ކަނޑުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ އެންމެ ޤައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިހާރު ފްރާންސްގެ މާރސޭ ގައި ކުރިއަށްދާ އައި.ޔޫ.ސީ.އެން ވާރލްޑް ކޮންޒަރވޭޝަން ކޮންގްރެސްގެ ހައި ލެވެލް ޑައިލޮގް ގައި ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ދުނިޔޭގެ ކަނޑުގެ %30 ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ވަކިން ޚާއްސަކޮށް، ދިވެހިރާއްޖެ ކަހަލަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމުތަކަށް މިކަމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ އިގްތިސާދުތަކަށް، ކަނޑުތަކާއި، ކަނޑުތަކުގައި ދިރުންތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ މުހިންމުކަމެއް ކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން، ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ސްޓޮކް މަދުވަމުންދިއުމާއި، ކުނީގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވަމުން ދިއުމާއިމެދު މިނިސްޓަރ ޝައުނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ %20 ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން، މިކަމަކީ ވަކި ވަކި ގައުމުތަކުން އެކަނި ކުރެވޭވަރަށްވުރެ ބޮޑު ކަމެއް ކަމާއި، ހުރިހާ ގައުމެއްގެ އެއްބާރުލުން މި ކަމުގައި ބޭނުންވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ މަސްވެރިކަމުގައި ތިމާވެއްޓާއި ރައްޓެހިގޮތްތައް ބޭނުންކުރާ ޤައުމެއްނަމަވެސް، ދިވެހިރާއްޖޭގެ ބޯޑަރުން ބޭރުގައިކުރާ ބައެއްބާވަތްތަކުގެ މަސްވެރިކަމުގެ ސަބަބުން އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް މަސްވެރިކަމަށް ބަރޯސާވާ ދިވެހިރާއްޖެކަހަލަ ޤައުމުތަކަށް ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓަރަ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އ.ދ ގެ "ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ގެދަށުން 2030 އަންނަންވާއިރަށް ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 30% ހިމާޔަތްކުރުމަށް ހުރިހާ ޤައުމުތަކުންވެސް މަސައްކަތްކުރުމަށް މިނިސްޓަރ ޝައުނާ ގޮވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