ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއްކަން އެމަނިކުފާނުގެ އެމައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީއެއް އޯޑިއޯއިންވެސް ހާމަވެފައިވާކަމަށާއި، މިމައްސަލަ ބަލަން ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް އެމައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީއެއް ކަމަށްވާ ހުސެއިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފައެވެ. މިހާރު ދައުރުވަމުންދާ އޯޑިއޯގައި ދެކެވިފައިވާ ވާހަތަކާއި ގުޅިގެން މިއަދު ބޭއްވި ޕްރެސްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވީ މި އޯޑިއޯއިން ހުކުމަކީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮވެގެން ކުރި ހުކުމެއްކަން ސާފުވާނެކަމަށެވެ.
އޭނާ ވިދާޅުވީ މިމައްސަލަ ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ހުށަހަޅާނެކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގައި އޮތް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން މިކަންކަމަށް އިންސާފު ލިބިދާނެކަމަށް ސުވާލު އުފެދޭކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިންވެސް ރައީސް ޔާމީނަށް ހުކުމްކުރި ސްޕްރީމް ކޯޓުގެ ފަނޑިޔާރުގެންގެ ބެންޗުގައި ހިމެނޭ އަލީ ރަޝީދުގެ މައްސަލަ ބަލަން ހުށަހެޅުމުން އެކަން ބެލިފައި ނުވާކަމަށެވެ.
ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.
ދައުރުވަމުންދާ އޯޑިއޯގައި ގާޒީ ހުސެއިން ފާއިޒް ވިދާޅުވީ "ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް" ހުންނަ ކަމަށެވެ. އޭނާ ނޫނަސް އޭނާ އާއި ގާތް ގުޅުމެއް އޮންނަ މިސާލަށް އޭނާގެ އަނބިމީހާ އާއި މެދު އެފަދަ ގޮތަކަށް (ރަހީނުކޮށް) އަމަލެއް ހިންގިދާނެ ކަމަށް ވެސް އޯޑިއޯގައި ގާޒީ ހުސެއިން ފާއިޒް ވިދާޅުވެފައި ވެއެވެ.
އޯޑިއޯގައި ގާޒީ ހުސެއިން ފާއިޒް ވިދާޅުވީ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރީ އެންމެ ސަބަބެއް ކުރިމަތިވެގެން ނޫން ކަމަށެވެ. ބައިވަރު ސަބަބުތައް އެކަމުގައި އެބަހުރި ކަމަށާއި ނަމަވެސް ތަފްސީލެއް ދެވެން ނެތް ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