ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަލީ ހައިޝަމް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
އަލީ ހައިޝަމް އަކީ ހަމަލާ ދިނުމަށް ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ހަރަކާތްތެރިވީ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އެންމެ ފަހުން ދައުވާކުރަން ފޮނުވީ ހައިޝަމްގެ މައްސަލައެވެ.
އޭގެ ކުރިން ހަމަލާގެ ތުހުމަތުގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަށް ޕީޖީ އޮފީހުން ވަނީ ދައުވާ އުފުލާފައެވެ.
މި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ. މި މީހުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ދައުލަތުން ބުނާ ގޮތުގައި އަދުހަމަކީ ބޮން ގޮއްވައިލި މީހާއެވެ. މުޖާޒް އަކީ އަދުހަމް ފިލުވަން މަސައްކަތް ކުރި މީހާ އެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެކެވެ. ހައިޝަމަކީ ވެސް ބޮން ހަރު ކުރުމުގައި އަމަލީ ގޮތުން އުޅުނު މީހެއް ކަމަށާއި ބޮމުގެ ބައިތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނެއެވެ.
މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެއެވެ.