އެމްޑީޕީއަކީ، މިވަގުތު ރާއްޖޭގަ އޮތް އެންމެ ދުވަސްވީ އެއްސިޔާސީ ޕާޓީއެވެ. އަދި މިއީ، އެޕާޓީގެ ސިޔާސީ ފިކުރަށް ތާއީދުކުރާ ފަރާތްތަކުންވެސް އަދި ނުކުރާ ފަރާތްތަކުންވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
އަދި ހަމަ މި ބީދައިން، ބަޔަކު ގަބޫލު ކުރިޔަސް އަދި ނުކުރިޔަސް، އެމްޑީޕީއަކީ މިވަތު ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީވެސްމެއެވެ. ހަމަ އެފަދައިން، އެމްޑީޕީއަކީ، ރާއްޖޭގައި އަބަދުވެސް ދެމިއޮތް، އެންމެ ފުރިހަމަޔަށް ރޭވިގެން، އެކުލެވިގެން ސިޔާސީ ހަރާކާތްތައް ހިންގަމުން އަންނަ ޕާޓީވެސްމެއެވެ. އެޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައެއް ފަހަރަށް ހަލަބޮލިކަމާއި، ދިމާ ކުރުންތަކާއި، އަދި ބައެއް ހާލަތްތަކުގައި ދިވެހިންގެ ސަގާފަތާއި އާދަކާތަކާއި ގުޅުންނެތް ބެއެއް ކަންކަން އެކުލެވިގެން ދިޔަ ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް އެންމެ ފުޅާދާއިރާއެއްގައި، ފާއިތުވެދިޔަ 14 ވަރަކަށް އަހަރު އެޕާޓީން ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގަމުން އައިސްފައިވާކަމީ ހަމަ އެއްވެސް މީހަކަށް ދެބަސް ވެވެން ނެތް ހަގީގަތެކެވެ.
އެހެންނަމަވެސް، ގަބޫލު ކުރަންޖެހޭ އަނެއް ހަގީގަތަކީ، ކޯލިޝަންއަކާ އެކީ އެޕާޓިން ކުރަމުން އަންނަ ދެވަނަ ވެރިކަމުގައި، މިއަދު ޕާޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ބޮޑުވެގެން ހިގައްޖެކަމެވެ. ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، ރަސްމީ ހައިސިއްޔަތުން މިއަދު ހަރަކާތްތެރިވާން ފަށާފައި ވާކަމެވެ. އަދި، ޕާޓީގެ ތެރޭގައި އިންތިހާއަށް ބޮޑެތި ކޯޅުންތައް ހިނގަންފަށާ، މި ކޯޅުންތަކުގެ އަސަރު، ޕާޓީގައި އޮތް އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުވެސް މިއަދު ވަނީ ފޫއަޅުވާލާފައެވެ.
އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލިސް ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައި ވާއިރު، މި ހުރިހާ ބަދަލުތަކާއެކީ، މިއަދު އެންމެ ބޮޑަށް ފާހަގަވާން ފަށާފައިވާ އަނެއްކަމަކީ، އެމްޑީޕީގެ އެތެރޭގަ އޮތް ބޮޑެތި ކޯލުންތަކާ އެއްވަރަށް، އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި އޮތް، ލީޑަރޝިޕްގެ ވާދަވެރިކަމާއި، އަދި ޕާޓީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލިހުގެ ތެރެއިން ފެންނަމުންދާ، މީގެ ކުރިން ދުވަހަކުވެސް ފެނިގެން ގޮސްފައިވާ ނުވާ ބޮޑެތި ބަދަލުތަކެވެ. ގައުމީ މަޖިލިހުގެ ޖަލްސާތަކަށް މެމްބަރުން ހާޒިރު ވުމާއި، ޖަލްސާތަކުގައި ފާސްކުރުމަށް ހުށަހެޅޭ ގަރާރުތައް ފާސްކުރުމާއި، ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގައި ގައުމީ މަޖިލިހުގެ މެމްބަރުން ވޯޓު ދެމުންދާ ވިސްނުމަށް މިހާރު އައިފައިވާ ބޮޑެތި ބަދަލުތަކެވެ.
