2008ގެ ޒަމާނީ ޑިމޮކްރަސިއާއެކު، ދިވެހިން ބަލައިގަތް އެންމެ މުހިންމު އެއް ބަދަލަކީ، ބާރުތައް ވަކިވެފައި އޮތް ގާނޫނު އަސާސީއެއްގެ ތެރެއިން، އެއްބާރު އަނެއްބާރަށް ފާރަވެރި ވުމުގެ ފުރުސަތު އޮތް ވެރިކަމުގެ ނިޒާމެއް ރައްޔިތުންނަށް ލިބިގެން ދިއުމެވެ.
މިގޮތުން، ފެހި ގާނޫނު އަސާސީއަށް އަމަލު ކުރެވެން ފެށުނުފަހުން، އެގާނޫނު އަސާސީން ވަނީ ދިވެހި ރައްޔިތުންނަށް ވެރިކަން ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރުގެ އިތުރުން، ޝަރީއަތް ކުރުމުގެ ބާރުވެސް އެއްބާރު އަނެއްބާރެއްގެ ނުފޫޒުން މިނިވަންކޮށް، މުސްތަގިއްލު ކަމާއެކީ، ހަރަކާތްތެރިވުމުގެ ފުރުސަތު ފަހި ކޮށްދީފައެވެ.
އަދި ހަމައެއާއެކު، މި ތިން ބާރުވެސް ޒިންމާދާރު ކުރުވާ، ދިވެހިރާއްޖެ ބަލައިގެންފައިވާ މި ޑިމޮކްރަސީ ނަގަހައްޓާ އަދި ހިފަހައްޓާދޭ މުހިންމު ތަނބުތަކެއްގެ ގޮތުގައި، ގާނޫނު އަސާސީން ވަނީ މިނިވަން މުވައްސަސާތަކެއްވެސް އެކަށައަޅާދީފައެވެ. މިގޮތުން އުފައްދާފައިވާ މިނިވަން މުވައްސަސާތަކުގެ ހަގީގީ ބޭނުމަކީ، ގާނޫނު އަސާސީން 3 ބާރު ވަކިކޮށްދީ، އަދި އެއްބާރު އަނެއް ބާރަށް ފާރަވެރިވަމުންދާއިރު، ތިންބާރުވެސް އޭގެ ޒާތުގައި ޒިންމާދާރު ކުރުވޭނެ ގޮތް ދައުލަތުގެ ތެރޭގައި ހަމަޖެހިގެން ދިއުމެވެ.
މިއުސޫލުން ބަލާއިރު، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އުފެދިފައިހުރި ހުރިހާ މިނިވަން މުވައްސަސާތަކަކީވެސް، ސީދާ ގާނޫނު އަސާސީގައި އެ މުވައްސަސާތައް އެކުލެވިގެންވާގޮތް ބަޔާން ކުރެވިފައިވާ މުވައްސަސާތަކަކަށް ވާއިރު، މިއިން ކޮންމެ މުވައްސަސާއެއްވެސް ވުޖޫދުވެގެން އައިސްފައިވަނީ، އެ މުވައްސަސާއަކަށް ޚާއްސަކުރެވިފައިވާ ގާނޫނަކުންކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންނަމަވެސް، ގާނޫނަކުން އަދި ވުޖޫދުވެގެން އައިސްފައިވި ނަމަވެސް، ދައުލަތުގެ ތެރޭގައި އުފެދިފައިވާ ހުރިހާ މިނިވަން މުވައްސަސާތަކަކީ، އެއް މިންގަޑަކުން މިނިވަންކަން ލިބިގެން ގޮސްފައިވާ މުވައްސަސާތަކެއް ކަމުގައި ދެންނެވޭކަށް ނެތެވެ. ސަބަބަކީ، ބައެއް މިނިވަން މުވައްސަސާތައް އެކުލެވިފައިވާ ގޮތުން، މުވައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒުވަދެ، އެ މުވައްސަސާތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި، ސަރުކާރުތަކުން ބޭނުންކުރުމުގެ ފުރުސަތު އިންތިހާއަށް ފަހިވެސް، އަދި އެބީދައިން ސަރުކާތުތަކުން މިނިވަން މުވައްސަސާތަކުގެ ބޭނުން ކުރަމުންދާތީ ވެސްމެއެވެ.
