ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓުވަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި ސްޕްރީމް ކޯޓުން ކުރިހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޢަލީ ވަހީދު ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ޢަލީ ވަޙީދު މި ވަގުތު ހުންނެވި އިނގިރޭސިވިލާތުގެ ފުލުހުންނާ ގުޅިގެން، ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށްވެސް މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.
ކޯޓަށް ހާޒިރުވާން އެންގުމުން ވެސް ހާޒިރު ނުވެ ހުރުމަތް ކަނޑާލި މައްސަލައިގައި އަލީ ވަހީދު 2 މަހާއި، 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަލީ ވަހީދުގެ ހުކުމް ތަންފީޒު ކުރުމަށް ސްޕްރީމްކޯޓުން ވަނީ ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
ސްޕްރީމްކޯޓުގެ ހުކުމުގެ މިއަމުރާއި ގުޅިގެން ކަރެކްޝަނުން ބުނީ، ހުކުމުގެ އަމުރު ކަރެކްޝަނަށް ލިބިފައިވާކަމަށާއި މިފަދަ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުން ކަރެކްޝަންގެ ބެލުމުގެ ދަށުގައި ނެތްމީހެއްގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި، ފުލުހުންގެ ކިބައިން އެދޭނެކަމަށެވެ.
ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.