އަމަލުތައް ޕާލަމަންޓަރީ ރިކޯޑިންތަކުގައާއި، އާންމުވެފައިވާ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންތަކުން ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު ޝަރަފުވެރިކަމާއެކު އޭނާ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރިޕޯޓްގައި ދެން ފާހަގަ ކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމެވެ. ފައިރޫޝް މަގާމުން ވަކިކުރަން އޭރު ނިންމާފައިވެއެވެ. 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސަރުކާރާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަތައް ދައްކާފައިވާތީ ކަމަށް ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. އެއީ އޭނާ އަށް ވަޒީފާ ދޭން ދައުލަތުން އެއްބަސްވުމުންނެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެއްޓެވީ ޑިސެމްބަރު 2018 ގައެވެ. އަދި ޖެނުއަރީ 2019 ގައި އޭނާ އެސިސްޓެންޓް ކޮމިޝާނަރުގެ މަގާމަށް އައްޔަން ކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.