މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނު ބޭސްފަރުވާއަށް ރައްޖެއިން ބޭރަށް ދިއުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގަތުމަށް، ފަސްޖެހޭ ސަބަބާއި އަދި އެމަނިކުފާނު މިއަދު މަޖިލީހަށް ފޮނުވި ސިޓީގައި ހިތް ހަލާސްކޮށް ހިއްސާ ކުރެއްވި ވާހަތައް ވަރަށް ސީރިއަސްކޮށް ބަލަންޖެހޭކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ އާ ދައުރު މިއަދު ފެށުނު އިރުވެސް ރައީސް ނަޝީދު މަޖިލީހުގައި ނެތުމަކީ އެކަމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭ ސަބަބެއް މަޖިލީހަށް ހުށަހަޅައިގެން ނަމަވެސް ހޯދުމަކީ މިވަގުތު ކުރަން އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލިސް ރައީސް ރާއްޖޭގައި ނެތި ޖަލްސަތައް ކުރިއަށްދާކަމީ ވަރަށް ބޮޑު ޤާނޫނީ ހުސްކަމެއް މަޖިލިސްއަށް އަންނަ ކަމެއްކަމަށެވެ. މަޖިލިސް ރައީސް ނެތި ޖަލްސާތައް ކުރިއަށް ގެންދަންޖެހޭ ސަބަބާއިމެދު މަޖިލިސް މެމްބަރުން ސުވާލު ކުރަންޖެހޭ ކަމެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މަޖިލިސްގެ ރައީސްގެ ޚިދުމަތް ނުލިބޭގޮތަށް އޮތުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
އަަދި މަޖިލީހުގެ ރައީސް ރާއްޖެއިން ބޭރުގައި ބަހައްޓަކައި މިހާރު ސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ ބަލައި ގަނެވޭ ކަމެއް ނޫންކަމަށެވެ. މަޖިލީހަކީ ދައުލަތުގެ ތިންވަނަ ބާރު ކަމަށް ވާއިރު ގާނޫނުތައް ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުގެ ޒިންމާ އެކެވެ. އަދި މަޖިލީހުގެ ހުރިހާ މެމްބަރުންނާއި މަސައްކަތްތަކާއި ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސް ފަރާތަކީ ރައީސް ނަޝީދު ކަަމަށްވާއިރު މަޖިލީހުގައި އެމަނިކުފާނު ވަޑައިގެންނެތުމުން މަސައްކަތްތައް ވެސް ހުރަސް އެޅޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ މަސައްކަތްތަކުގައި މިވަގުތު ނޫޅުއްވި ނަމަވެސް އެމަނިކުފާނާ މެދު ހިތްހަލާސް ކަމަށެވެ.
މަޖިލިސް ރައީސް ވަނީ އެމަނިކުފާނަށް ދެވެނު ހަމަލާގެ ތަހުގީގް ނިމި އެހަމަލާއަށް ފަންޑު ކުރި މީހުންނާއި، ހަމަލާގައި ބައިވެރިވި އެންމެންގެ މައްސަލަތައް ތަހުގީގް ކުރެވުމުން ނޫނީ ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި ހެޔޮއެދޭ އެތައް ބަޔަކު އެދޭ ގޮތެއް ނޫންކަމަށެވެ.
6 މޭ 2021 ވަނަ ދުވަހު އަޅުގަނޑަށް ދިން ޙަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަޙްޤީޤު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނޭ. އެ ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އަޅުގަނޑު ރާއްޖެ ދިޔުމަކީ އަޅުގަނޑުގެ އާއިލާއާއި އަޅުގަނޑަށް ހެޔޮއެދޭ އެތައް ބަޔަކާއި އަޅުގަނޑުވެސް ޖެހިލުންވާކަމެއް.
– މަޖިލިސް ރައީސްގެ ސިޓީގައި ވެއެވެ.
އެހެންކަމަށް ވުމުން މިމައްސަލަ މިހާރުވެސް ތަހުގީގް ކުރެވެމުންދާއިރު، ތަހުގީގް ނިމެންދެން ރާއްޖެއިން ބޭރުގައި ރަސްމީ މަސައްކަތުގައި އުޅެވޭ ގޮތަށް ޗުއްޓީ ހަމަޖައްސަވައި ދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މަޖިލިސް ރައީސް ވަނީ މަޖިލީހުގެ ކިބައިން ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާޞްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށް އެދިފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނައިރު މަޖިލީހުގެ އެންމެހައި ކަންކަން ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ ނައިބު ރައީސް އިސްވެ ހުންނަވައި މަޖިލީހުގެ އިދާރާއިން ހިންގާނެކަމީ ހިތުގައި އެއްވެސް ޝައްކެއް އުފެދޭކަމެއްނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ބޭރުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގައި މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި، ޚާއްޞަ ގޮތެއްގައި އިންޓަރޕާލަމެންޓަރީ ޔޫނިއަންއާއި، ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލައިމެޓް ވަލްނަރަބްލް ފޯރަމްއާއެކު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