އެމްއެންޕީއާއިއެކު ސިޔާސީ މައިދާނަށް ނިކުތީ، ޤައުމުގެ ހައްގުގައި: އިހުސާން

އެމްއެންޕީއާއިއެކު ސިޔާސީ މައިދާނަށް ނިކުތީ، ޤައުމުގެ ހައްގުގައި: އިހުސާން

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 02:57
0

މޯލްޑިވަސް ނޭޝަލް ޕާޓީއާއި ގުޅިވަޑައިގެން ސިޔާސީ މަސައްކަތަށް ރަސްމީކޮށް ނިކުންނެވީ، ޤައުމުގެ ހައްގުގައި، ޤައުމަށް އަގުހުރި ޚިދުމަތްތަކެއް އަނެއްކާވެސް ކޮށް ދެއްވުމަށް ކަމުގައި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމްއެންޕީއާއި ގުޅުނުކަން ރަސްމީކޮށް ހަމަކުރައްވައި އިހުސާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި އިޤްތިޞާދީ އަދި ސަރަޙައްދީ މިނިވަންކަމަށް ކުރިމަގުގައި ނުހަނު ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަމަށާއި، އަދި މިހާރު ވެސް ކުރިމަތިވެފައިވާކަމަށެވެ. މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ، ދިވެހި ފަސްގަނޑާއި ދިވެހީން ދެކެ ތިމާގެ ނަފުސަށްވުރެ ބޮޑަށް ލޯބިވާ، ތެދުވެރި، އިޚްލާސްތެރި، ތަޢުލީމީ އަދި ޒިންމާދާރު ދިވެހީންތަކެއް ރާއްޖޭގެ ސިޔާސީ މައިދާނުގައި ދިވެހީންގެ ޙައްޤުގައި މަސައްކަތްކޮށްގެން ކަމަށް އިހުސާން ވިދާޅުވިއެވެ.

އަދި ސިޔާސީ މައިދާނަކީ ވަކިބަޔަކަށް ބޭނުންހާގޮތެއް ހެދުމަށް އޮތް ފުރުސަތެއް ކަމަށް ދޫކޮށްނުލައި ވީހާވެސް ގިނަ ތަޢުލީމީ ޒުވާނުން ނުކުމެ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމުގައި ރެއާއި ދުވާލު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

– ކެޕްޓަން އިހުސާން ވިދާޅުވިއެވެ.

އޭނާއަކީ ދިވެހިރާއްޖެއާއި ދިވެހީން ދިފާޢުކުރުމުގައި އަމިއްލަ ފުރާނަ ޤުރުބާންކުރުމަށް ތައްޔާރަށް ހުރިކަމަށް މާތްﷲ ގަންދީ ހުވާކޮށްގެން ހުރި ކުރީގެ ސިފައިންގެ އޮފިސަރަކަށްވާތީ، އިސްވެ ދެންނެވުނު ޙާލަތުގައި ޤައުމު އޮންނަން ޖެހޭނެކަމަށް އެއްވެސް ވަރަކަށް ޤަބޫލު ނުކުރާ އަދި ޤަބޫލު ނުވެސް ކުރެވޭނެ މީހެއް ނޫންކަމަސްވެސް އިހުސާން ވިދާޅުވިއެވެ.

އަދި ރަސްމީގޮތުން ސިޔާސީ މައިދާނަށް ނުކުމެ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ފުރަތަމަ ފަހަރަށްވެ، ޤައުމުގެ ޙައްޤުގައި ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެމްބަރަކަށް ވުމަށް ނިންމީކަމަށް އޭނާ ވިދާޅުވިއެވެ. އަލީ އިހުސާން އެމްއެންޑީއެފްގެ ކެޕްޓަންކަމުގެ މަގާމު އަދާ ކުރެއްވުމަށް މަގާމުން އިސްތިއުފާ ދެއްވިފަހުން، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އާއިލީ ވިޔަފާރީގައެވެ. އެގޮތުން އޭނާ މިހާރު އަދާ ކުރައްވަމުން ގެންދަވަނީ، ހެޕީ މާރކެޓްގެ ސީއީއޯކަމުގެ މަގާމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިހާރު
ތިޔަބުނި ހުރިހާ ކަމެއް ނަގާލި ވެރިކަން ގެނައި ދެ ޚާއިނުންނާ ތިޔަ ގުޅުނީ