ޔާމީންގެ ކުށެއްނެތްކަން ސާބިތުވާނެކަމުގެ، ފުރިހަމަ ޔަޤީންކަން އެބައޮތް: ވަކީލުން

ޔާމީންގެ ކުށެއްނެތްކަން ސާބިތުވާނެކަމުގެ، ފުރިހަމަ ޔަޤީންކަން އެބައޮތް: ވަކީލުން

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2021 06:31
0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ކުށެއްނެތް މައުސޫމް ބޭފުޅެއްކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރަހަމަ ޔަގީންކަން އެބައޮތް ކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މާދަމާގެ އަޑުއެހުމުގެ ކުރިން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ރައީސް ޔާމީންގެ ގެކޮޅުގައި ބޭއްވި ބައްދަލުވުމަށްފަހު، ވަކީލް އާދަމް ޝަމީމް ވިދާޅުވީ ރައީސް ރައީސް ޔާމީނާ މިއަދު ބައްދަލުވެ، އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކާއި، ކުރިއަށްދާ ޝަރީޢަތްތަކާގުޅޭގޮތުން، މަޝްވަރާ ކުރެވުނުކަމަށެވެ. އަދި އެމަނިިކުފާނަށް އުފުލާފައިވާ ދައުވާތަކާއި، އަދި ކޮށްފައިވާ ހުކުމަކީވެސް ނާއިންސާފު ހުކުމެއްކަން ސާބިތުކޮށް، އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ސާބިތުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ޝަމީމް ވިދާޅުވިއެވެ.

ރައީސް ޔާމީނާ މިއަދު ބައްދަލުވެ، އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކާއި، ކުރިއަށްދާ ޝަރީޢަތްތަކާގުޅޭގޮތުން، މަޝްވަރާ ކުރެވުނު. ﷲ ގެ އިރާދަފުޅުން އެމަނިކުފާނުގެ ކުށެއް ނެތްކަން ސާބިތުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް.

– ޝަމީމް ވިދާޅުވިިއެވެ.

މާދަމާ 9 ޖަހާއިރު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ އަޑުއެހުމަކީ ރައީސް ޔާމީން ދަޢުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 86 ހެއްކެއް ހުށައަޅާފައެވެ. އެގޮތުން ހުށައަޅާ ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ ޝަފައީ ހެކިންނާއި ކިތާބީ ހެކިން ހުށަހަޅާފައެވެ. އެގޮތުން ޖުމްލަ 30 ހެއްކެއް ހުށަހެޅުއްވި އެވެ. ޝަފައީ ހެކިންގެ ގޮތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ސަން ސިޔާމާއި، އަހުމަދު ކްރިކް ރިޒާ ހިމެނެއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށައެޅި ކިތާބީ ހެކިތަކުގެ ތެރޭގައި ބެންކް ސްޓޭޓްމެންޓްތަކާއި، އޭރު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި ދެމެދު ކުރެވުނު މުއާމަލާތްތައް ހިމެނެއެވެ. މާދަމާގެ އަޑުއެހުމުގައި މިކަންކަމާއިމެދު ވާހަކަ ދެކެވި ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.