ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ސައިފް އަލީ ޚާނާއި ކަރީނާ ކަޕުރު މިވަގުތު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މި ދަތުރުގައި އެދެމީހުންގެ ދަރިން ކަމުގައިވާ 4 އަހަރުގެ ތައިމޫރު އާއި 6 މަހުގެ ޖެހް ވެސް ބައިވެރިވެފައި ވެއެވެ.
މި ދަތުރަކީ ސައިފްގެ އުފަންދުވަސް ފާހަގަ ކުރުމަށް އެމީހުން ކުރި ދަތުރެކެވެ. ސައިފް ގެ 51 އެއްވަނަ އުފަންދުވަހުގެ އުފަލުގައި ކަރީނާ ވަނީ އިންސްޓަގްރާމުގައި ފޮޓޯއެއް ހިއްސާކޮށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.
މި ފޮޓޯ ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. ސަބަބަކީ މި ފޮޓޯއަކީ މިހާތަނަށް ޖެހްގެ މޫނު ފެނަން ގޮތަކަށް ކަރީނާ ޕޯސްޓް ކުރި ފުރަތަމަ ފޮޓޯއަށް ވުމުންނެވެ. 6 މަސް ވީއިރުވެސް ޖެހްގެ މޫނު ފެންނަ ފޮޓޯއެއް އެމީހުން އާންމު ކޮށްފައެއް ނުވެއެވެ.
ނަމަވެސް ރާއްޖެ އަށް ޗުއްޓީއަށް އައުމުގެ ކުރިން ކަރީނާ އޭނާގެ ބައްޕަ ރަންދީރު ކަޕޫރުގެ ގެއަށް ކުރި ޒިޔާރަތުގައި ޕަޕަރާޒީން ވަނީ ޖެހްގެ ފޮޓޯ ނަގާފައެވެ.
މީގެއިތުރުން ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ވަނީ އޭނާގެ އެއްބަފާ ކޮއްކޮ، ޖެހް ހިމެނޭ ފޮޓޯއެއް އާންމުކޮށްފައެވެ. އެގޮތުން ބައްޕަގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށް ސާރާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ސާރާއާއި ޖެހްގެ އިތުރުން ބައްޕަ ސައިފް އާއި ދޮންމަންމަ ކަރީނާ ފެނިގެންދެއެވެ.
ރާއްޖޭގައި ހޭދަކޮށްލާ ޗުއްޓީއަކީ ސައިފް ވަރަށް ބިޒީކޮށް އުޅުމަށްފަހު ނެގި ޗުއްޓިއެކެވެ. މި ޗުއްޓީގެ ހުރިހާ ކަމެއް ރާވާ އިންތިޒާމު ކުރީ ކަރީނާއެވެ. އޭނާ މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ޗުއްޓީ އޭނާ ހޭދަކުރަން ބޭނުންވަނީ ޕްރައިވެޓް އައިލެންޑެއްގައެވެ.