މިގޮތުން މިހުރިހާ ބަދަލުތައް، މައިކްރޮސްކޯޕަކަށް ލާ، ރަގަޅަށް ބޮޑުކޮށް ބަލާލުމުން، ހަގީގަތުގައިވެސް އެމްޑީޕީ ބޮޑު ބަދަކަލާ ދިމާލަށް ދަތުރު ކުރަމުންދާ މަންޒަރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމުގައި ގަބޫލުކުރުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ.
ގައުމީ މަޖިލިހުގެ މަޖޯރިޓީ އޮތް ގޮތް ވަރަށް ސާފު!
އެމްޑީޕީގެ ގައުމީ މަޖިލިހަކީ އެޕާޓީގެ ސަިޔާސަތު ކަނޑައަޅާ އެންމެ އިސް ގުނަވަނެވެ. އެއީ އެޕާޓީގެ ރައްޔިތުންގެ މަޖިލިހެވެ. އެއީ އެޕާޓީގެ ސިޔާސީ ހުރިހާ ދިމާލަކުން މެމްބަރުން ތަމްސީލުކުރާ މަޖިލިހެކެވެ. މިގޮތުން އެ މަޖިލިހުގައި، ޕްރޮވިންސް ތަކުންނާއި އިދާރީ ދާއިރާތަކުން އިންތިޚާބުވެގެން އަންނަ، ޕާޓީގެ މެމްބަރުން ތިބޭއިރު، މިމަޖިލިހުގައި ޕާޓީގެ ފަރާތުން އޭރަކު އޮންނަ ސަރުކާރެއްގައި ތަމްސީލުކުރާ ވަޒީރުންވެސް ތިއްބަވައެވެ.
އެހެންކަމުން، އެމްޑީޕީގެ ތެރޭގައި ތަފާތު ސިޔާސީ ފިކުރެއް އޮތަސް، އަދި ޕާޓީގެ ތެރޭގައި ސިޔާސީ ކޯޅުމެއް އޮތަސްވެސް، އަދި އެނޫން އެފަދަ ތަފާތު އެހެން ވިސްނުމެއް އޮތަސްވެސް، ގައުމީ މަޖިލީހުގައި މިހުރިހާ މަންޒަރެއްވެސް ވަރަށް ސާފުކޮށް ތަމްސީލު ވެގެން ދެއެވެ. އެހެންނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލިހަކީ، މިއުސޫލުން އެޕާޓީގެ ސިޔާސަތު ކަޑައަޅާ އެންމެ އިސް ގުވަނަކަމުގައި ވެގެންދިޔަ ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް، އެކެއްގެ ވަށައިގެން އެބުރުމުގެ ސިޔާސަތުން ހަމަ އެޕާޓީވެސް އެއްކިބާވަގެން ގޮސްފައި އޮތްކަމަށް ދެންނެވުމަކީ، އެންމެ އިންސާފުވެރި ދެންނެވުމަކަށް ނުވެ ހިގައިދާނެއެވެ.
ސަބަބަކީ، ފާއިތުވެދިޔަ 15 އަހަރުގެ މާޒީގައި އެޕާޓީއަށްވެސް އާ އެއްވެސް ލީޑަރަ ދެއްކިފައި ނުވުމެވެ. ދެވަނަ ދައުރަކަށް މިހާރުވެސް އެޕާޓީގެ ރައީސްކަން ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާއިތުވެދިޔަ ތަނުގައި ވަނީ، އެއް ހައިސިއްޔަތަކުން ނުވިނަމަ އަނެއް ހައިސިއްޔަތަކުން ނަމަވެސް، ދެވަނަ މީހަކަށް ވާދަކުރުމުގެ އެއްވެސް ފުރުސަތެއް ނެތި، ޕާޓީގެ "އެންމެ" އިސް ލީޑަރުގެ ގޮތުގައި ދެމި ހުންނަވާފައެވެ. ނަތީޖާއެއްގެ ގޮތުން، މަޖާޒީ ގޮތުންނަމަވެސް، ގިނަ ބަޔަކު، މިއަދު ނަޝީދު ސިފަކުރަނީ އެމްޑީޕީގެ ރޫހާނީ ލީޑަރުގެ ގޮތުގައެވެ.
