ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިންގި ފަނޑިޔާރުންގެ އިންސާފުވެރިކަމާއިއެކު ސުވާލު އުފެދިފައިވާ މިދަނޑިވަޅުގައި، އިންސާފުވެރި ޝަރީއަތަކަށް ޔާމީނަށް ފުރުސަތު ދޭންޖެހޭކަމަށް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލި އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ހުކުމް ކޮށްފައިވާ 5 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކުވެ، ހުކުމާއިމެދު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާ މިހާލަތުގައި އިހުސާން ވިދާޅުވީ ފަނޑިޔާރަކު ކޮށްފައިވާ ހުކުމަކާއި ގުޅިގެން ސުވާލު އުފެދޭ ކަމުގައިވާނަމަ، އެޝަރީއަތެއް އަލުން ބެލެންޖެހޭކަމަށެވެ. ފަނޑިޔާރުންނަކީ މިނިވަންކަމާއި އަދުލުވެރިކަމާއި، އިންސާފުވެރި ކަމާއިއެކު ގޮތް ނިންމަންޖެހޭ ބަޔަކަށްވާއިރު، ސުވާލު އުފެދޭ ގޮތަކަށް ނިންމާ ނިންމުމަކީ އަލުން ބެލެންޖެހޭ ކަންތައްތަކެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ނުވަތަ ފަނޑިޔާރުންގެ މިނިވަންކަމާއި، އިންސާފުވެރިކަމާއި، ނުފޫޒުން އެއްކިބާވެފައިވާ ކަމާއި ދޭތެރޭ ސުވާލު އުފެދޭ ހިސާބުން އެ ފަނޑިޔާރަކު މަޤާމުން ދުރުކޮށް، އެ ފަނޑިޔާރަކު އިއްވި ހުކުމް ބާތިލްކުރެވި އަލުން އިންސާފުވެރި ޝަރީއަތަކަށް ފުރުސަތު ދޭންޖެހޭނެ.
– އިހުސާން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފައެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފައެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ.
އެ އޯޑިއޯތަކާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލްވުމެއް ރޭ ވަނީ ބާއްވާފައެވެ. ބައްދަލްވުމަށް ވަނީ ރައީސް ޔާމީން އެއްވެސް ޝަރުތެއް ނެތި މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ހުށައަޅާފައެވެ. މި އިސްލާހާއެކު ގަރާރު ފާސްކުރީ ބައްދަލްވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.