ރައްޔިތުން ބޭނުންވީމާ ސަރުކާރު ވައްޓާލެވެންޖެހޭނެ، އެކަންކުރެވޭނެ ނިޒާމު ހޯދަންވީ: ބޮންޑޭ

ރައްޔިތުން ބޭނުންވީމާ ސަރުކާރު ވައްޓާލެވެންޖެހޭނެ، އެކަންކުރެވޭނެ ނިޒާމު ހޯދަންވީ: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2021 09:01
0

ރައްޔިތުން ބޭނުންވުމުން އެއިރެއްގައި އޮންނަ ސަރުކާރު ވައްޓާލެވެންޖެހޭ ކަމަށާއި، އެކަންކުރެވޭނީ ބަރުލަމާނީ ނިޒާމުގެ ތެރެއިން ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމުގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާ ޕެޓިޝަނެއް ތައްޔާރުކޮށް އެ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމަކަށް އޮތީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

އޭނާވަނީ މިހާރު އޮތް ބަރުލަމާނީ ނިޒާމުގެ ތެރެއިން، ހިނގަމުންދާ ސަރުކާރުގެ ގިނަ ކަންކަމުން މިސާލު ނަންގަވައި، ރައްޔިތުން އެދޭ މިންވަރާއި ގާތަށްވެސް ކަންކަން ނުދާކަން ފާހަގަކޮށްފައެވެ. އެގޮތުން މިނިސްޓްރީތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށް ނުދެވުމާއި، ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތަށް ނުދެވުމުންވެސް ރައްޔިތުންނަށް އޮތީ 5 އަހަރުގެ ދައުރު ނިމެންދެން މަޑު ކުރުންކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުގައި ރައްޔިތުން އެދޭގޮތަކަށް ސަރުކާރު ނުހިނގާނަމަ ރައްޔިތުންނަށް އެދޭގޮތަށް އެކަންކަން ކުރެވޭނެ ފުރުސަތު އޮތްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ. ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވޭނީ ބަރުލަމާނީ ނިޒާމަކުން. ރައީސް ނަޝީދު ވެރިކަން ވެރިކަން ކުރެއްވީ ބަރުލަމާނީ ނިޒާމެއްގައި، ކޮންމެ ދުވަހަކު މަޖިލިސް މެންބަރުން މުލިއާ ގެއަށް ގެންދަވައިގެން މަޝްވަރާ ކުރައްވާ،

– ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް މިއަދު ސަލާމަތާއި ރައްކާތެރިކަންވެސް ނެތްކަމަށެވެ. އެކަމުގެ އެންމެ ބޮޑު ހެތްކަކަކީ ދައުލަތުގެ އެއްބާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ރައްކާތެރިކަން އަދާއިހަމައަށްވެސް ޔަގީންކޮށް ނުދެވުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުން ރިޕޯޓެއް ހަދައި ކަންކަން އިސްލާހު ކުރަން ހުށަހެޅުމުންވެސް އެކަން ކުރެވޭތަން ނުފެންނަކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭވަނީ މިއަދުވެސް ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރުމަކީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. ބޮންޑެ ވިދާޅުވީ، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 2007 ގައި ނެގުނު ވޯޓާ ގުޅޭ ގޮތުން ރައްޔިތުންގެ ގިނަ ބަޔަކު މިހާރު ޝައްކު އުފައްދަވާ ކަމަށެވެ. އަދި ދެ ނިޒާމުގެ ތަފާތު ވެސް މާ ބޮޑަށް ދެނެގަނެވިފައި ނުވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ޕެޓިޝަންގައި ސޮއިކުރުން ފެށުމަަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޕެޓިޝަންގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރި ނުވެވުނަށް، މަޖލީހުގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް އާންމު މެމްބަރުންވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ޝުއޫރު ފާޅު ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.