އެހެންނަމަވެސް، އެމްޑީޕީ ކޯލިޝަން ހަދައިގެން ކުރަމުންއައި ދެވަނަ ވެރިކަމުގައި، ދައުރު ދެބައި ވެގެން ގޮސްފައިވާއިރު، މިއަދު ފެންނަމުން މިދަނީ އިސްވެ ދެންނެވުނު ވަރަށް ގިނަ ހަގީގަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، ޕާޓީގެ ސިޔާސަތު ކަޑައަޅާ އެންމެ އިސް ދެ ގުނަވަން ކަމުގައިވާ ޕާޓީގެ ގައުމީ މަޖިލިހާއި އަދި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ވިސްނުމަށް، ނުވަތަ ފާއިތުވެދިޔަ ތަނުގައި މަސައްކަތް ކުރަމުން ގޮސްފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މަންޒަރުތަކެވެ.
ނަޝީދު ބޭނުންފުޅުވި ވަރަށް ގިނަ ކަންކަން ދިމާ އިދިކޮޅަށް!
އެންމެ ފުރަތަމަ، އެމްޑީޕީގެ ބައެއް ވަޒީރުން ކެބިނެޓުން ބޭރުކުރުމަށް ކުރެވިގެން ދިޔަ މަސައްކަތްތަކެވެ. އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމަށް މަޖިލިސް ރައީސް ނަޝީދު އިސްވެ ހުންނަވައިގެ ނޯކޮންފިޑެންސް މޯޝަނެއް ތައްޔާރުކޮށް، މަޖިލީހަށް ހުށަހެޅުމަށް 2019 ވަނަ އަހަރު ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. ނަޝީދުގެ މި ވިސްނުންފުޅަށް ރައީސް ސާލިހު ސީދާ ދެކޮޅު ހެއްދެވި ހިސާބުން، މިމަސައްކަތް ފެއިލް ވެގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ. އަދި އެއަށްފަހުވެސް، އެތައް ފުރުސަތެއްގައި، ފައްޔާޒު އިސްމާއިލްގެ މައްޗަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ކޮރަޕްޝަންގެ ތުހުމަތު ނަޝީދު ކުރައްވާފައިވެއެވެ. އަދި މިއިން އެއްވެސް ތުހުމަތަކީ، ސާފު ހެއްކެއް ދެއްކިފައިވާ ތުހުމަތަކަށް ނުވާއިރު، މިނިސްޓަރ ފައްޔާޒު އިސްމާއިލާ ނަޝީދުއާއި ދެބޭފުޅުން މި ތުހުމަތަކާ ގުޅޭގޮތުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ސީދާގޮތުން ބަހުގެ ހަމަލާތައް އަމާޒު ކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކޮންމެއަކަށް، ޕާޓީތެރޭގައި އުފެދުނު މި ޚިޔާލުތަފާތުވުމުގެ އެންމެ ކުރު ޚުލާސާއަކީ، ކެބިނެޓުގައި ތިއްބެވި، ނަޝީދުގެ ނުރުހުން އަމާޒުވި ބައެއް ވަޒީރުން ކެބިނެޓުން ބޭރުކުރުމަށް ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބު ވެގެން ނުދިޔަ ކަމެވެ. މި މަސައްކަތްތަކާ ރައީސް ސާލިހު ސީދާ ދެކޮޅު ހެއްދެވި ހިސާބުން، ޕާލަމެންޓްރީ ގުރޫޕުގެ ތާއީދު މި މަސައްކަތްތަކައް އެކީ ގެއްލިގެން ދިޔަކަމެވެ.