އިސްލާހު ކުރަންޖެހޭކަމަށް އެންމެންވެސް ދެކޭ، އެހެންނަމަވެސް އިސްލާހުކުރަން އެއްވެސް ސަރުކާރަކުން ބޭނުން ނުވާ މުވައްސަސާއެއް!
ޖުޑީޝަލް ސާވިސް ކޮމިޝަން ވުޖޫދެވެގެން އައިސްފައިވަނީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު މަގުން ކަސާލައިގެން ދިޔަނުދީ، އެ ނިޒާމު ޒިންމާދާރު ކުރުވާ، ހަމަމަގަށް އެޅުވުމަށްޓަކައެވެ.
މި ގޮތުން، ޖުޑީޝަލް ސާވިސް ކޮމިޝަން ވާން ޖެހެނީ، އެއްވެސް ޒާތީ ތައްއްސުބެއް ނެތި، މިނިވަންކަމާއި، މުސްތަގިއްލުކަމާއެކީ ހިނގަންޖެހޭ މުހިންމު މުވައްސަސާއަކަށެވެ. ސަބަބަކީ، ޝަރީއަތްކުރުމުގެ ހަމަތަކާއި، ހަމަހަމަކަމާއި، ފަޑިޔާރުންގެ ސުލޫކު ހިފެހެއްޓުމާއި، އަދި މީގެ އިތުރުންވެސް، ޝަރުއީ ދާއިރާއަކީ ނުފާޒާއި ޒާތީ ތައައްސުބުން މިނިވަންކޮށް، ފުރިހަމަޔަށް އެކުލުންތެރިކަމާއެކު ހިނގަމުން އަންނަ މުހިންމު ބާރަކަށް ހެދުމުގައި މިމުވައްސަސާއިން މުހިންމު ދައުރެއް އަދާކުރަން ޖެހޭތީއެވެ.
އެހެންނަމަވެސް، ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީގެ ތެރެއިން، ޒަމާނީ ޝަރުއީ ނިޒާމެއްވެސް ބަލައިގަތްތާ 14 ވަރަކަށް އަހަރު ފާއިތު ވެގެންދާއިރު، އަދި ޝައުރީ ނިޒާމު ފުރާފުރިހަމަވެ، އެތަކެއް ގާނޫނުތަކެއް ހެދި، ފަޑިޔާރުންގެ ފެންވަރުވެސް އެތައް ގުނައަކުން މަތިކިރެވި، އަދި ހަމަ އެފަދައިން، ވަސީލަތްތަކާއި އަދި އެނޫން ގޮތްގޮތުންވެސް މިދާއިރާ އެތައް ތަނަކުން ތަރައްގީ ކުރެވެގެން ގޮސްފައިވާއިރު، އަދިވެސް ޝަރުއީ ދާއިރާއާއި ގުޅޭގޮތުން ކުރެވެމުންދާ ބައެއް ޝަކުވާތަކަށް ކުޑަނަމަވެސް ހައްލެއް އައިސްފައި ނުވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަންޖެހެއެވެ.
މިގޮތުން ބަލާއިރު، އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތި، އެއްކޮޅު ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުންވެސް ފާހަގަ ކުރާ އެއްކަމަކަށް އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން އެތުރިފައި އޮތް ގޮތެވެ. އެކޮމިޝަންގެ ކޮންޕޮޒިޝަން އެކުލަވާލެވިފައި އޮތްގޮތުން، އެކޮމިޝަންގެ މަސައްކަތަތަކުގެ ތެރެއަށް އިންތިހާއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރސަަތު ފަހިވެފައި އޮންނަ އޮތުމުގެ މައްސަލައެވެ.
ޝަރުއީ ދާއިރާ ޒިންމާދާރު ކުރުމުގެ މުހިންމު މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަރުތީބި މިހާރު އޮތްގޮތަށް ބަލާއިރު، މިކޮމިޝަންގެ މިހާރުގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. މެމްބަރު ހިސާން ހުސެއިންއަކީ އެމްޑީޕީގެ މެމްބަރެކެވެ. އަދި މެމްބަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން، ވަކީން ޚާއްސަކޮށް ޕީޕީއެމްގެ ވެރިކަމުގައި، ޖޭއެސްސީގެ ބޭނުން ކޮށްގެން، އޭރުގެ ސަރުކާރުން ޖުޑީޝަރީއަށް އަތްބާނާ، އެތައް ސިޔާސީ ކުއްވެރިންނަކަށް ނުހައްގުން އެތަކެއް ހުކުމެއްކޮށް، މުޅި ޝަރުއީ ނިޒާމް ގަޑުބަޑުވެގެން ދިޔައިރު، ޖުޑީޝަލް ސާވިސް ކޮމިޝަން އެތުރިފައި އޮތްގޮތަށް ބަދަލު ގެނެސްގެން މެނުވީ ޖުޑިޝަރީ އިސްލާހު ނުވާނެކަމަށް ވިދާޅުވެ އޭރު އެންމެ ހަރުއަޑުން އެވާހަކަަތައް ދެއްކެވި އެއް ބޭފުޅާކީ ޖޭއެސްސީގެ މިހާރު ރައީސްކަމުގައި އިންނެވި ހިސާން ހުސެއިންއެވެ.
މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް މި ކޮމިޝަންގައި އިންނަވައެވެ. ނަޝީދުއަކީ، ޖުޑީޝަރީ އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވެ، އަދި ޖޭއެސްސީވެސް އިސްލާހު ކުރައްވާނޭކަމަށް ވިދާޅުވެ އެތަކެއް ރިޔާސީ ވައުދެއް ވެވަޑައިގެންނެވި ބޭފުޅެކެވެ.
ނަޝީދުގެ އިތުރުން، ދައުލަތުގެ ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތު އާއި، ރައީސް ސޯލިހްގެ ފަރާތުން ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ. އެހެންކަމުން، ޖުޑީޝަލް ސާވިސް ކޮމިޝަން އެތުރިފައި އޮތްގޮތުން، މި ކޮމިޝަންގައި މިހާރު މެޖޯރިޓީ ބެފުޅުންގެ ގޮތުގައި ތިއްބެވީ، ސަރުކާރުގެ ވިސްނުމަށް ތާއީދު ކުރައްވާ، އަދި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ ފަރާތްތައްކަން ފާހަގަ ކޮށްލެވެއެވެ.
މާނައަކީ، މިކޮމިޝަނުން ނިންމާ އެއްވެސް ނިންމުމެއް، ސަރުކާރުން ތާއީދު ނުކުރާ ގޮތަކަށް ނިންމިގެން ދިއުމަކީ މިއަދު މުސްތަހީލު ކަމެކެވެ.
ޕީޕީއެމް މިއަދު ޖެހިފަ އޮތް އެންމެ ބޮޑު ދަންތުރައަކީ، އޭރު ކޮމިޝަނަށް އިސްލާހީ ބަދަލުތަކެއް ނުގެނައުން!
ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ ވައުދަކީ، ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް ވެފައިވާ ރިޔާސީ މުހިހްމު ވައުދެކެވެ. 2013 ވަނަ އަހަރު ޕީޕީއެމް ވެރިކަމަށް އައީވެސް ޖުޑީޝަރީ އިސްލާހު ކުރާނެކަމުގެ ފޮނި ވައުދުތަކާއެކީއެވެ. މީގެތެރޭގައިވެސް ހިމެނޭ އެންމެ މުހިންމު ވައުދަކީ، ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރުމުގެ ވައުދެވެ.
އެހެންނަމަވެސް، ރައީސް ޔާމިންގެ 5 އަހަރުގެ ވެރިކަން ނިމިގެން ދިޔައީ، ޖޭއެސްސީ މިނިވަން ކުރުމުގެ ބަދަލުގައި، މިއިން ޒަމާނަކުވެސް، އެކޮމިޝަން ސިޔާސީ ނުވާ މިންވަރަށް ސިޔާސވެީ، އޭރުގެ ސަރުކާރުން އެކޮމިޝަނަށް އަތްބާނާ، މުޅީ ޖުޑީޝަރީ ގަޑުބަޑު ވެގެންނެވެ.
މިގޮތުން ރައީސް ޔާމިންގެ ވެރިކަމުގައި، އޭރުގެ ދިއިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާ، ދައުލަތުގެ ހުރިހާބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލީ މައިގަޑު ވަސީލަތަކީ، ޖުޑީޝަލް ސާވިސް ކޮމިޝަންކަން މިއީ އެއްވެސް އޮޅުމެއް ނެތް މިންވަރަށް ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
މިގޮތުގެ މަތީން އެ ވެރިކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަވެ، ވެރިކަންވެސް ބަދަލުވެ ދިޔައީއެވެ. އޭރުގެ ވެރީން ޖުޑިޝަރީއަށް އަތްބާން ބޭނުންކުރި ކޮމިޝަން ހަމަ އެއް އޮތްގޮތަށް މިސަރުކާރުގެ ވެރީންގެ އަތް މައްޗަށް ނަކަލްވެގެން ދިޔައީއެވެ.
