30 އަހަރު ކުރިން އުޅުނު ހާލުގައި ބައެއް ފަރާތްތައް މިއަދު އުޅޭތީ ކަންބޮޑުވާ ކަމުގައި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިފާ މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ބައެއް މީހުން ލައްވައި ގަދަކަމުން ސޮއިކުރާ ކަމުގެ ތުހުމަތު ތޮއްޔިބު ކުރުމާއި ގުޅިގެން ރައްދުދެއްވައި ދެއްކެވި ވާހަކަތަކުގައެވެ. ސިފާ ވިދާޅުވީ އެއްވެސް މީހަކު ލައްވައި ގަދަކަމުން ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ސޮއި ނުކުރާކަމަށެވެ. ނަމަވެސް މިއަދުވެސް 30 އަހަރުގެ ހާލަތަށްވުރެވެސް ދަށް ހާލަތުގައި އުޅޭ މީހުން ތިބިކަމަށް ސިފާ ވިދާޅުވިއެވެ.
އެއްވެސް މީހަކު ނުރުހުމުގައި އެއްވެސް އެއްޗެއްގައި ސޮއިކުރާކަށް ނުޖެހޭނެ. 30 އަހަރު ކުރިން އުޅުނު ހާލުގައި ބައެއް ފަރާތްތައް މިއަދު އުޅޭތީ ކަންބޮޑުވޭ.
– ސިފާ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި ގަދަކަމުން ސޮއިކުރާކަމުގެ ތުހުމަތުކޮށް ތޮއްޔިބު ކުރި ޓުވީޓެއްގައި ވިދާޅުވީ، ގަދަކަމުން މީހުން ލައްވައި ސޮއި ކުރުމުން އޭގެ ނަތީޖާ ރަނގަޅު ނުވާނެކަމަށެވެ.
ނުރުހުމުގައި ގަދަކަމުން ޕެޓިޝަންތަކުގައި ސޮއިކުރުވުމުގެ ބަދަލުގައި އަނެކާގެ ރުހުމުގައި ސޮއިކުރަން ދޫކޮށްލާފިއްޔާ ފަހަށްވެސް އޭގެ ނަތީޖާ ރަނގަޅުވެ ދެފަރާތައްމެ އެކަމުގެ ހިތްހަމަޖެހުން އޮންނާނެ ކަމަށް މަށަށްފެންނަނީ.
– ތޮއްޔިބު ބުނެފައިވެއެވެ.
Ehves meehaku nuruhumugai ehves ehcheh gai soiy kuraa kah nujeheyne . 30 aharu kurin ulhunu haalugai baeh faraithah miadhu ulheythi kanboduvey. https://t.co/x2uzVyGPlX
— Shifa Mohammed??? (@SifaMohammed) September 1, 2021
ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް ދަނީ ކުރަމުންނެވެ. މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.
ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