ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމުގައި ހުންނެވީ އެއްވެސް ޕާޓީއެއް ތަމްސީލު ކުރުމުގެ ގޮތުން ނޫންކަމަށާއި، އަދި އެ މަގާމަކީ ކޯލިޝަން އެގްރީމަންޓުގެ ދަށުން، ވަކި ޕާޓީއަކަށް ލިބިގެންވާ ޕަސެންޓޭޖުގެ ތެރެއިން ސްލޮޓެއް ފުރިހަމަ ކުރަން ހުންނަ މީހެއްގެ ގޮތުގައި ނޫންކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވެފައިވަނީ، ރައީސް ޔާމިންގެ ޝަރީޢަތާ ގުޅޭގޮތުން ލީކުވެފައިވާ އޯޑިއޯގައި ދެކެވިފައިވާ ވާހަތަކާއި، އަދި ޝަރުއީ ދައިރާއަށް އޭނާ ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތާއި ގުޅިގެން އެވާހަތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަތަކެއްކަން ހާމަކޮށްދިނުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ފްރެސް ކޮންފަރެންސްގައި ބައެއް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޗީފް އޮފް ސްޓާފް ކަމާ އޭނާ އަލަށް ހަވާލުވިއިރުވެސް އެކަން އޮތީ އެގޮތަށް ކަޑައެޅިފައި ކަމަށާއި، އެހެންކަމުން އޭނާއަކީ އެއްވެސް ޕާޓީއެއް ތަމްސީލު ކުރާ މީހެއް ނޫންކަމަށާއި، އެނާއަކީ ރައީސް އޮފީހުގެ އަދި ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް ކަމުގައެވެ.
އެހެންވީމަ އަޅުގަޑުގެ ލޯޔަލްޓީ، ނުވަތަ އަޅުގަޑުގެ މަސައްކަތް އޮންނާނީ އަޅުގަޑާ ރައީސާ ދެމެދުގަ.
އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޗީފް އޮފް ސްޓާފުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އޭނާ އައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް އިތުބާރު ކުރައްވާތީ ކަމަށާއި، އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް އޭނާއާމެދު އިތުބާރު ނެތްކަމަށް ވާނަމަ، އެއިތުބާރު ނެތިއްޖެ ދުވަހެއްގަ އޭނާ އެމަގާމުގަ ނުހުންނާނެއެވެ. އަދި އެގޮތަށް އެމަގާމުގައި ނުވެސް ހުރެވޭނެ ކަމަށާއި، އެގޮތަށް އޭނާ އެމަގާމުގައި ހުންނަ ބޭނުން ނުވާކަމުގައިވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަލީ ޒާހިރު ވިދާޅުވެފައި ވެއެވެ.
މި ޕްރެސް ކޮންފަރެންސްގައި އަލީ ޒާހިރު އިތުރަށް ވިދާޅުވެފައިވަނީ، އޭނާއަށް ތުހުމަތުކޮށް، ޝަރުއީ ދާއިރާއަށް އޭނާ ނުފޫޒު ފޯރުވާކަމަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން އޭނާއާއި ސުވާލު ކޮށްފައި ނުވާކަމަށާއި، އަދި އެފަދަ ތަހުގީގެއް ހިގާކަމެއްވެސް އެގިފައިވެސް ނުވާކަމަށެވެ.
އެހެންނަމަވެސް، މިހާރު ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ހަގީގަތް ހޯދުމަށް، ރައީސް އޮފީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށްވެސް ރަސްމީކޮށް ލިޔުއްވާފައިވާނެ ކަމަށާއި، މި ތަހުގީގު ތެރޭގައި އޭނާއާއި ސުވާލެއް ކުރަން ޖެހޭ ކަމަށްވާނަމަ ސުވާލު ކުރާނެކަމަށެވެ. އަދި އެފަދަ ތަހުގީގެއްގައި ސުވާލު ކޮށްފިނަމަ، ސުވާލުތަކަށް ޖަވާބުދޭން ތައްޔާރަށް ހުންނެވި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރުންނާއި، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަތަކާއި ގުޅިގެން އަލީ ޒާހިރުވީ މިކަމުގެ ޚަބަރުތައް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ބައެއް މީޑިއާތަކުން ފަތުރަމުންދާކަމަށެވެ. އަލީ ޒާހިރުވަނީ މިބައްދަލުވުމުގައި، އޯޑިއޯތަކުގައިވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް އޭނާގެނަން އެވަރަށް ބޭނުން ކުރަމުންދަނީ ދައްކާނެ އިތުރު މީހެއްގެ ވާހަކަތަކެއް ނެތުމުން ކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