އެއަށްފަހު، ރައީސް ނަޝީދުއާއި، ރައީސް ސާލިހުއާ ދެބޭފުޅުންގެ މެދުގައި އޮތް ސިޔާސީ ޚިޔާލު ތަފާތުވުންތައް އާންމުވެ، ފާއިތުވެދިޔަ ތަނުގައި ދެބޭފުޅުންވެސް ހިފަހައްޓަވަމުން ގެންދެވި އެތަކެއް ސިއްރުތަކެއް މީޑިއާތަކާ ހަމައަށް ތިލަވެ، ދެބޭފުޅުންގެ މި ކޯޅުންތަކުގެ އަސަރުތައް ޕާޓީގެ އެކި ގުނަވަންތަކުން ފާޅު ވެގެން ދިޔައެވެ.
މިގޮތުން، ފާއިތުވެދިޔަ އޮގްސްޓު މަހުގެ 11 ވަނަ ދުވަސް ވެގެން ދިޔައީ، މިގޮތުން އުފެދިގެންދިޔަ ގިނަ ހިންހަމަ ނުޖެހުންތަކާ ކޯޅުންތަކުގެ ވަރަށް ގިނަ ހަގީގަތްތައް ސީދާ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ހާމަ ކުރެއްވި ދުވަހަކަށެވެ. އެދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ އެމަނިކްފާނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ސާފު މެޖޯރިޓީ އޮތްކަމަށް ވިދާޅުވެ، އަދި އޭގެ އިތުރުން ގައުމީ މަޖިލިހުގެ މެޖޯރިޓީވެސް އެމަނިކްފާނަށް އޮތްކަން ނުސީދާކޮށް ވިދާޅު ވެދެއްވާފައެވެ.
"ގިނަ މެމްބަރުން [ގައުމީ މަޖިލިސް ބައްދަލުވުމުގައި] ބައިވެރިނުވީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، އެއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ ރައީސް [މުހައްމަދު] ނަޝީދު ހުށަހަޅުއްވާ އެއްޗަކަށް ފާޅުގައި އިދިކޮޅަށް އެއްޗެކޭ ބުނާކަށެއް،"
ހަރުކަށި ފިކުރަށް ތާއީދު ކުރާ އެންމެން ހިފާ ހައްޔަރު ކުރުމަށްޓަކާ، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލާ، ފާއިތުވި ޖުލައިމަހު ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލިހަށް ނަޝީދު ހުށަހެއްޅުއްވި ގަރާރަށް، 140 އަށްވުރެ ގިނަ މެމްބަރުން ތިބޭ ގައުމީ މަޖިލިހުގައި އެންމެ 39 ވޯޓު ލިބިގެން ދިޔަ ދިއުމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވެފައި ވެއެވެ. އަދި ރައީސްގެ މި ތަރުޖަމާ ގިނަބަޔަކު މޭރުން ކޮށްފައިވަނީ، މިއީ، ޕާލަމެންޓްރީ ގުރޫޕުގެ އިތުރުން ގައުމީ މަޖިލިހުގެވެސް މެޖޯރިޓީ އެމަނިކްފާނުގެ އަތްޕުޅުގައި އޮތްކަން ސާފު ކޮށްދިނުމުގެ ގޮތުން ވިދާޅުވި ވިދާޅު ވުމެއްގެ ގޮތުގައެވެ.
ޖުލައި 25، ގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްވީ 39 މެމްބަރުންގެ ވޯޓާއެކު އެވެ. ގަރާރު ފާސް ކުރުމަށް އެންމެ މަދުން ބޭނުންވާ އަދަދަކީ 37 ވޯޓެވެ. އެމްޑީޕީ ގައުމީ މަޖިލިހުގައި ޖުމްލަ 142 މެމްބަރުން ތިބެ އެވެ. އެހެންކަމުން ގައުމީ މަޖިލިހުގެ 72 ޕަސެންޓު މެމްބަރުން އެ ޖަލްސާއަށް ހާޒިރު ވެފައެއް ނުވެއެވެ.
