މެލޭޝިއާގެ ބޮޑުވަޒީރު، މުހުޔިއްދީންގެ ކެބިނެޓް އިސްތިއުފާ ދީފިއެވެ.
ބޮޑުވަޒީރު، މުހުޔިއްދީންގެ ކެބިނެޓް އެގައުމުގެ ރަސްގެފާނު ސުލްތާން އަބުދުﷲ އަހުމަދު ޝާހުއަށް މިއަދު އިސްތިއުފާ ހުށަހަޅުއްވާފައި ވާއިރު، ދެން އެގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނޭ ބޭފުޅަކު ޔަގީން ކުރެވިފައެއް ނުވެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ކެބިނެޓް އެކީ އިސްތިއުފާ ދިނުމާއެކު، އެގައުމުގައި މައިނޯރިޓީ ސަރުކާރަކަށް ވެރިކަން ކުރުމުގެ ޖާގަ ގާނޫނު އަސާސީން ލިބިދީފައި ނެތުމުގެ ސަބަބުން، ބޮޑުވަޒީރު މުހިޔިއްދީނަށްވެސް ދެން ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވާށެވެ. ތަނީޖާއެއްގެ ގޮތުތުން، ގައުމުގައި ކޯވިޑް19ގެ ހާލަތު ގޯސްވަމުން ދާއިރު، ހަމަ މިދަޑިވަޅުގައި އަނެއްކާވެސް މެލޭޝިއާ ސިޔާސީ ބޮޑު ކޯޅުން ގަޑެއްގެތެރެއަށް ވެއްޓިގެންދާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލިހުގައި މިހާރު އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައި ނެތުމާއި ގުޅިގެން، އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަލުމުގެ ފުރުސަތެއް މިވަގުތު ނެތެވެ. ނަތީޖާއެއްގެ ގޮތުން ދެން ކަންތައް ކުރާނެ ގޮތުގެ ބާރު ގާނޫނު އަސާސީން ލިބިދީފައި އޮތީ އެގައުމުގެ ރަސްގެފާނަށެވެ.
ނަތީޖާއެއްގެ ގޮތުން ދެން އެގައުމުގައި، ރަސްގެފާނަށް، ގާނޫނު ހަދާ މަޖިލިހުގެ ތެރެއިން ބޭނުންފުޅުވާ މެމްބަރަކު ގައުމުގެ ބޮޑުވަޒީރު ކަމުގައި ހަމަޖައްސާ، ދާއިމީ ސަރުކާރެއް އެކުލަވާލެވެންދެން، ވަގުތީ ސަރުކާރަކަށް ފުރުސަތު ދިނުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައި ވެއެވެ. އަދި ހަމަ އެއާއެކު، ގާނޫނު ހަދާ މަޖިލިސް އުވާލާ، އާ އިންތިޚާބެއް ބޭއްވުމަށް، މިހާރުގ ބޮޑުވަޒީރު މުހުޔިއްދީނަށް ރަސްގެފާނުގެ އަރިހުން އެދެވިދާނެއެވެ.
އެހެންނަމަވެސް، މަލޭޝިއާގައި ކޯވިޑްގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވެފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން، އާ އިންތިޚާބަކަށް ދާން ރަސްގެފާނު ނިންމަވާފާނެ ކަމަކަށް ނުބެލެވެއެވެ.
އަދި މިދެހާލަތުންކުރެ ހާލަތަކަށް ދާން ރަސްގެފާނު ބޭނުންފުޅު ވެވަޑައި ނުގަންނަވާނަމަ، ގިނަ މެމްބަރުންގެ ޚިޔާލު ހޯއްދެވުމަށްފަހު، ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަންކޮށް އާ ސަރުކާރެއް އެކުލަވާލުމަށް އެބޭފުޅަކަށް ރަސްގެފާނަށް ފުރުސަތު ދެއްވިދާނެއެވެ. މިހާރުގެ ބޮޑުވަޒީރު، މުހުޔިއްދީން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ، 222 މެމްބަރުންގެ ތާއީދާއެކު، މި ފުރުސަތު މުހުޔުއްދީނަށް ރަސްގެފާނު އޭރު ދެއްވުމުންނެވެ. އޭރު، 5 އަހަރަށް ރައްޔިތުން އިންތިޚާބުކުރި ކުރީގެ ބޮޑުވަޒީރު މަހާތީރުގެ ބޮޑުވަޒީރުކަމަށް ވެގެން ދިޔައީ އެންމެ 2 އަހަރު ދަުވަހެވެ.