އައްޑޫ ސިޓީ ހުޅުމީދޫ ޒުވާނުންގެ އުންމީދަކީ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވި ރަށުން އާމްދަނީ ނެރެވޭނެ ގޮތްތަކެއް ކަމަށާއި އެ އުންމީދުތަކުގައި ކުލަޖައްސައިދެއްވާނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަތޮޅުތެރެއަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން އައްޑޫ ސިޓީގެ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ޒުވާނުންނާއި ބައްދަލުކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ހުޅުމީދޫ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖައްސައިދެވޭނީ ރައީސް ޔާމީނަށް ކަމަށާއި އެދުވަސް ކައިރިވަމުން އަންނަކަމަށެވެ.
ހުޅުމީދޫއަށް ވަޑައިގެންނެވި ޓީމުގައި މެމްބަރު އާދަމް ޝަރީފާއި އެކު އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޝާހިދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިދިކޮޅުގެ ޓީމުތަކުން އައްޑޫއާއި ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރަމުންދާ ދަތުރުތަކުގައި ގިނައަދަދެއްގެ މީހުން ޕާޓީއާއި ގުޅެމުން ގެންދާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.
ޕީޕީއެމްގެ ޓީމުތަކުން އަތޮޅުތަކަށް ކުރަމުން ގެންދާ މިދަތުރުތަކުގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން އެކުލަވާލާ މެނިފެސްޓޯއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށްވެސް ނިންމާފައިވެއެވެ. މީގެއިތުރުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދުމަށްވެސް ނިންމާފައިވެއެވެ.