އިސްތިއުނާފް ކޮމިޓީއަށް މަޖީދު ސާރ ހޮވިގެން ނުދިއުން
އެއަށްފަހު، އެންމެ ފަހުން ބޭއްވިގެން މިދިޔައީ، އެމްޑީޕީގެ އިސްތިއުނާފް ކޮމިޓިއަށް މެމްބަރުން އައްޔަން ކުރުމަށް ގައުމީ މަޖިލިހުގައި ނެގިގެން ދިޔަ ސިއްރު ވޯޓެވެ. މި ވޯޓަށްފަހު، ރާއްޖޭގެ ހުރިހާ މީޑިއާއަކުން ކަހަލަ ގޮތަކަށް ފާހަގަ ކުރި އެއް ކަމަކީ، މި ވޯޓު، ސާފު އައުލަބިއްޔަތަކުން ރައީސް ސާހިއަށް ތާއީދު ކުރާ ކެނޑިޑޭޓުން ކާމިޔާބު ކޮށްފައި ވާކަމުގައެވެ.
ހަމަ އެއާއެކު، މި ވޯޓަށްފަހު، އެމްޑީޕީ ބައެއް އެކްޓިވިސްޓުންނާއި، އަދި އެޕާޓީގެ ޕާލަމްނެޓްރީ ގުރޫޕްގެ ބައެއް މެމްބަރުންވެސް ބުނަމުން އައިސްފައިވަނީ، އެމްޑީޕީގެ މަޖީދު ސަރ އެޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުން މިހާރު ނުދަންނާތީ ހައިރާންވާ ކަމުގައެވެ.
MDP Gaumee Majlis 61 membarun nah Majeed Sir neygunu. Hithaamaveri kamuge kolheh ves neh. Maaiy kalaange aa vakeel
Majeed sir ?
— Mariyam Zubair (@MandhyZubair) August 30, 2021
އަދި، އިސްތިއުނާފް ކޮމިޓީއަށް ހޮވުނު މެމްބަރުންނަކީ ރައީސް ސާލިހުގެ ފެކްޝަނަށް ތާއީދުކުރާ މެމްބަރުން ކަމަށް ވިދާޅުވެ، މި ވޯޓާ ގުޅިގެން މުޅިން ތަފާތު އެހެން ތުހުމަތެއްވެސް، އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު ބޮންޑޭ ވަނީ ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ، މި ވޯޓުގައި މަޖީދު ސާރ ކަޓުވާލުމަށްފަހު، އިންތިޚާބު ކޮށްފައިވާ މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ދަފްތަރުގައި ނަން އޮތް ދެބޭފުޅަކުވެސް އިންތިޚާބު ކޮށްފައިވާ ކަމުގައެވެ.
ކޮންމެއަކަށް، އިސްތިއުނާފް ކޮމީޓިއަށް މެމްބަރުން އިންތިޚާބު ކުރުމަށް، ރައީސް ސާލިހުއާއި އަދި ރައީސް ނަޝީދުގެ ފަރާތުންވެސް ލިސްޓު ނެރުއްވިކަމަށް ޕާލަމްނެޓްރީ ގުރޫޕގެ ބައެއް މެމްބަރުން ވިދާޅުވާއިރު، ކުރިމަތި ލެއްވި 18 މެމްބަރުންގެ ތެރެއިން، ރައީސް ސާލިހުގެ ފެކްޝަނުން ދައުރު ކުރި ލިސްޓުގައި ހިމެނޭ ގިނަ މެމްބަރުން މި ކޮމިޓީއަށް އިންތިޚާބުވެ، އަދި އެމްޑީޕީއަށް އެތައް ޚިދުމަތެއް ކޮށްދެއްވާފައިވާ، އެޕާޓީގެ މަޝްހޫރ މަޖީދު ސާރއަށް ގައުމީ މަޖިލިހުގެ މެމްބަރުން ތާއީދު ގެއްލިގެން ދިއުމުން، މި ބަދަލު މިއަދު ގިނަ ބަޔަކު ސިފަކުރަމުންދަނީ، ހަގީގަތުގައިވެސް، އެމްޑީޕީ މިއަދު ބޮޑު ބަދަލަކާ ދިމާލަށް މިސްރާބު ހިފާފައިވާ ކަމުގެ ސާފު ސީދާ ހެއްކެއްގެ ގޮތުގައެވެ.