މިއަދު މިކޮމިޝަންގައި އޮތީ މިސަރުކާރުގެ މެޖޯރިޓީއެވެ. މިއަދު އިދިކޮޅު ޕީޕީއެމްއިން ގޮވަމުންދަނީ މިކޮމިޝަން މިނިވަން ކޮށްދިނުމަށެވެ. ކޮމިޝަން މިނިވަން ކުރުމަށް މިސަރުކާރުން ވީ ވައުދު ފުއްދާ ދިނުމަށެވެ. ރައީސް ޔާމިންގެ މައްޗަށް، އެޕާޓީން ދެކޭގޮތުގައި ނުހައްގުން ކޮންގެން އުޅޭ ހުކުމަށް މިހާރުގެ ޖުޑީޝަލް ސާވިސް ކޮމިޝަންއިން ނުފޫޒު ފޯރުވާފައި ވާކަމުގެ ތުހުމަތުތަކެވެ.
ޕީޕީއެމްއެމްއިން މިއަދު އެދި ގޮވަމުންދަނީ، އެޕާޓީގެ 5 އަހަރުގެ ވެރިކަމުގައި، އިސްލާހު ކުރަން ބޭނުންނުވި، އަދި އޭގެ ޝިކާރައަކަށް މިއަދު އެޕާޓީވެފައިވާ، އެސަރުކާރުގެވެސް މިސަރުކާރުގެވެސް، މިމުހިންމު ވައުދު ފުއްދާ ދިނުމަށެވެ.
އެހެންނަމަވެސް، ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ޖުޑީޝަލް ސާވިސް ކޮމިޝަން، ޕީޕީއެމްގެ ވެރިކަމުގައި މިނިވަން ކޮށްދީފައި އޮތްނަމަ، އެޕާޓީގެ ލީޑަރަށް ނުހައްގުން ކޮންގެން އުޅޭކަމަށް އެޕާޓީން ބުނަމުންދާ ހުކުމަށް މިކޮމިޝަނަށް އަތްބާނަން، އެވިދާޅުވާ ބީދައިން މިއަދު ފުރުސަތު ލިބިގެން ނުދިޔައީސްކަމެވެ.
ދައުރުގެ ކޮންމެވެސް ހިސާބަކުން ޖޭއެސްސީއަށް ބަދަލު ގެންނާނެ، ޒިންމާދާރުކަން ކުޑަވާހަކައެއް!
ތެދުފުޅެކެވެ. ޖޭއެސްސީގެ ކޮމްޕިޒިޝަނަށް ބަދަލުގެނެސް ޖޭއެސްސީ އިސްލާހު ކުރުމުގެ ވަދުދަކީ ހަމަ މިސަރުކާރުގެވެސް ރިޔާސީ މުހިންމު ވައުދުކެވެ.
އަދި މި ވައުދުވީ ބޭފުޅުން މިއަދު ތިއްބެވީވެސް މިކޮމިޝަންގައި، އުވާލަންޖެހޭ ކަމަށް އެބޭފުޅުން ވައުދުވީ މަގާމްތަކުގައެވެ.
ނަތީޖާއެއްގެ ގޮތުން، މިސަރުކާރުގެ މިވައުދު ފުއްދަވާ ދެއްވާނީ ކޮންއިރަކުންތޯ، މިއީ ފަހަކަށް އައިސް ބޭއްވިގެންދާ ކޮންމެ ނޫސް ކޮންފަރެންސެއްގައިވެސް މިސަރުކާރަށް އަމާޒުވެގެންދާ ސުވާލެކެވެ.
މިސުވާލުގެ ޖަވާބުގައި، ސަރުކާރުން އެންމެ ފަހުން ބޭއްވި ޕްރެސް ބްރީފިންގައި، ސަރުކާރުގެ ތަރުޖަމާން މަބްރޫކު އަޒީޒް ވިދާޅުވެފައިވަނީ، ދައުރުގެ ކޮންމެވެސް ހިސާބަކުން ޖޭއެސްސީއަށް މިސަރުކާރުން ބަދަލު ގެންނާނޭ ކަމުގައެވެ.
މި ވެގެން ދާނީ ޖުޑިޝަރީ ނިޒާމަށް ގެނެވޭނެ އެންމެ ބޮޑު ބަދަލަކަށް، އެ ކަން ކުރަން ރަނގަޅު ދިރާސާއެއްގެ މައްޗަށް އެ ކަން ކުރަން ވެސް ވާނީ، އެހެންވީމަ ރަނގަޅު ދިރާސާއެއްގެ މައްޗަށް ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާނެ،
ޖޭއެސްސީއަށް އިސްލާހީ ބަދަލު ގެންނާނީ ކޮންއިރަކުންތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ސަރުކާރުގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.
މުޅި ޖުޑިޝަރީ އިސްލާހު ކުރަންޖެހޭ، އަދި މިނިވަންކަމާ މުސްތަގިއްލު ކަމާއެކީ ހިނގަންޖެހޭ މުވައްސަަސާއަކަށް، ކޮންމެވެސް އިސްރަކުން އިސްލާހީ ހެޔޮ ބަދަލެއް ގެންނާނޭ ކަމުގައި ސަރުކާރުގެ ފަރާތުން ވިދާޅުވާ ވިދާޅުވުމަކީ، ޒިންމާދާރު ވިދާޅުވުމެއްތޯ މިއީ ކިޔުންތެރިން ވަޒަން ކޮށްލުން އެންމެ ރަގަޅު ސުވާލެކެވެ.
އެހެންނަމަވެސް ފެންނާ އޮތް މަންޒަރަކީ، މިހާތަނަށް ޖޭއެސްސީން، އެތައް ފަނޑިޔާރަކު މަގާމުން ވަކި ކޮށްފައިވާ ކަމެވެ. އެތައް ފަނޑިޔާރުންނެއް ސަސްޕެންޑްވެސް ކޮށްފައި ވާކަމެވެ. ފަހަރުގައި، މަގާމުން ވަކިކުރި ހުރިހާ ފަނޑިޔާރުންނައި، އަދި މަގާމުން ސަސްޕެންޑްކުރި ހުރިހާ ފަނޑިޔާރުންނަކީ، ޒާތީ ތައްސުބުގައި މަގާމުން ވަކިކުރި އަދި ސަސްޕެންޑް ކުރި ފަނޑިޔާރުންނަށް ނުވެ ހިގައިދާނެއެވެ.
އެހެންނަމަވެސް، މިކޮޝަން ފާއިތުވެދި ދިޔަތަނުގައި މަސައްކަތް ކުރަމުން އައިސްފައިވަނީ ޒާތީ ތައްސުބުގައިކަމަށް ދެކޭ އެތައް ބަޔަކު ތިބިއިރު، މިއީ ކޮމިޝަނުން މަގާމުން ވަކިކުރި އެތައް ފަނޑިޔާރުންނެއްގެވެސް ޝަކުވާއެކެވެ.
އަދި ޖޭއެސްސީއާއި ގުޅޭގޮތުން މިގޮތުން ކުރެވޭ ޝަކުވާތަކާއި، އަދި ކުރަމުންދާ ތުހުމަތުތަކަށް ޖާގަ ލިއްބައިދެނީ، ޖޭއެސްސީ އެތުރިފައި އޮތީ އެންމެ ރަގަޅު ގޮތުގައި ނޫންކަމަށް ޚުދު އެކޮމިޝަންގައި ތިއްބެވި މެމްބަރުންނާ މިސަރުކާރުންވެސް ދެކޭތީއެވެ.
އެހެންކަމުން، ފެންނާން އޮތް ހަގީގަތަކީ، މިކޮޝަން އިސްލާހު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވާ ބޭބޭފުޅުން އެވާހަކަތައް ދައްކަވާފައިވަނީ، އަދި ދައްކަވަމުން ގެންދަވަނީވެސް، ހަގީގަތުގައި މިކޮމިޝަން އިސްލާހު ކުރުމުގެ ބޭނުމުގައި ނޫންކަމެވެ.
އޭގެ ބަދަލުގައި ވެރިކަމަށް އާދެވުމުން، އަދި ބާރުތައް އަތައް އެރުމުން ހަމަ ކޮންމެ ސަރުކާރަކަށްވެސް މިކޮމިޝަން ވެގެންދަނީ، އެސަރުކާރަކަށް ލައްގާ މާވަހަރަކަށްކަން މިއީ މިއަދު ގަބޫލު ކުރަންޖެހިފައި އޮތް އެންމެ ބޮޑު ހަގީގަތެވެ.