މެލޭޝިއާގެ އާ ބޮޑުވަޒީރަކަށް، އިސްތިއުފާ ދެއްވި، މުހުޔިއްދީން ޔާސީންގެ ނާއިބަކަށް ހުންނެވި، އިސްމާއިލް ސަބުރީ އައްޔަން ކުރައްވަން އެގައުމުގެ ރަސްގެފާނު ނިންމަވައިފިއެވެ.
އިސްލާއިލް ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވުމަށް ރަސްގެފާނު ނިންމެވުމާ ގުޅިގެން، 2018ވަނަ އަހަރު، ހައިރާން ކުރުވަނިވި ނަތީޖާއަކާއެކު ބަލިވި، އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަމްނޯއަށް އަނެއްކާވެސް އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމް ކަށަވަރު ވެގެން ދާނެއެވެ.
އިސްމާއިލްއަކީ، ކޯލިޝަންގެ އެތެރޭގެ ކޯޅުން ބޮޑުވެ، މަގާމާ ހަވާލުވިތާ އެންމެ 18 މަސްދުވަސް ވީތަނާކަހަލަ ގޮތަކަށް މަގާމުން އިސްތިއުފާދެއްވި، މުހުޔިއްދީން ޔާސީންގެ ސަރުކާރުގަ ބޮޑުވަޒީރުގެ ނާއިބު ކަމުގެ މަގާމްގައި ހުންނެވި ބޭފުޅާއެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އިސްމާއިލް އައްޔަން ކުރެވުމާއެކު، އަނެއްކާވެސް އެކަތިގަޑަކަށް ވެގެންދާނީ، އިސްތިއުފާދެއްވި މުހުޔިއްދީން ޔާސީން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށް އޭނާވެސް އެކުލަވާލެއްވި ކޯލިޝަން ސަރުކާރެވެ. އަދި ހަމަ އެއާއެކު، އަނެއްކާވެސް މެލޭޝިއާގެ ވެރިކަމަށް އަންނާނީ، އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނިޒޭޝަން، އަމްނޯއެވެ. އެޕާޓީއަކީ، މެލޭޝިއާ 1957ވަނަ އަހަރު އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ޕާޓީއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އިސްމާއިލް ހަމަޖައްސަވަމުން އެގައުމުގެ ރަސްގެފާނު ސުލްތާން އަބުދުﷲ ސުލްތާން އަހުމަދު ޝާހު ވިދާޅުވެފައިވަނީ، އިސްލާމާއިލްވަނީ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ކަމުގައިވާ 114 މެމްބަރުންގެ ތާއީދު ހޯއްދަވާފައި ކަމުގައެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ، މެލޭޝިއާގެ 9ވަނަ ބޮޑުވަޒީރުގެ ގޮތުގައި މިހަފްތާގެ ހޮނިހިރު ދުވަހު އިސްމާއިލް ހުވާ ކުރައްވާނެ ކަމުގައެވެ.
މޭލޭޝިއާގައި އެގައުމުގެ ރަސްގެފާނަށް ރަމްޒީ ދައުރެއް އޮތްކަމުގައިވި ނަމަވެސް، ގާނޫނުހަދާ މަޖިލިހުގެ މެޖޯރީ އޮތްކަމަށް ރަސްގެފާނަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރުމުގެ ފުރުސަތު ރަސްގެފާނަށް ގާނޫނު އަސާސީން ލިބިދީފައި އޮވެއެވެ.
ސުލްތާން އަބުދުﷲ އާންމު ކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ބޮޑުވަޒީރުކަމަށް އިސްމާއިލް އައްޔަން ކުރެވިގެން ދިއުމާއެކު، އެމަނިކްފާނު ގަބޫލުކުރައްވާ ގޮތުގައި މެލޭޝިއާގައި މިވަގުތު އުފެދިފައިވާ ސިޔާސީ ކޯޅުމަށް ނިމުމެއް އަންނާނެއެވެ. އަދި ރަސްގެފާނު ވަނީ، ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންގެ، ޚިޔާލު ތަފާތުވުންތަކުން އެއްކިބާވެ، ގައުމަށް ކުރިމަތިވެފައިވާ ކޯވިޑް19 ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށް ގޮވާލައްވާފައެވެ.
އިސްމާއިލަށް ގާނޫނުހަދާ މަޖިލިހުގެ 114 މެމްބަރުންގެ ތާއީދު ލިބިގެން ދިއުމާއެކު، އޭނާއަށްވަނީ، ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް ބޭނުންވާ 111 މެމްބަރުންނަށް އިތުރަށް މެމްބަރުންގެ ތާޢީދު ލިބިވަޑައިގެންފައެވެ. އިސްމާއިލަކީ، އަލަށް މި އުފެދިގެންދިޔަ އިއްތިހާދުގައި ހިމެނޭ އަމްނޯގެ މެމްބަރަށް ވުމުން، އޭނާއަށް ގާނޫނުހަދާ މަޖިލިހުގައި ރަގަޅު ތާޢީދެއް އޮތްނަމަވެސް، ބޮޑުވަޒީރުކަމުގައި ދެމިހުރުމަށް އޭނާއަށް އަދިވެސް މުހިޔުއްދީންގެ ޕާޓީގެ ތާއީދު ބޭނުންވާނެއެވެ.
އިސްމާއިލް މެލޭޝިއާގެ ބޮޑޫވަޒީރުކަމަށް އައްޔަން ކުރުމަށް ރަސްގެފާނު ނިންމެވުމާގުޅިގެން، ހިންހަމަނުޖެހުން ފާޅުކޮށް، މެލޭޝިއާގެ ބައެއް ރައްޔިތުން ދަނީ، މިނިންމެވުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މިހާތަނަށް މި ޕެޓިޝަންގައި 34،000 މީހުން ސޮއިކޮށްފައިވާއިރު، ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އިސްމާއިލ ބޮޑުވަޒީރުކަމަށް އައްޔަކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކޯވިޑް ހާލަތު ރަގަޅު ކުރުމުގައި މިހާރުވެސް ފެއިލް ވެގެން ގޮސްފައިވާ އެގައުމުގެ ސަރުކާރަށް މާބޮޑު ބަދަލެއް ނާންނާނެއެވެ.
އާބާދީގެ ނިސްބަތުން މެލޭޝިއާއަކީ މިހާރު ދުނިޔޭގައި ކޯވިޑަށް މީހުން ޕޮޒިޓިވްވާ އަދި މީހުން މަރުވަމުންދާ ނިސްބަތް އެންމެ މަތީ އެއްގައުމެވެ. އަދި އެގައުމު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮންނަތާ 7 މަސްދުވަސްވެފައިވާއިރު، މި އަހަރުގެ ޖޫން މަހުންފެށިގެން ގައުމު އޮތީ ލޮކް ޑައުންއެއްގައެވެ.
މިއަހަރު ޖޫންމަހުން ފެށިގެން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދައު އެގައުމިގައި ދެގުނަ ވެގެން ގޮސްފައިވާއިރު، މިހަފްތާގެ ހުކުރުދުވަހުވަނީ، ރެކޯޑް އަދަދެއްކަމުގައިވާ 23,564 މީހުން އެގައުމުގައި ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަމީހުން މެލޭޝިއާގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 13,000އަށްވުރެ ގިނަމީހުން ވަނީ އެގައުމުގައި މިބަލީގައި މަރުވެފައެވެ.