ބޮޑު ބަދަލަކާ ދިމާލަށް!
ކުރިޔަށް އޮތީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބެވެ. މިއަދު ސާފުކޮށް ފެންނާން އޮތް ހަގީގަތަކީ، މި އިންތިޚާބުގައި، ގައުމީ މަޖިލިހުގެ މެޖޯރިޓީ ހޯދުމަށް ރައީސް ސާލިހުވެސް، އަދި ރައީސް ނަޝީދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމެވެ. މިގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކްފާނުގެ ތާއީދު މި އިންތިޚާބުގައި ލިބިގެން ދާނީ، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުންނަށް އެކަނި ކަމުގައެވެ.
އަދި ރައީސް ސާލިހުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލިސް ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، ރައީސް ސާލިހުގެ ފަރާތުން، ކުރިޔަށް އޮތް ގައުމީ މަޖިލިސް އިންތިޚާބުގައި، އެމަނިކްފާނު ތާއީދު ކުރައްވާ މެމްބަރުން އިންތިޚާބުކުރުމަށް ވަކިން ލިސްޓު ހައްދަވައިގެން ބޮޑެތި މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ.
އެހެންކަމުން، ރައީސް ސާލިހުގެ އަތްޕުޅުގައި، މަޖިލިސް މެޖޯރިޓީ އޮވެފައި، އަދި މިހާރުގެ ގައުމީ މަޖިލިސް މެޖޯރިޓީވެސް އެމަނިކްފާނަށް އޮވެފައި، އަދި ކުރިޔަށް އޮތް ގައުމީ މަޖިލިސް އިންތިޚާބުގައި އާ ގައުމީ މަޖިލިހުގެ މެޖޯރިޓީވެސް ރައީސް ސާލިހުގެ ފެކްޝަނުން ކާމިޔާބު ކޮށްފިނަމަ، އެ ކާމިޔާބު ވެގެންދާނީ ހަގީގަތުގައިވެސް އެމްޑީޕީއަށް އަންނާނެ ވަރަށްވެސް ބޮޑު ބަދަލެއްގެ ފެށުމަކަށްކަން މިއީ މިއަދު ވަރަށްވެސް ގިނަބަޔަކު ގަބޫކުރާ ހަގީގަތެކެވެ.
އަދި ހަމަ އެއާއެކު އެފަދަ ބޮޑު ބަދަލެއް ވެގެންދާނީ، އެމްޑީޕީގެ އެތެރެއިން ފެނުން އެތައްބަޔަކު އުއްމީދު ކޮށްގެން ތިބި އިސްލާހީ ޑިމޮކްރަޓިކް އެތައް ބަދަލުތަކެއް ފެށުމަކަށް ކަމުގައި ވާއިރު، ނައްތާލަންޖެހޭ ކަމަށް ސިޔާސީ މަސްރަހުގައި އިސްކޮށް ތިއްބެވި އެތައް ބަޔަކުވެސް ގަބޫލު ކުރަމުންދާ، އެކެއްގެ ވަށައިގެން އެބުރޭ ސިޔާސީ ފިކުރުގެ ސަގާފަތާ ދުރަށް ދިއުމަށްވެސް މިއީ ގިނަބަޔަކަށް ލިބިގެން ދާނެ ފުރުސަތެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.
One Response
ލާދީނީބައިގަޑު ނެތިކުރައްވާށިއެވެ ވަރުގަދަހިއްޕެއްވުމަކުންހިއްޕަވާދޭ